ކުޅުދުއްފުށީ ސިޓީގެ އަފީފުއްދީން ސްކޫލުގައި ޤާއިމްކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް އިފްތިތާހުކޮށްފި އެވެ.
އަފީފުއްދީން ސްކޫލްގެ އިތުރުން ޏ. ފުވައްމުލަކު ހާފިޒް އަހުމަދު ސްކޫލުގައި ވެސް ވަނީ "އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް" ޤާއިމްކޮށްފަ އެވެ.
އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ގާއިމުކުރެވުނު މި "އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް" ޤާއިމްކުރުމުގެ މަޝްރޫއު ނިމި، އެކަން ފާހަގަކުރުމުގެ ގޮތުން ވަރޗުއަލްކޮށް މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީ، ރައްޔިތުންގެ މަޖްލީހުގެ ކުޅުދުއްފުށީ އަދި ފުވައްމުލަކަށް ނިސްބަތްވާ މެމްބަރުން އަދި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބައިވެރިވެވަޑައިގަތެވެ.
މި މަޝްރޫގެ ދަށުން 'އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓު ޔުނިޓް'ތައް ޤައިމްކުރުމުގައި އެހީތެރިކަން ފޯރުކޮށް، މި ޔުނިޓުތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ޕްރޮގްރާމުތައް ހިންގައި، މި ޔުނިޓުތަކަށް ބޭނުންވާ ހާއްސަ މެޓީރިއަލް ފޯރުކޮށްދީފައިވެއެވެ. މި ޔުނިޓުތައް ފަރުމާކުރެވިފައި ހުންނާނީ އުނގެނިގަތުމަށާއި އުނގަންނައިދިނުމަށް ފަސޭހަވާނެ މާހައުލެއް ގާއިމުކުރުމަށެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ މި ދެ ސްކޫލުގައި ކުރިއަށްގެންދާ އިންކްލޫސިވް އެޑިޔުކޭޝަން ޕްރޮގްރާމުގެ ފެންވަރު ރަނގަޅުކޮށް ހުރިހާ ދަރިވަރުންނަށް ބައިވެރިވެވޭނެ މާޙައުލެއް ސްކޫލުގައި ޤާއިމް ކުރުމާއި ދަރިވަރުންގެ ތަރައްޤީއަށް މަގުފަހިވާނެ ވަސީލަތްތައް ޤާއިމް ކުރުން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީއިން ވަނީ ވިދާޅުވެފަ އެވެ.
އިންކްލޫސިވް ޔުނިޓުތަކަކީ ރާއްޖޭގެ ހުރިހާ ސަރަޙެއްދެއްގައި ތިބި ކުދިންނަކީވެސް ހަމަހަމަ ފުރުސަތު ލިބޭ ކުދިންކަން ކަށަވަރުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސްކޫލްތަކުގައި ޤާއިމުކުރާ ޔުނިޓުތަކަކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!