ޤަވާއިދާއި ޚިލާފަށް ގިނަ އަދަދެއްގެ ރުއްގަސް ކެނޑައިގެން ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުގެ އިދާރާ މިއަދު ޖޫރިމަނާކޮށްފި އެވެ.
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ބާރަށުގެ ގުރީންބެލްޓް ހިމެނޭ ސަރަހައްދުން އަދި ރަށުގެ އެހެނިހެން ސަރަހައްދުތަކުން ޤަވާޢިދާ ޚިލާފަށް ރުއްގަސް ކެނޑުމާއި، އުފުރުމާއި އަދި ހއ.ބާރަށުން ރުއްގަސް ބޭރުކުރުމާ ގުޅިގެން ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުގެ އިދާރާ ޖޫރިމަނާ ކުރެވިފައިވާ ކަމަށެވެ.
ބާރަށު ކައުންސިލުގެ އިދާރާ ޖޫރިމަނާކުރެވިފައިވަނީ 191,250 (އެއްލައްކަ ނުވަދިހަ އެއްހާސް ދުއިސައްތަ ފަންސާސް) ދިވެހިރުފިޔާއިން ނެވެ. މިޖޫރިމަނާ ފައިސާ އެއެޖެންސީއަށް 30 (ތިރީސް) ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް ބާރަށު ކައުންސިލުގެ އިދާރާ އަށް ވަނީ އަންގާފަ އެވެ.
އެއިދާރާގެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖޭގެ ތިމާވެށިރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު:4/93) ގެ ދަށުން ހެދިފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާޢިދު (ޤަވާޢިދު ނަންބަރު:2011/R-9) ގެ ޖަދުވަލު 5 (ގަވާއިދާއި އެއްގޮތަށް ފުރިހަމަކުރަންޖެހޭ އިދާރާ ކަންކަން ފުރިހަމަ ނުކުރުން: ނަގަންޖެހޭ ހުއްދަތައް ނެތުން) ރިޢާޔަތްކޮށްކަމަށެވެ.
https://thiladhun.wonstasite.com/7973
ބާރަށުން 600 އަށް ވުރެ ގިނަ ރުއްގަސް ނެގިމައްސަލައެއް މިދިޔަ އަހަރުގެ އޮކްޓޫބަރ މަހު ވަނީ ފެންމަތި ވެފަ އެވެ. މިމައްސަލަ ފެންމަތިވުމާއި ގުޅިގެން އެންވަޔަރަމެންޓް މިނިސްޓްރީ އާއި އީޕީއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ވިދާޅުވެފައިވަނީ ބާރަށުން ރުއްގަސް ނެގީ ގަވާއިދާ އެއްގޮތަށް ކަމަށާއި އެ ރަށުން 600 އަށް ވުރެ ގިނަ ރުއް ނެގުމުގެ ހުއްދަ ދިނީ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންދަން ކަމަށެވެ.
https://thiladhun.wonstasite.com/7995
އޭނާ ވިދާޅުވި ގޮތުގައި ބާރަށުން އެއިރު ނަގަމުން ދިއައީ ސިވެރޭޖް ޕްރޮޖެކްޓަކަށް ސާފު ކުރަމުންދާ ބިމުގައި ހުރި ރުއްތަކެކެވެ. އީއައިއޭ ހެދުމަށް ފަހު އެ ސަރަހައްދުން 600 އަށް ވުރެ ގިނަ ރުއްގަސް ނެގުމުގެ ހުއްދަ ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!