ދިވެހި މަސްވެރިކަން މާކެޓް ނުކުރުމަކީ ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމަށާއި، ޗޮކްލެޓްގެ އިންޑަސްޓްރީގައި ފެރާރޯ ޗޮކްލެޓްއަށް އެ ދަރަޖަ ލިބުނީ މާކެޓް ކުރެވުމުން ކަމަށާއި، އެ ބީދައިން ދިވެހި މަސްވެރިކަމުން ބާނާ މަސް ވެސް މާކެޓްކޮށް ފެރާރޯ ޗޮކްލެޓްފަދަ މަގުބޫލު އެއްޗަކަށް ދިވެހިން ބާނާ މަސްވެސް ހަދަންޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
ޢަލީ މިހެން ވިދާޅުވީ މިއަދު ކުރިއަށް ދިޔަ މަޖިލިސް ޖަލްސާގައި، ސަރުކާރުގެ ފަރާތުން، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ގައި ވާހަކަ ދައްކަވަމުންނެވެ.
ދިވެހިރާއްޖެއަކީ ކުޑަކުޑަ ރާއްޖެއެއްކަމަށް ބައެއް މީހުން ކިޔަމުންދާކަމަށާއި، ނަމަވެސް ދިވެހިރާއްޖެއަކީ ބޮޑުސިންގާ ކަނޑުގެ ރާއްޖެއެއްކަން މިހާރު އެންމެނަށް ވެސް އެނގޭކަމަށް ޢަލީ ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގެ ބޮޑުބައި މިއޮތީ ކަނޑުގައިކަމަށް ވިދާޅުވެ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކޮށް ކޮންޓްރޯލްކޮށް، އަދި ''ކޮންޒާވްކޮށް'' ކަނޑުގެ ވަސީލަތްތައް، ހާސަކޮށް ގުދުރަތީގޮތުން ބޭނުން ކުރަމުންދާ ވަސީލަތްތައް ރައްކާތެރިކުރުމަކީ މިއަދުގެ ސަރުކާރުން ކުރަންޖެހޭ އެންމެ މުހިންމު އެއް މަސައްކަތް ކަމަށް ޢަލީ ވިދާޅުވިއެވެ.
''މިހާރުވެސް ދުނިޔޭގެ ޤައުމުތަކުގައި ހޮލިޑޭއޭ ބުނާއިރަށް، ޚާއްޞަކޮށް ޔޫރަޕްގެ ގައުމުތަކުގެ ހިތަށް އަންނަނީ މޯލްޑިވްސް މިނަން، އަޅުގަނޑުގެ ހިތައްއަރަނީ ކީއްވެގެންބާވައޭ މަހޭ ބުނާއިރަށް، އިއްސޭ ބުނާއިރަށް ނުވަތަ ސީފުޑޭ ބުނާއިރަށް ކީއްވެގެންބާވައޭ ރާއްޖޭގެ ނަން މީހުންގެ ސިކުނޑިއަށް ނާންނަނީ، މިވަގުތުވެސް ހޯދުންތަކަށް ބަލާއިރު ދުނިޔޭގެ އެކިގައުމުތަކުގައިކުރާ މަސްވެރިކަމުގެ ޒާތަށާއި، ބާވަތަށް ބަލާއިރު އެންމެ ދެމެހެއްޓެނިވި އުސޫލަކުން ތިމާވެއްޓާ އެންމެ ރައްޓެހިގޮތަކަށް އެ މަސްވެރިކަންކުރާ ބަޔަކީ ދިވެހީން، ދިވެހިރާއްޖެ'' ޢަލީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގައި ފެންނަމުންދާ މަންޒަރަކީ، މަސްވެރިން ވަކި ވަރަކަށް މަސް ބޭނުމުން މަހުގެ އަގު ވެއްޓޭތަން ކަމަށެވެ. މިގޮތުން ކަނޑުހުގެ އަގުވެސް ބޮޑު ކަންނެލީގެ އަގުވެސް ވެއްޓިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޢަލީ ވިދާޅުވީ ކުޑަމިނުން ރާގޮނޑިވެސް ބާނާފައި، ހިކިމަހުގެ ގޮތުގައި ތައްޔާރުކުރުމުން ވިއްކޭނެ ގޮތެއް، ބޭރުވެސް ކުރެވޭނެ ގޮތެއްނެތް ކަމަށެވެ.
ޚާއްޞަގޮތެއްގައި އޭނާ ތަމްސީލް ކުރަށްވާ ކެންދޫ ދާއިރާގެ މަސްވެރިންނަކީ ވަރަށް ގިނައިން ރާގޮނޑި ބާނާ ބައެއްކަން ފާހަގަކުރަށްވަމުން އޭނާ ވިދާޅުވީ، ނަމަވެސް އެ މަސްވެރިން ބާނާ ރާގޮނޑި ހިކިމަހަށް ހަދައިގެން ވިއްކޭނެ ގޮތެއް، ބޭރުކުރެވޭނެ ފަހިވެފައިނެތްކަމީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
އެހެންނަމަވެސް އެއީ އެންމެ ތިމާވެއްޓާއި ރައްޓެހި ގޮތަށް ބާނާފައި ހުންނަ މަސްކަމަށާއި، އެމީހުން ކޯ މަހެއް، ފެހުރިއްސެއް ނުމަރާ ކަމަށް ޢަލީ ވިދާޅުވިއެވެ. އަދި ދާޖަހައިގެން ކަނޑުއަޑީގެ ދިރުންތައް ނައްތާލަން ވެސް އެއްވެސް ކަމެއް ނުކުރާ ކަމަށް ވެސް ވިދާޅުވިއެވެ.
