ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ ދަށުން، އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާ ފ. ފީއަލި، ފީރޯޒްގެ އިބްރާހީމް ޝާފިޢުގެ މައްޗަށް އުފުލައި، އޭނާގެ މައްސަލަ ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ، ތުހުމަތުކުރެވޭ މީހާގެ މައްޗަށް އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ ފ.ފީއަލި، ފީރޯޒްގެ އިބްރާހީމް ޝާފިޢުގެ މައްޗަށް ކުރަން ކްރިމިނަލް ކޯޓަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.

Ad
rt

ފ. ފީއަލީ/ފީރޯޒްގެ، ޢުމުރުން 37 އަހަރުގެ އިބްރާހިމް ޝާފިއު ޚާއްޞަ އެހީއަށް ބޭނުންވާ އުމުރުން 15 އަހަރުގެ އަންހެން ކުއްޖެއް ރޭޕްކޮށް، ބަލިވެއިން މައްސަލައާ ގުޅިގެން، އެކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ 2 ޖުލައި 2020 ވަނަ ދުވަހުއެވެ.

މި މައްސަލައާއި ގުޅިގެން 3 ޖުލައި 2020 ވަނަ ދުވަހު އޭނާ ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ތުހުމަތުކުރެވޭ މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް، ރޭޕްކުރި މައްސަލައަކަށްވަތީ، އޭނާ ދޫކޮށްލައިފި ނަމަ މިމައްސަލާގައި ހިމެނޭ ފަރާތްތަކަށް ނުފޫޒުފޯރުވައި ހެކި ނައްތާލުމަށް މަސައްކަތްކޮށްފާނެތީ އާއި އޭނާގެ ފަރާތުން މުޖުތަމަޢުއަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ފެންނާތީ ތަހުގީގު ނިމެންދެން ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަށާއި، މައްސަލައިގެ ޝަރީއަތުން ހުކުމެއް ނުވަތަ ޝަރީއަތުން ވަކިގޮތެއް ކަނޑައެޅެންދެން ރިމާންޑް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ކަމަށް ފުލުހުން ވަނީ ޖުލައި މަހުގެ 4 ވަނަ ދުވަހު ހާމަ ކޮށްފައި އެވެ.

މިކުށް ސާބިތުވެއްޖެނަމަ އޭނާއަށް އަންނާނެ އަދަބަކީ 15 އަހަރާއި 18 އަހަރާދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.