އެމްޓީސީސީގެ ވިލިމާލެ ފެރީ ޓާމިނަލްގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފަކު މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޓީސީސީގެ އެ މުވައްޒަފު ބައްޔަށް ޕޮޒިޓިވްވިކަން މިއަދު އެނގުނީ ރޯގާ ޖެހިގެން ފުލޫ ކްލިނިކަށް ދެއްކުމުން ހެދި ޓެސްޓުންނެވެ.

Ad
rt

ޓާމިނަލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން މި ދުވަސްވަރު ލޮކްޑައުންކޮށްފައި ވަނީ އެ ޓާމިނަލެއްގައި ނަމަވެސް އެ މުވައްޒަފު ޕޮޒިޓިވްވިކަން އެނގުނީ އޭނާ ގޭގައި ހުއްޓައިއެވެ.

ވިލިމާލެ ޓާމިނަލްގައި އެ މުވައްޒަފާ އެކު އިތުރު ހަތް މީހަކު މަސައްކަތް ކުރެ އެވެ. އެކަކު ޕޮޒިޓިވްވުމުން އެ ހަތް މީހުން ވެސް ކަރަންޓީނަށް ގެންދިއުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މުވައްޒަފު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން މިހާރު ޓާމިނަލް ވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ. އަދި ޓާމިނަލް ދެން ހުޅުވާނީ ފެރީތަކާއެކު ޑިސްއިންފެކްޓް ކުރުމަށް ފަހުގައެވެ.

މީގެ އިތުރުން އެމްޓީސީސީގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ކުންފުނީގެ ފްރޮންޓްލައިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ އުސޫލަކަށް އަމަލުކުރަމުންދާ ކަމެވެ. މާލެ ސަރަހައްދުގައި އެމްޓީސީސީއިން ފޯރުކޮށްދޭ އާންމު ފެރީ، ސްޕީޑް ފެރީ، މެޓްރޯ ބަސް އަދި ޕްރައިވެޓް ހަޔާ ހިދުމަތުގައި މަސައްކަތްކުރާ ޕްރަންޓްލައިން މުވައްޒަފުން ގެއަށް ނުގޮސް މަސައްކަތްކުރެވޭނެ އިންތިޒާމް މީގެ ކުރިން އެ ކުންފުނިން ވަނީ ހަމަޖައްސައިފައެވެ.

"އެމްޓީސީސީގެ ހުރިހާ ލޮބުވެތި މުވައްޒަފުން މިފަދަ ނާޒުކު ދަނޑިވަޅެއްގައި ކުރީ ސަފުގައި ތިއްބަވައިގެން ރައްޔިތުންނަށް ކޮށްދެއްވަމުން ތިޔަ ގެންދަވާ ނަމޫނާ ހިދުމަތަށް ފަށްފަށުން ޝުކުރުއަދާ ކުރަން،" އާޒިމްގެ ޓްވީޓުގައި ވިދާޅުވިއެވެ.

މާލެ ސަރަހައްދު ލޮކްޑައުން ކޮއްފައި ވީ ނަމަވެސް މާލެ އާއި ވިލިމާލެ އާއި ދެމެދު ފެރީތައް ދަތުރު ކުރަމުން ދެއެވެ. އެއީ ދުވާލަކު 6 ދަތުރެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް 618 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރޭގައި ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. މިބަލި ޖެހުނު ދެ މީހަކު ރާއްޖޭން ވަނީ މަރުވެފަ އެވެ.