އަނެއްކާވެސް ސްކޫލްތައް ބަންދުކޮށް، ގައުމުގެ ބޯޑަރ ބަންދުކުރާ ހާލަތަށް ދިއުމަށް ފުރުޞަތު ނުދީ، ކޯވިޑް ކޮންޓްރޯލް ކުރުމަށް އަވަހަށް ވެކްސިން ޖެހުމަށް ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދު އެދި ވަޑައިގެންފިއެވެ.

އެމަނިކުފާނު މިގޮތަށް އެދި ވަޑައިގަތީ ކުރެއްވި ޓުވީޓެއްގަ އެވެ. އެ ޓްވީޓްގައި އެމަނިކުފާނު ވިދާޅުވީ ''އަނެއްކާ ސްކޫލްތައް ބަނދުކޮށް، ބޯޑަރު ބަންދު ކުރުމަކީ އެންމެ ބުއްދިވެރި ގޮތެއް ނޫން'' ކަމަށެވެ.

Ad
rt

''އަވަހަށް ވެކްސިންޖަހާ ކޯވިޑް ކޮންޓްރޯލް ކުރުން ވަރަށް ބޭނުންތެރި، މިއީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީއާއި، ހެލްތު މިނިސްޓްރީ އިތުރު އިޖުރާތު އުފައްދަންވީ ވަގުތެއްނޫން، ބުއްދި ބަހަށްޓަވާ''

ރައީސް ނަޝީދު ވިދާޅުވިއެވެ.

ހާލަތު އިތުރަށް ގޯސްވާން ފުރުޞަތު ނުދެއްވާ، އަވަހަށް ވެކްސިން ޖެހުމަށް ރައީސް ނަޝީދު އެދިވަޑައިގެންފައިވާއިރު، ރާއްޖޭގައި ކޯވިޑް-19 ވެކްސިން ޖެހުމުގެ ގައުމީ ހަރަކާތް ''ކޯވިޑް-19 ދިފާޢު'' ކެމްޕެއިން އިއްޔެ ވަނީ ފަށާފަ އެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ކޮވިޝިލްޑް ވެކްސިންގެ ރާއްޖެއިން ފުރަތަމަ ޖަހާފައި ވަނީ އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. ޝިރާނީ އަބްދުއްރަހީމްއަށެވެ. މިހަރަކާތުގެ ތެރެއިން ދައުލަތުގެ ތިންބާރުގެ ވެރިން ވެކްސިން ޖައްސަވާފައިވާއިރު، މިގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި، މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަނީ ވެކްސިން ޖައްސަވާފައެވެ.

ވެކްސިން ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ ވެކްސިން ދޭ މީހުންގެ ތެރޭގައި ހިމެނެނީ، ސިއްހީ ހިދުމަތްތެރިންނާއި ސޯޝަލް ވޯކަރުން އަދި އެއަށް ފަހު އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ. އެއަށްފަހު 18 އަހާރާއި 50 އަހަރުގެ ތެރެއިން ހައި ރިސްކް މީހުންނާއި، ޓީޗަރުންނާއި، ޕޮލިހުންގެ އިތުރުން ޓޫރިޒަމް އިންޑަސްޓްރީގެ މީހުންނަށް ވެކްސިން ޖަހާނެއެވެ.

ރާއްޖޭގައި ޖަހަން ފެށި ވެކްސިނަކީ އިންޑިއާގެ ސީރަމް އިންސްޓިިޓިއުޝަނުން އުފައްދާފައިވާ ކޮވީޝީލްޑް ވެކްސިނެެވެ. އިންޑިއާ އިން ރާއްޖެ އަށް މި ވެކްސިންގެ 100،000 ޑޯޒް ހަދިޔާކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. މިއިން 50،000 މީހެއްގެ ގަޔަށް ވެކްސިން ޖަހާނެއެވެ.