''ދިވެހިން މިބާނާ ކަނޑުމަސް، ދިވެހިރާއްޖޭގެ ދޮށީގެ މަސްވެރިކަމުންބާނާ މަސް ވާންޖެހޭނީ ޗޮކްލެޓްގެ އިންޑަސްޓްރީގައި މިކިޔާ ފެރާރޯ ޗޮކްލެޓްއަށް ދެވޭ ދަރަޖަ ދިވެހި މަހަށް ދެވެންޖެހޭނެ، ހަގީގަތުގައި މިއުޅެނީ މާކެޓް ކުރުމުގެ މައްސަލައެއް، ދިވެހިންގެ މަސްވެރިކަން އެކަށީގެންވާގޮތަށް މާކެޓް ނުކުރެވެނީ، މާކެޓް ކުރުމަށް އިސްކަންވެސް ނުދެނީ، ދައުލަތުގެ ދިވެހިރާއްޖެ މާކެޓް ކުރުމަށް އޮންނަ ފައިސާ އެކީއެއްކޮށް މި ޚަރަދުކުރެވެނީ ޓޫރިޒަމް މާކެޓް ކުރުމަށް،'' ޢަލީ ވިދާޅުވިއެވެ.
ޢަލީ ވިދާޅުވީ، އޭގެ މާނައަކީ ޓޫރިޒަމް މާކެޓް ނުކުރާށެކޭ ނޫން ކަމަށާއި، ޓޫރިޒަމް ވެސް މާކެޓް ކުރަންވެސް ޖެހޭނެ ކަމަށާއި، ހަމައެއާއި އެއަށްވަރަށް ނުވަތަ އެއަށްވުރެ ބޮޑަށް މާކެޓް ކުރެވެންވާނެ ކަމަށެވެ.
''ބަލަންވީ ޓޫރިޒަމަށްވުރެ ދޮށީ ކޯއްޗެއްތޯ، ދިވެހިންގެ މަހުގެ އިންޑަސްޓްރީ ނުވަތަ ދިވެހި މަސްވެރިކަން މާދޮށީ، އެހެންވީމަ ޓޫރިޒަމެކޭ އެއްގޮތަށް ނުވަތަ އެއަށްވުރެ ބޮޑަށް އަޅުގަނޑުމެން އެބަޖެހޭ ދިވެހި މަސްވެރިކަން، ދިވެހިން ބާނާ މަސް މާކެޓްކޮށް ދިރުވަން އެބަޖެހޭ، އަޅުގަނޑުމެންނަށް އެބައެނގޭ މީހަކު އެއްޗެއް ބޯލާވާހަކަ ބުނާއިރަށް ޑްރިންކެއްގެ ވާހަކަ ބުނާއިރަށް އަންނާނެ ކޮކާ ކޯލާ، މިއީ މާކެޓް ކުރީމަ ވާގޮތް، އެހެންވީމަ ދިވެހިން މިބާނާ މަހުގެ ބާވަތްތައް މި ދަރޖައަށް މާކެޓްް ކުރެވެން އެބަޖެހޭ'' ޢަލީ ވިދާޅުވިއެވެ.
ޢަލީ ވިދާޅުވީ، މިގޮތުން ދިވެހިން ކުރާ މަސްވެރިކަމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ނުކުރާގޮތަށް ތިމާވެއްޓާ ރަށްޓެހި، ދެމެހެއްޓެނިވި ތަރައްގީގެ އުސޫލުތަކާއެއްގޮތުގެ މަތީން ކުރެވޭ މަސްވެރިކަމެއްކަން ދުނިޔޭގެ ގައުމުތަކުގައި މިހާރަށްވުރެ ސާފުކޮށް ފުޅާކޮށް ކިޔައިދީ، މިހާރަށްވުރެ ފުޅާކޮށް އެ މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ޢަލީގެ ވާހަކާގައި ވަނީ ސައިންޓިފިކް ހޯދުންތަކުންވެސް 2048 ވަނަ އަހަރު އަންނައިރުގައި ދުނިޔޭގައި މަސްވެރިވެރިކަމުގެ ''ވައިލްޑް ސްޓޮކްއެއް'' ނޯންނާނެކަމަށް ފެންނަ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެއާއެކު ދުނިޔޭގެ ކަނޑުތަކުގައި ޕްލާސްޓިކް އިންތިހާ ދަރަޖައަށް އިތުރުވެގެން ދާނެކަމަށާއި، އަދި މި ޕްލާސްޓިކްގެ ތެރެއިން އެންމެ ގިނައިން ހިމެނޭ ބާވަތަކީ ''ކަނޑުކެހުމަށް'' އަޅާ ދާތަކުގެ ބައިތައްކަން ވެސް ޢަލީ ފާހަގަ ކުރެއްވިއެވެ.
މިބާވަތުގެ މަސައްކަތްތައް ގާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖޭގެ މަސްކަނޑުތަކުގައި، އެ ކަނޑުތަކުގެ ވަށައިގެންވާ ސަރަހައްދުތަކުގައި ކުރާ މީހުންނާއި، އެ މީހުންގެ ނުރައްކާތަކުންނާއި، އެމީހުންގެ ފުށުންލިބޭ ތުރާތަކުން ރާއްޖޭގެ މަސްވެރިންނާއި، ރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރުމަކީ މި ސަރުކާރުން އަދި ދައުލަތުން ކުރަންޖެހޭ އެންމެ ބޮޑު މަސައްކަތްކަން ފާހަގަކޮށް ބަހުސްކުރެވެމުންދާ ގާނޫނުގެ ތެރެއިން އެކަންކަން ފަހިވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!