ކޯވިޑް-19 ހާލަތުގެ ސަބަބުން ޚާއްޞަ ޤާނޫނަކުން ފަސްކުރި ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗު މަހު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ރާއްޖެޓީވީ އިން ރޭ ގެނެސްދިން ''ފަލަސުރުޚީ'' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އީސީގެ މެމްބަރު ފުއާދު ތައުފީގް ވިދާޅުވީ ފަސްކުރި ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗު މަހު ބޭއްވުމަށް އުންމީދު ކުރަށްވާ ކަމަށާއި، އަދި އެ ތާރީޚްގައި އެ އިންތިޚާބު ބޭއްވުމަށް ވަރަށް މަސައްކަތް ވެސް ކުރަށްވާނެ ކަމަށެވެ.
''މިއަހަރުގެ އޭޕްރިލް މަސްތެރޭގައި ބާއްވަން ކަނޑައެޅިފައި އޮއްވައި ކޯވިޑް ސަބަބުން ލަސްކުރީ، މިހާރު އަޅުގަނޑުމެން މިއުންމީދު ކުރަނީ އަންނަ މާޗްމަހުގެ ތެރޭގައި ލޯކަލް ކައުންސިލް އަންތިޚާބު ބޭއްވޭނެ ކަމަށް، އިރާދަ ކުރެއްވިއްޔާ އެކަން އެގޮތުގައި ދާނެ''\
ފުއާދު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް އިދާރީ ގޮތުން ކުރަން ޖެހޭ ވޯޓާސް ރަޖިސްޓްރޭޝަނަށް އަންނާނެ ބަދަލުތަކާއި، އަދި އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ކަންތައްތައް ކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.
އަންނަ މާޗްމަހު އެ އިންތިޚާބު ބޭއްވުމަށް ވަރަށް މަސައްކަތް ކުރަށްވާނެ ކަމަށާއި، 99 ޕަސެންޓް އެއަށްވުރެ ވެސް ޔަޤީން ކަމާއެކު އަންނަ އަހަރު މާޗް މަހުގައި އެ އިންތިޚާބު ބޭއްވޭނެ ކަމަށް ދަންނަވަން ކެރޭކަމަށް ފުއާދު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ މި ކޯވިޑްގެ ތެރޭގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް އިންތިޚާބުތައް ބާއްވަމުން އަންނަ ކަމަށާއި، އެހެންކަމުން ރާއްޖޭގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ފަސްކޮށްދީފައިވާ އެއް އަހަރުގެ މުއްދަތުގެ ތެރޭގައި އެ އިންތިޚާބު ބާއްވަން ޖެހޭތީއާއިއެކު އަންނަ މާޗްމަހު އެ އިންތިޚާބު ބޭއްވުމަށް މަސައްކަތް ކުރަށްވާނެ ކަމަށެވެ.
އެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފުއާދު ވަނީ ސިޔާސީ ޕާޓީތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ދަތިކަން ކަމަށް ވެސް ވިދާޅުވެފައި އެވެ. އަދި މިހާރު ގާނޫނުގައިވާ ގޮތުން، ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޭ ފައިސާ ލިބެނީ ހަމައެކަނި 10،000 މެމްބަރުން ތިބޭ ޕާޓީތަކަށް އެކަނި ކަމަށާއި، ގިނަ ޕާޓީތަކަށް ދައުލަތުގެ ފައިސާ ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަކީ ދައުލަތަށް ބުރަ ބޮޑު ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި ރެޖިސްޓަރ ކޮށްގެން ރާއްޖޭގައި 10 ސިޔާސީ ޕާޓީ ހިންގަމުން އަންނައިރު، ޕާޓިތަކުގެ ހިންގުން ކުރިއެރުވުމަށް އެ ހުރިހާ ޕާޓީތަކަށް ފައިސާ ބެހުމުގެ ވިސްނުން ގެންގުޅުއްވާކަމަށް އޭނާ ވިދާޅުވިއެވެ.
ޤާނޫނުގައި ބުނާގޮތުން 10 ހާސް މެންބަރުން ހަމަވެގެން މިހާރު ދައުލަތުން ފައިސާ ލިބެނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!