އުމުރުން ކިތަންމެ ހަގު ނަމަވެސް ށ. ފުނަދޫ ''އުންގާ'' ޖަމިއްޔާއިން އެރަށުގެ ތިމާވެށީގެ ހިމާޔަތުގައި ކުރަމުން އަންނަ މަސައްކަތްތަކަށް ތަޢުރީފު ޙައްޤެވެ.
ރާއްޖޭގެ ރަށްރަށުގައި ތިމާވެށީގެ ދާއިރާއަށް ޚާއްޞަ ކުރެވިގެން އުފެދި، މަސައްކަތް ކުރަމުންދާ ޖަމިއްޔާތައް މަދެވެ. ނަމަވެސް، ރާއްޖޭގެ ކޮންމެ ފަރުދަކަށް ވެސް މި ޖަޒީރާ ޤައުމުގެ ވެށީގެ ނާޒުކު ކަމާއި، އެވެށީގެ މުހިންމުކަމާއި، ވެށި ދެކެ ލޯބިވެ، ކަމޭހިތައި، ހިމާޔަތްދީ އަދި ރައްކާތެރިކުރާން ޖެހޭ ސަބަބުތައް އޮޅިފައެއް ނުވާނެއެވެ.
މިވެށި ސަލާމަތްތެރިނުކޮށް، އަޅުގަނޑުމެންނަށް ވެސް ސަލާމަތްތެރި ކަމެއް ނެތްކަންދަނެ، އެބައެއްގެ ވެށި ހިމާޔަތް ކުރާން ތިބީވެސް އެބައެއްކަން ދައްކައިދީ އެ މެސެޖާއެކު ފުނަދޫގެ ވެށީގެ ހިމާޔަތަށް ނުކުތީ ޒުވާން ''އުންގާ'' ޖަމިއްޔާއެވެ.
އެ ޖަމިއްޔާގެ ބުންވަރާއި ފަންވަރަކީ އެހެން މިފަދަ އެހެން ޖަމިއްޔާތަކަށް ނަމޫނާއެއް ކަމަށް ދެންނެވޭނެ ޖާގަ ލިބެނީ އެ ޖަމިއްޔާގެ ހިތްވަރުން ދައްކުވައިދެމުންދާ ނަތީޖާގެ ސަބަބުންނެވެ.
''އުންގާ'' ޖަމިއްޔާ އުފެއްދުން، ޖަމިއްޔާގެ މެންބަރުންގެ ހިތުގައި ވެއްޓަށް އޮތްލޯބި ރަމްޒުކޮށްދޭ
2020 ވަނަ އަހަރުގެ ޖޫންމަހު ހަރަކާތްތައްފެށި ''އުންގާ'' ޖަމިއްޔާ ރަޖިސްޓަރީވެ، ޖަމިއްޔާއަށް ޤާނޫނީ ހައިސިއްޔަތު ލިބުނީ ވެސް ހަމަ އެއަހަރު، 2020 ނޮވެމްބަރު 26 ވަނަ ދުވަހުއެވެ.
އެ ޖަމިއްޔާއަށް ޤާނޫނީ ހިޔާ ރަސްމީކޮށް ލިބިގެން ދިޔުމާއިއެކު މިހާރު އިދާރީ ގޮތުން ކުރިއަށް ދަނީ އެ ޖަމިއްޔާގެ ހިންގާ ކޮމެޓީ އެކުލަވާލުމުގެ މަސައްކަތެވެ. އެކަމަށްޓަކައި، މިހާރު ވަނީ އެ ޖަމިއްޔާގެ އިންތިޚާބީ މަގާމުތަކަށް ކުރިމަތިލުމަށް ޢިއުލާނުކޮށްފައެވެ.
ފުނަދޫގެ ތިމާވެއްޓަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތްކޮށް އަދި އެރަށުގެ އާންމު ރައްޔިތުން ތިމާވެއްޓަށް ހޭލުންތެރިކުރުމަށް އެ ޖަމިއްޔާގެ އިސް މަޤްޞަދުކަމުގައި ހިމެނީ އެ ޖަމިއްޔާގައި ތިބި މެންބަރުންގެ ހިތުގައި ވެއްޓަށް އޮތް ލޯތްބެއްގެ ސަބަބުންނެވެ.
