ޝަރީޢަތަށް ހެކިބަސްދީ ފައިވާ ހެކިވެރިޔާގެ ހެކިބަހަށް އަނެއް ހެކިވެރިޔާ ކޯޓުން ބޭރުގައި ރައްދު ދިނުމަކީ ހިނގަމުންދާ ޝަރީޢަތަށް ނުރަނގަޅު ނުފޫޒު ފޯރާނެ ކަމެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގައި ހެކިވެރިއެއްގެ ގޮތުން ދައުލަތުން ހުށަހެޅި، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ރައީސް ހަސަން ލުތުފީ ޝަރީއަތުގައި ހެކި ބަސް ދެއްވަން އުޒުރުވެރިވެވަޑައިގެންފައި ވަނިކޮށެވެ.
ފާއިޒް ވިދާޅުވީ ހިނގަމުންދާ ޝަރީޢަތެއްގައި އިންޞާފު ޤާއިމުކުރުމަށްޓަކައި ފޯރުކޮށް ދެވިދާނެ މުހިއްމު މަޢުލޫމާތުތަކެއް ދެނެހުރި މީހަކު، ޝަރީޢަތުން ބޭރުގައި މައްސަލައާގުޅޭ މަޢުލޫމާތު ޢާއްމު ކުރުމަކީ މައްސަަލަ އަށް އަސަރު ކުރާނެ ކަމެއް ކަމަށެވެ. އަދި އެމީހަކީ މައްސަލައިގައި ޝަފަހީހެއްކެއް ކަމުގައި ވާނަމަ، އެމީހަކާމެދު އެކޯޓަކުން އެޅިދާނެ ފިޔަވަޅުތަކެއް ހުންނަކަމަށާއި ދެ ހެކިވެރިންގެ ތެރެއިން، ޝަރީޢަތަށް ހެކިބަސްދީ ފައިވާ ހެކިވެރިޔާގެ ހެކިބަހަށް އަނެއް ހެކިވެރިޔާ ކޯޓުން ބޭރުގައި ރައްދު ދިނުމަކީ ހިނގަމުންދާ ޝަރީޢަތަށް ނުރަނގަޅު ނުފޫޒު ފޯރާނެ ކަމެއް ކަމަށެވެ.
ފާއިޒް ވިދާޅުވީ ހެކިބަސް ދީފައިވާ ފަރާތް ކްރޮސް އެގްޒެމިންކޮށް، އަދި ރީ އެގްޒަމިންކޮށް ނުނިމެނީސް އަދި ހެކިވެރިޔާގެ ހެކިބަހުގެ މައްޗަށް ދިފާޢީ ވަކީލުން ޠޮޢުނު ނުކުރަނީސް ކޯޓުން ނަވަތަ ޝަރީޢަތުން ބޭރުގައި އެ ހެކިވެރިޔާގެ ބަސް ދޮގުކުރަން އަނެއް ހެކިވެރިޔާ މަސައްކަތް ކުރުމަކީ އިންޞާފަށް ހުރަސް އެޅުން ފަދަ ކަމެއް ކަމަށެވެ. އަދި ވަކިބާވަތެއްގެ ޖިނާއީ ތަޙުޤީޤުކުރާ އޭސީސީ ފަދަ މުއައްސަސާއަކުން ހޯދާ މަޢުލޫމާތަކީ އެމައްސަލަ އަކާ ގުޅިގެން ޝަރީޢަތަށް ބޭނުންވާނެ މުހިއްމު މަޢުލޫމާތަކަށް ވެދާނެ ކަމަށާއި އެއީ ބޭނުންވެއްޖެ ހިނދެއްގައި ނުދީ ހިފެހެއްޓޭ ޒާތުގެ ފިކުރީ މުދަލެއް ނޫން ކަމަށް ފާއިޒް ވިދާޅުވިއެވެ.
ފާއިޒް ވިދާޅުވި ގޮތުގައި ވަކި ބާވަތެއްގެ ޖިނާއީ ތަހުގީގުކުރާ، އޭސީސީ ފަދަ މުއައްސަސާއަކުން ހޯދާ މައުލޫމާތުތަކަކީ އެ މައްސަލައަކާ ގުޅިގެން ޝަރީއަތަށް ބޭނުންވާނެ މުހިއްމު މައުލޫމާތަކަށް ވެދާނެ އެވެ. އެއީ ބޭނުން ވެއްޖެ ހިނދެއްގައި ނުދީ ހިފެހެއްޓޭ ޒާތުގެ ފިކުރީ މުދަލެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!