މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އަށް ސާފު ފައިދާގެ ގޮތުގައި 51 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެމްޓީސީސީގެ މިއަހަރުގެ ތިން ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް ވިޔަފާރިން 350 މިލިއަން ރުފިޔާ ވަނީ އެ ކުއާޓަރުގައި ލިބިފަ އެވެ. މިއީ މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅައި ބަލާއިރު 41 ޕަސެންޓް އިތުރުވުމެކެވެ.
ދެވަނަ ކުއާޓަރުގައި އެމްޓީސީސީއަށް 248 މިލިއަން ރުފިޔާ ލިބުނެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރިން އެ ކުންފުންޏަށް ލިބުނީ 60 މިލިއަން ރުފިޔާ އެވެ.
ތިންވަނަ ކުއާޓަރުގައި އާމްދަނީ އިތުރުވި މަައިގަނޑު ސަބަބެއް ކަމަށް އެމްޓީސީސީން ބުނީ އެކުންފުނިން މަސައްކަތް ކުރަމުންދާ މަޝްރޫއުތައް އިތުރުވުމެވެ.
ތިންވަނަ ކުއާޓަރުގައި ޖުމުލަ 70 މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއިން ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ބަނދަރު ތަރައްގީކުރުމާއި ބިން ހިއްކުމާއި މަގުހެދުމާއި އިމާރާތްކުރުމުގެ މަޝްރޫއުތައް ހިމެނެ އެވެ.
މިއަހަރުގެ ބާކީއޮތް ބަޔަށް އެކުންފުނިން ލަފާ ކުރާގޮތުގައި، ކުންފުނީގެ ޓްރާންސްޕޯޓް އަދި ޓްރޭޑިންގް ވިޔަފާރިއަށް ކޯވިޑް-19އިގެ ސަބަބުން ވަރަށް ބޮޑަށް އަސަރު ކުރާނެއެވެ. އަދި މިކަން އަންނަ އަހަރުގެ މެދާއިތެރޭގައި ފަތުރުވެރިކަން ހަމައަކަށް އެޅުމާއި ހިސާބަށް ދެމިގެންދާނެކަމަށް އެކުންފުނިން ލަފާކުރެއެވެ.
އެކުންފުނިން މިއަހަރު ނިމޭއިރު، 1.35 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާ ކުރެއެވެ. އަދި ސާފު ފައިދާގެ ގޮތުގައި 185 މިލިއަން ރުފިޔާ ލިބޭނެކަމަށް އެމްޓީސީސީން ވަނީ ލަފާ ކޮށްފައެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެމްޓީސީސީއަށް ލިބިފައި ވަނީ 52.9 މިލިއަން ރުފިޔާގެ ފައިދާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!