އުންގާ ޖަމިއްޔާގެ ބައެއް މެންބަރުން ފުނަދޫ ސާފު ކުރުމުގައި ބައިވެރި ވަނީ، ފޮޓޯ: އުންގާ ޖަމިއްޔާ
ވެށީގެ ހިމާޔަތުގައި ''އުންގާ'' ޖަމިއްޔާ ފަށާފައިވާ ދަތުރަކީ ތިމާވެށީގެ ޚާއްޞަ ސިފަތަކެއް ލިބިފައިވާ ކުޅިތަކާއި، ފާތައް އެކުލެވޭ ނަލަ ނަލަ ފުނަދޫއަށް އެހާމެ ބޭނުންތެރި ދަތުރެއްވެސް މެއެވެ. އަދި އެދަތުރުގައި އެރަށުގެ ޗާލުކަން ދަމަހައްޓައި، ވެށި ސަލާމަތް ކުރުމަށް މިސާލު ދައްކަމުންދާ އިސް މޭސްތިރިންނަކީ އެ ޖަމިއްޔާގެ މެންބަރުންނެވެ.
''އުންގާ'' ޖަމިއްޔާގެ ''ސާފުކުރާ ހޮނިހިރު ދުވަސް''، މެންބަރުންގެ ހިތްވަރު ދައްކައިދޭ ހަރަކާތެއް
އެ ޖަމިއްޔާއިން ފުނަދޫގެ ވެށީގެ ސަލާމަތަށާއި، ރަށުގެ ރީތިކަން ދަމަހައްޓަން ހިންގާ މައިގަނޑު ހަރަކާތަކީ ކޮންމެ ހަފުތާއަކު ހޮނިހިރަށް ޚާއްޞަކޮށްގެން ހިންގާ ''ސާފުކުރާ ހޮނިހިރު'' ހަރަކާތެވެ.
ރަށުގެ އިޖުތިމާޢީ އެހެން ހަރަކާތަކަށް ދުވަސް ހުސްކޮށްލަން ޖެހުމުން އެންމެ ހަފުތާއެއް މެދު ކެނޑުނު ނަމަވެސް، މި ހަރަކާތް ފެށިފަހުން އެ ޖަމިއްޔާއިން ވަނީ މިހާތަނަށް 7 ހޮނިހިރަކު ''ސާފުކުރާ ހޮނިހިރު'' ހަރަކާތް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތް މެދުކަނޑާލި ހަމައެކަނި ހޮނިހިރަކީ ރަށުގައި ކުރިއަށްދިޔަ މުބާރާތަކަށް އެއްބާރުލުންދިނުމަށް ވަގުތު ހުސްކުރަން ޖެހުމުން މެދުކަނޑާލި ހޮނިހިރެކެވެ.
މިއަދަކީ މިގޮތުން އެ ޖަމިއްޔާއިން އެ ހަރަކާތް ކުރިއަށް ގެންދާ 8 ވަނަ ހޮނިހިރެވެ.
އުންގާ ޖަމިއްޔާއިން ކުރިއަށް ގެންދާ ''ސާފުކުރާ ހޮނިހިރި'' ހަރަކާތުގެ ތެރެއިން، ފޮޓޯ: އުންގާ ޖަމިއްޔާ
''ސާފުކުރާ ހޮނިހިރު'' ހަރަކާތުގައި އެ ޖަމިއްޔާގެ މެންބަރުން ވަނީ ރަށުގެ އެކި ތަންތަނަށް އަޅާފައި، އަދި އެޅިފައި ހުންނަ ކުނި ނަގާ ސާފުކޮށްފައެވެ. މިގޮތުން މިހާތަނަށް 3 ހޮނިހިރަކު ރަށުގެ ތުނޑި ސާފުކޮށްފައިވާއިރު، 2 ހޮނިހިރަކު ވަނީ ރަށުގެ ބަނދަރު ސާފުކޮށްފައެވެ. މީގެ އިތުރުން ވެސް ރަށުގެ ދެކުނު އަތިރިމައްޗާއި، ރާޅާ އަޅާ ސަރަޙައްދާއި، ގޮނޑުދޮށާއި އަދި މޫދު ވެސް ވަނީ އެކިފަހަރުމަތިން ސާފުކޮށްފައެވެ.
