ރިޒޯޓުތަކުގައި މުޒާހަރާ ކުރެވޭނެ ގޮތަށް އަލުން ޤާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން އިން ފާސްކޮށްފިކަމަށް އެކޮމިޓީގެ ނައިބު މުގައްރިރުކަންވެސް ކުރައްވާ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސަ ވިދާޅު ވެއްޖެ އެވެ.

ރިސޯޓެއްގައި އީސަ މުޒާހަރާ ކުރައްވާ ފޮޓޯއެއް ހިއްސާކުރަމުން މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ސްޓާފުން އުޅުމަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ސަރަހައްދުގައި ސުލްހަވެރިކަމާއެކު އިހުތިޖާޖުކޮށް، މުވައްޒަފުންގެ ޝުޢޫރު ފާޅުކުރެވޭނެ ގޮތަށް، އެއްވެ އުޅުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ގާނޫނަށް ގެނައުމަށް ކޮމިޓީ އިއްތިފާގުން ވަނީ ފާސްކޮށްފައި ކަމަށެވެ.

Ad
rt

މިއީ، "އެއްވެ އުޅުމުގެ ހައްގު ހަނިކުރެވޭ ގޮތަށް" ނިމިދިޔަ ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ގެނައި އިސްލާހު އުވާލަން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ބިލް ދިރާސާކުރުމުގެ ތެރެއިން ކޮމިޓީ އިން ގެނެސްފައިވާ އިސްލާހެކެވެ.

މި ގާނޫނަށް އިސްލާހު ގެންނަން ކޮމިޓީން ފާސްކުރި ގޮތަކީ ރިސޯޓްތަކުގައި މުވައްޒަފުން ދިރިއުޅޭ ސަރަހައްދުގެ ގޮތުގައި ކޮންމެ ރިސޯޓެެއްގައި ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ ސަރަހައްދުގައި ސުލްހަވެރިކަމާއެކު އިޖްތިޖާޖްކޮށް ޝުއޫރު ފާޅުކުރެވޭ ގޮތަށް އަދި ރިސޯޓްތަކުގައި މުވައްޒަފުން ދިރިއުޅޭ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި މުޒާހަރާ ނުކުރެވޭ ގޮތަށެވެ.

މި ބިލު މަޖިލީހުގެ ތަޅުމަށް ބަލައިގަނެ ކޮމިޓީއަށް ދިރާސާ ކުރުމަށް ފޮނުވި ފަހުން ކޮމިޓީގައި އޮންނަތާ ވަރަށް ދުވަސް ވަނީ ވެފައެވެ.