ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި މާދަމާ ކުޅުދުއްފުށީގައި ބަނދަރު ކުރާއިރު، އެ ފެރީގައި 500 ޓަނަށްވުރެ ގިނަ މުދާ ގެންނާނެކަމަށް އެމަސައްކަތުގެ ރާއްޖޭގެ އެޖެންޓް މޯލްޑިވްސް ޝިޕިންގ ލައިންއިން ބުނެފިއެވެ.
މި ފެރީ ކުޅުދުއްފުއްޓަށް ބަނދަރުކުރާނީ ހޮނިހިރު ދުވަހު ފަތިހު 5:00 ހާއިރު ކަމަށް ލަފާކޮށްފައިވާއިރު، އިންޑިއާ އާއި ރާޖެއާއި ދެމެދުގައި ކާގޯ ފެރީގެ ޚިދުމަތް ރަސްމީކޮން ފަށާފައި ވަނީ ސެޕްޓެމްބަރު 21 ވަނަ ދުވަހުއެވެ.
3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ މި ކާގޯ ފެރީއިން ގެންނަ މުދާ ބޭލުމުގެ ކަންކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްގެ ކުޅުދުއްފުށީ ޕޯޓުގައިވަނީ ހަމަޖައްސާފައެވެ.
ކޮޗިން-ކުޅުދުއްފުށި ފެރީ ޚިދުމަތް ދިނުމުގައި ޙަރަކާތްތެރިވާ ރާއްޖޭގެ އެޖެންޓް، މޯލްޑިވްސް ސްޓޭޓް ޝިޕިންގއިން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވިކަމަށް އެ މީޑިއާގައި ރިޕޯޓުކޮށްފައި ވަނީ ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި ކުޅުދުއްފުށީ ސިޓީއަށް 500 ޓަނުގެ ސިމެންތިއާއި، ކާބޯތަކެއްޗާއި އާއްމުކޮށް ބޭނުންކުރާ ބާވަތްތަކުގެ މުދާ ހިމެނޭ 2 ކޮންޓެއިނަރ ގެންނާނެކަމަށެވެ.
މޯލްޑިވްސް ސްޓޭޓް ޝިޕިންގްއިން ބުނެފައި ވަނީ ކުރިއަށް އޮތް 6 މަސްދުވަހުވެސް ކޮޗިންއާއި-ކުޅުދުއްފުއްޓާއި ދެމެދު ދަތުރުކުރާނީ މި ކާގޯ ފެރީކަމަށެވެ.
ހޮނިހިރު ދުވަހު ކޮޗިންއިން އަންނަ ފުރަތަމަ ކާގޯ ފެރީއަށް މަރުޚަބާ ކިޔުމާއި، މުދާ ބޭލުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ކުޅުދުއްފުށި ޕޯޓުންވަނީ ތައްޔާރުވެފައެވެ.
ކާގޯ ފެރީގެ ޚިދުމަތް ފެށިގެން އަންނައިރު، އިންޑިއާއިން ވަނީ ޚިދުމަތް ސަބްސިޑައިޒްކޮށް 3 މިލިއަން ޑޮލަރު ޚަރަދުކުރުމަށް ހަމަޖައްސާފައެވެ.
އިންޑިއާއި ރާއްޖެ އާއި ދެމެދު ފެށި ކާގޯ ފެރީގެ ޚިދުމަތަކީ ޚާއްސަކޮށް ރާއްޖޭގެ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ފަހި ގޮތްކެއް ހޯދައިދިނުމާއި، އަދި ރާއްޖެއިން ބޭރަށް ދިވެހި އުފެއްދުންތައް ފޮނުވައިގެން މަންފާ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ފަށާ މަޝްރޫޢުއެކެވެ. އިންޑިއާގެ ކޮޗިންއިން ރާއްޖެއަށް އަންނަ ފުރަތަމަ ކާގޯ ފެރީ މާދަމާ ރާއްޖެއަށް ފޯރާއިރު، މި ކާގޯ ފެރީއަކީ ޝިޕިންގް ކޯޕަރޭޝަން އޮފް އިންޑިއާ(އެސް.ސީ.އައި)އިން އޮޕަރޭޓްކުރާ އެމް.ސީ.ޕީ ނަމަކަށްކިޔާ ކާގޯ ފެރީއެކެވެ.
މި ބޯޓުގައި 20 ފޫޓު، 8 ފޫޓުގެ 380 ކޮންޓެއިނަރުގެ މުދާ އެއްފަހަރާ އުފުލޭނެއެވެ. އެއީ 3000 މެޓްރިކް ޓަނުގެ ބަލްކް ކާގޯއެވެ. ކާގޯ ފެރީ މަހަކު ދެފަހަރު މުދާ ހިފައިގެން ރާއްޖެ އަންނާނެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފައި ވާގޮތުން މި ބޯޓު އިންޑިއާއަށް ދިއުމާއި ރާއްޖެއަށް އަނބުރާ އައުމަށް ކުރާ ކޮންމެ ދަތުރުތަކަށް 10 ދުވަސް ނުވަތަ 12 ދުވަސް ހޭދަވާނެކަމަށެވެ. އަދި މި އުޅަނދުގައި ވަނީ ފިނުކުރި މުދާ އުފުލޭނެ އިންތިޒާމްވެސް ހަމަޖައްސާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!