އިޖުތިމާޢީ ކަންކަމުގައި ވެސް ގުޅިގެން މަސައްކަތްކުރޭ
އެ ޖަމިއްޔާއިން ހިންގާ ތިމާވެށި ރައްކާތެރިކުރުމުގެ ހަރަކާތްތަކުގެ އިތުރުން އެ ޖަމިއްޔާއަކީ ފުނަދޫގެ އިޖުތިމާއީ ދުޅަހެޔޮ ކަމަށްވެސް ގުޅިގެން މަސައްކަތްކުރާ، އެރަށުގެ އިޖުތިމާޢީ ހަރަކާތްތަކުގެ ވެސް މުހިންމު ބައިވެރިއެކެވެ.
މިގޮތުން ބަލާއިރު ރަށުގެ ވޮލީ ކޯޓު ހަލާކުވެ، ވީރާނާ ވެފައި ވަނިކޮށް އެ ޖަމިއްޔާއިން ވަނީ ފުނަދޫ ކައުންސިލާއި އަދި ފުނަދޫ ވޮލީ ކޮމިޔުނިޓީއާއި ގުޅިގެން އެ ވޮލީ ކޯޓުގެ ހާލަތު ރަނގަޅުކޮށް، އަލުން ވޮލީ ކުޅުމަށް އެކަށޭނަ ރަނގަޅު ވޮލީ ކޯޓަކަށް އެ ވޮލީ ކޯޓު ހެދުމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެ، އެކުވެރިކަން ދައްކުވައި ދީފައެވެ.
ފުނަދޫ ވޮލީ ކޯޓު އަލުން ކުޅެވޭ ހާލަތަށް ގެނައުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، ފޮޓޯ: އުންގާ ޖަމިއްޔާ
ހަމައެޔާއިއެކު ފުނަދޫގައި އިންތިޒާމުކޮށް ބާއްވަމުން އަންނަ ކުޅިވަރު ހަރަކާތްތައް ހިންގުމުގައި ވެސް އެ ޖަމިއްޔާއިން އަންނަނީ އަމަލީ ގޮތުން ބައިވެރިވެ އެއްބާރުލުން ދެމުންނެވެ. މިގޮތުން މި މަހު ފުނަދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ފުނަދޫ ކައުންސިލް ކަޕް 2020 މުބާރާތް ހިންގުމުގައި އެޖަމިއްޔާއިން ވެދިން އެހީތެރިކަން ފުނަދޫ ކައުންސިލުން ފާހަގަކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
''އުންގާ'' ޖަމިއްޔާގެ މެސެޖު: ''މި ހަނގުރާމައިން އަހަރެމެން ބަލިވާން ފުރުޞަތު ނުދީ''
ފުނަދޫ ސާފު، ޗާލު ރަށެއްގެ ގޮތުގައި ބާއްވައި، އެރަށުގެ ވެށީގެ ރައްކަލަށްޓަކައި، ރަށުގެ އެކިތަންތަނަށް އަޅާފައި ހުންނަ ކުނިތައް ނައްތާލުމަށް އުންގާ އެޖަމިއްޔާއިން ކުރަމުން އަންނަ މަސައްކަތް އެ ޖަމިއްޔާއިން ސިފަކުރަނީ އެއީ ޖަމިއްޔާއިން ކުންޏާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައެއްގެ ގޮތުގައެވެ.
މިގޮތުން އެ ޖަމިއްޔާގައި އިސްކޮށް ހަރަކާތްތެރިވާ މުޙައްމަދު ޔަމީން ބުނީ، އެ ޖަމިއްޔާއިން ކުރަމުންދާ މަސައްކަތް ކާމިޔާބުވާނީ އެކަމުގައި ރަށުގެ އެންމެންވެސް ބައިވެރިވެ، އެއްބާރުލުން ދީގެން ކަމަށެވެ. އެގޮތުން ގަވާއިދާއި ޚިލާފަށް، އުސޫލެއް ހަމައެއްނެތި ކުނި އެޅުން ހުއްޓާލުމަކީ އެކަމަށް ދެވޭ އެއްބާރުލުމާއި، އެހީތެރިކަންކަމަށް އޭނާ ފާހަގަ ކުރިއެވެ.
