އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ވަކި ކުރުމަށް، އެމައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ފާހެއް ނުވިއެވެ.
އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ ހުށަހެޅުއްވީ އިގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު އެވެ.
ނަމަވެސް އެ މައްސަލަ ދިރާސާ ކުރުމަށް މިއަދު ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ވަނީ އެ މައްސަލަ ތަޅުމަށް ފޮނުވަން ނުފެންނަ ކަމަށް ނިންމާފައި އެވެ. އަދި އެމައްސަލަ ތަޅުމަށް ފޮނުވަން ތާއީދުކޮށް ވޯޓުދެއްވީ ދެ މެމްބަރުންނެވެ.
މިއަދު އެގޮތަށް ނިންމި އެ ބައްދަލު ވުމުގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ވިދާޅުވީ، ރައްޔިތުން އުންމީދު ކުރާ މިންވަރަށް ވުރެ އޭސީސީގެ މަސައްކަތް ލަސް ކަމަށެވެ. އެހެން ނަމަވެސް ތަހުގީގު ކުރުމުގައި އޭސީސީއަށް ދިމާވާ ދަތިތަށް ދެނެގަތުން މުހިންމު ކަމަށް ޝަހީމް ވިދާޅުވިއެވެ.
އެބައްދަލު ވުމުގައި ކޮމިޓީގެ ނައިބު މުގައްރިރު އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ އޭސީސީއަށް އައު މެންބަރުން އައްޔަނުކުރެވުނުފަހުން އެދެވޭ ނަތީޖާއެއް ނެރެވެމުންނުދާ ކަމަށެވެ.
މިއަދުގެ ކޮމިޓީގައި މެންބަރު ޝަހީމްގެ ހުށަހެޅުއްވުމާއި އެއްގޮތަށް އޭސީސީގެ މެމްބަރުން ވަކިވަކިން މިނިވަން މުއައްސަސާތަކައި ބެހޭ ކޮމިޓީ އަށް ހާޒިރުކޮށްގެން އެ ކޮމިޝަނުގައި ހުރި މައްސަލަތައް ދެނެގަތުމަށް ވަނީ ނިންމަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!