ކަނޑުމަހުގެ ދިގުމިނުގެ ހިސާބު ނެގުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް (ސާމްޕްލަރ) ހޯދަން އިއުލާނުކޮށްފިއެވެ.

ސަރުކާރުގެ ގެޒެޓްގައި ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވޯލްޑް ބޭންކާއި ދިވެހި ސަރުކާރާ ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހިންގާ މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓްގައި ހިންގޭ ކަނޑުމަސްވެރިކަމުގެ މަޢުލޫމާތު ނެގުމުގެ ޕްރޮގްރާމްގެ ދަށުން ބޮޑުކަންނެލީގެ މަސްވެރިކަމުން މައުލޫމާތު ނެގުމަސް ދެ ސާމްޕްލަރ ބޭނުންވާ ކަމަށެވެ.

Ad
rt

މި ޕްރޮޖެކްޓަކީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސިސްޓެންސް (އައިޑީއޭ)ގެ ހިލޭ އެހީގައި މަސްވެރިކަމުގެ ޞިނާއަތް ތަރައްޤީ ކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓުގެ ދަށުން ސާމްޕްލަރ ކުރަން ޖެހޭނެ މައިގަނޑު މަސައްކަތަކީ ބޮޑުމަސްވެރިކަން ކުރާ ދޯނިން ކުރާ މަސްދަތުރު ތަކުގައި ބާނާ މަހުގެ ގާތްގަނޑަކަށް %20 މަހުގެ ދިގުމިން ނެގުމާއި، މަސްވެރިކަން ކުރާ ދޯނިން ކުރާ މަސްދަތުރުތަކުގައި މަހުގެ ބަރުދަން އަދި އެންވެރިކަމާއި ގުޅޭ މަޢުލޫމާތު ނެގުމުގެ އިތުރުން ބޭނުންވެއްޖެ ހިނދެއްގައި މަސްވެރިކަމާ ގުޅޭ އެހެނިހެން މަޢުލޫމާތު ނެގުން ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މަސައްކަތްކުރުމަށް އެދި ހުށައަޅާ ފަރާތަކީ ބޮޑުކަންނެލީގެ މަސްވެރިކަމުގައި އުޅޭ، ގަވާއިދުން މަހަށްދާ މަސްވެރިއަކަށް ވާންވާނެ ކަމަށެވެ. އަދި ގްރޭޑް 10 އެއް ނިންމާފައިވާ ނުވަތަ އެއަށްވުރެ މަތީ ސަނަދުތައް ހުރި ފަރާތްތަކަށް ވެސް ވާން ވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިމަސައްކަތައް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް މަސްވެރިކަމުގެ ދިރާސާ މަސައްކަތްތަކުގައި މީގެ ކުރިން މިނިސްޓްރީގެ ޕްރޮޖެކްޓް ތަކުގައި އެހީތެރިވެދީފައިވާ އަދި މިފަދަ ކަންކަމުގެ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށް ވެސް އިއުލާނުގައި ވެއެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 22 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން ފިޝަރީޒް މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް(މެރިން ރިސާޗް ސެންޓަރ އިމާރާތް، ހ. ވައިޓްވޭވްސް، މޫންލައިޓް ހިނގުން) ނުވަތަ އެ މިނިސްޓްރީއަށް ލިޔެކިޔުންތައް ހުށަހެޅުން އެދެއެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ބުނީ މި މަސައްކަތް ކުރުމަށްޓަކައި ކެޔޮޅު ނުވަތަ އޮޑިވެރި ފަރާތުގެ ހުއްދަ ނެގުމާއި، އެހީތެރިކަން ހޯދުމަކީ މި މަސައްކަތައް ހޮވޭ ފަރާތެއްގެ ޒިންމާއެއް ކަމަށެވެ.