މިމަހުގެ 10 ވަނަ ދުވަހު އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ދެވަނަ ބުރު ބާއްވަން ޖެހޭ ރަށްރަށާއި ދާއިރާތައް މިއަދު ކަނޑައަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފި އެވެ.

އީސީން މިގޮތަށް ބުނެފައިވާއިރު އެ ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން ހއ. ތަކަންދޫ ކައުންސިލްގެ އަންހުންނަށް ޚާއްސަކޮށްފައިވާ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑިއަށް ދެ ކެންޑިޑޭޓެއްގެ ވޯޓުގެ ނަތީޖާ ވަނީ ހަމަހަމަ ވެފައެވެ.

Ad
rt

އެއީ މިހާރުގެ ވެސް އެރަށުގެ ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި، އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓް އާއިޝަތު އާސިފާއާއި އަދި އަމިއްލަ ކެންޑިޑޭޓް އާމިނަތު ޒީނާއެވެ.

އާސިފާއާއި، ޒީނާއަށް ވެސް ލިބިފައި ވަނީ ކޮންމެ ކެންޑިޑޭޓަކަށް 285 ވޯޓެވެ. އެހެންކަމުން ތަކަންދޫ ކައުންސިލްގެ އަންހުންނަށް ޚާއްސަކޮށްފައިވާ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑިއަށް ދެވަނަ ބުރަކަށް ދާންޖެހެއެވެ.

ތަކަންދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ދެ ގޮނޑީގެ ތެރެއިން އެއް ކޮނޑިއަށް 299 ވޯޓުން އެމްޑީޕީގެ ކެންޑިޑޭޓް ޒާހިޔާ އަލީ ވަނީ އިންތިޚާބުވެފަ އެވެ.

އީސީގެ މެންބަރު ފުއާދު ތައުފީގު ވިދާޅުވެފައި ވަނީ، އިންތިހާބުގެ ދެވަނަ ބުރު ބާއްވަން ޖެހޭ ރަށްތައް ފައިނަލް ކުރުމަށް ކޮމިޝަންގެ ރަސްމީ ބައްދަލުވުމެއް މިއަދު ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި އިންތިހާބާއި ގުޅިގެން ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށާއި، އެ ޝަކުވާތަކަށް ވެސް އެ ބައްދަލުވުމުގައި ގޮތް ނިންމާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ނިންމުންތަކަށް ފަހު އިތުރު ރަށްތަކެއްގައި ދެވަނަ ބުރު ބާއްވަން ޖެހޭނަމަ އެކަމެއް ނިންމާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"އަދި އަޅުގަނޑުމެން އެއްވެސް ރަށެއްގައި ދެވަނަ ބުރު ބޭއްވުމަށް ފައިނަލް ނުކުރަން. މިއަދުގެ ބައްދަލުވުމުގައި އެކަން ނިންމާނީ. ދެވަނަ ބުރު ބާއްވަން މި ޖެހެނީ ފަސް މެންބަރުން އިންތިހާބުކުރާ ކައުންސިލެއް ނަމަ ފަސްވަނަ އަށް އިންތިހާބުކުރަން ޖެހޭ ކެންޑިޑޭޓަކަށް ދެ ބޭފުޅެއްގެ ވޯޓް އެއްވަރުވެއްޖެނަމަ،" ފުއާދު ވިދާޅުވިއެވެ.

ތަކަންދޫގެ އިތުރުން ބ. ކިހާދޫގެ ދެ ކެންޑިޑޭޓެއްގެ ވޯޓު ވެސް ވަނީ އެއްވަރު ވެފައެވެ. އެރަށުން 154 ވޯޓުން އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު ރަޝީދު ވަނީ ކައުންސިލް މެމްބަރު ކަމަށް އިންތިޚާބުވެފަ އެވެ.

ބާކީ ތިބި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން ދެވަނައަށް އެންމެ ގިނަ ވޯޓު ދެ މީހަކަށް ލިބުނީ އެއްވަރަކަށެވެ. އެގޮތުން އަމިއްލަގޮތުން ވާދަކުރި މުހައްމަދު ޝަރީފް އާއި މުހައްމަދު ގާސިމަށް ވެސް ލިބިފައި ވަނީ 102 ވޯޓެވެ. ބާކީ ތިބި ދެ ކެންޑިޑޭޓުންގެ ތެރެއިން މުހައްމަދު އަޔާޒަށް 92 ވޯޓު ލިބުނުއިރު، ނަޒްމީ އާދަމަށް 76 ވޯޓު ވަނީ ލިބިފަ އެވެ.

އެހެންކަމުން 102 ވޯޓު ލިބުނު ދެ މީހުންގެ މެދުގައި ދެވަނަ ބުރެއް ބާއްވަން ޖެހެއެވެ.

އީސީން އާންމުކުރި އިންތިހާބުގެ ވަގުތީ ނަތީޖާއިން މާލެ ސިޓީން ޕީޕީއެމަށް 13 ގޮނޑި ލިބިފައި ވެއެވެ. އެމްޑީޕީއަށް ލިބިފައި ވަނީ 6 ގޮނޑި އެވެ. ޖުމްހޫރީ ޕާޓީއަށް 1 ގޮނޑި ލިބިފައި ވެއެވެ.

މީގެ އިތުރުން 11 އަތޮޅެއްގެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ޕީޕީއެމަށް ލިބިފައިވަނީ 7 އަތޮޅެއްގެ އަތޮޅު ކައުންސިލްގެ މަގާމެވެ.