''ރަށުގެ ތަންތަނަށް އަޅާކުނިތައް އަޅުގަނޑުމެން ނުކުމެ ކޮންމެ ހަފުތާއަކު ސާފުކޮށް ނެގުމަކީ މިކަމަށް އޮތް ހައްލެއްނޫން، ކުނި އަޅާ ކަމަށް ވަންޏާ ކުނި ގިނަވާނެ، ކުނިއެޅުން ނުހުއްޓާނަމަ އަޅުގަނޑުމެން މި ހަނގުރާމައަކުން މޮޅެއް ނުވާނެ، ބަލި ވަމުން ދާނީ، އަޅުގަނޑުމެން އެދެނީ އެކަމަށް އެންމެން އެއްބާރުލުން ދިނުން''
ޔަމީން ބުންޏެވެ.
ފޮޓޯ: އުންގާ ޖަމިއްޔާ
އޭނާ ބުނީ އެރަށަކީ ގިނަ ކުޅިތަކަކާއި، ފާތަކެއް އެކުލެވިފައިވާ ރަށެއް ކަމަށާއި، އެތަން ތަނަށް ކުނި އެޅުމުން ވެސް އެއްކޮށް ދުރުވާން ޖެހޭ ކަމަށެވެ. އަދި ގޮނޑު ދޮށާއި، މޫދާއި އެނޫންވެސް ތަންތަނަށް ކުނި އެޅުން ހުއްޓާލަ ދިނުމަށް އޭނާ އެދެއެވެ. އެ ޖަމިއްޔާއިން ކުރަމުން އަންނަ އެ މަސައްކަތަށް އެއްބާރުލުންދޭ ރައްޔިތުން އިތުރުވެ، ރައްޔިތުންގެ ފަރާތުން ލިބޭ އުންމީދަކީ ހިތްވަރެއް ކަމަށް ވެސް އޭނާ ފާހަގަ ކުރެއެވެ.
''ޕާލޭ މޯލްޑިވްސް'' އާއިއެކު އައު ހިތްވަރެއް
އެ ޖަމިއްޔާއިން ކޮންމެ ހަފުތާއެއްގެ ހޮނިހިރުގައި ކުރިއަށް ގެންދާ ''ސާފުކުރާ ހޮނިހިރު'' ހަރަކާތުން އެއްކުރާ ޕްލާސްޓިކްގެ ބާވަތްތައް ރީސައިކަލް ކުރެވޭނެ މަގު ފަހިވެގެން ދިޔުމަކީ އެ ޖަމިއްޔާގެ މަސައްކަތަށް ލިބުނު އައު ހިތްވަރެކެވެ. މިގޮތުން ''ޕާލޭ މޯލްޑިވްސް''ގެ އެހީތެރިކަމާއިއެކު އެ ޖަމިއްޔާއިން މިހާރު ވަނީ އެމަސައްކަތް ފަށާފައެވެ.
މިގޮތުން ވޭތުވި 2 ހަފުތާގެ ހޮނިހިރު އެ ޖަމިއްޔާއިން ނެގި ޕްލާސްޓިކްގެ ބާވަތްތައް މިހާރު ވަނީ ރީސައިކަލް ކުރުމަށް ފޮނުވާފައެވެ.
ފޮޓޯ: އުންގާ ޖަމިއްޔާ
އެބައެއްގެ ވަޒަން ރީތިކޮށް، ދަމަހައްޓައި، އަންނާން އޮތް ޖީލުތަކަށް ފޯރުކޮށް ދިނުމަކީ ކޮންމެ ރަށެއްގެ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެކެވެ. އެއީ މާދަމާއަށްޓަކައި ދޫކޮށް ނުލާ ކުރާންޖެހޭ ކަމެއްމެއެވެ.
ށ. ފުނަދޫ ''އުންގާ'' ޖަމިއްޔާއިން، އެ ޖަމިއްޔާގެ އުމުރުން ވޭތުވި މަދު މަސްތަކުގެ ތެރޭގައި ވެސް އެދައްކުވައި ދެނީ ރީތި މިސާލެކެވެ. އެއީ ހަމައެކަނި ފުނަދޫއަށް ދައްކާ މިސާލެއް ނޫނެނެވެ. މުޅި ރާއްޖެއަށް ވެސް ދައްކާ މިސާލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!