9 މާޗް 2020 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކޮރޯނާވައިރަސްއާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅާއި ގުޅިގެން ދިވެހި އެންމެހާ ރައްޔިތުންގެ ކިބައިން ނިހާޔަަތަށް މާފަށް އެދޭކަމަށް ވިދާޅުވެއްޖެއެވެ.

އެދުވަހު އެވާހަކަދެއްކެވި ސަބަބު ހާމަކުރައްވައި މިއަދު ކުރެއްވި ޓުވީޓެއްގައި ރާއީ ވިދާޅުވީ، ކޯވިޑު-19 އާއި ބެހޭގޮތުން އޭރު އެގޮތަށް ވާހަކަ ދެއްކީ އޭރު ކޯވިޑު-19 އާއި ބެހޭގޮތުން ލިބިފައިވާ މައުލޫމާތުގެ އަލީގައި ކަމަށެވެ.

Ad
rt

އަޅުގަނޑު، އެދުވަހު އެގޮތަށް ވާހަކަ ދެއްކީ އޭރު ކޯވިޑްއާއި ބެހޭގޮތުން ލިބިފައިހުރި މަޢުލޫމާތުގެ އަލީގައި، އޭރު އެއީ ކޮރޮނާ، ބައްޔަށް ނަމެއްވެސް ނުދޭ،

ރާއީ ކުރި ޓުވީޓުގައި ވިދާޅުވިއެވެ.

ރާއީ މިހެން ވިދާޅުވި ނަމަވެސް ކޯވިޑު-19 އަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އެ ނަން ދިނީ 11 ފެބްރުއަރީ 2020 ގައެވެ. ކޯވިޑާއި ގުޅިގެން ޑަބްލިއު އެޗްއޯ އިން ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު (ޕެންޑަމިކް) އިއުލާން ކުރީ ޖެނުއަރީ މަސްތެރޭގައެވެ.

9 މާޗް ވަނަ ދުވަހުގެ ޖަލްސާގައި ރާއީއާއި އެމްޑީޕީގެ މަޖިލިސް މެންބަރުން ކޮރޯނާ ވައިރަސްއަކީ އެހާ ނުރައްކާތެރި ބައްޔެއް ނޫންކަމަށް ބުނާ ވާހަކަ ތަކުގެ ވީޑިއޯވެސް މިޓުވީޓުގައި ހިމަނުއްވާފައިވެއެވެ. މިވީޑިއޯ ވަނީ މީސްމީޑިޔާގައި ވަރަށް ބޮޑަށް ދަޢުރުވެ އެމްޑީޕީގެ މެންބަރުންނަށް ފާޑުކިއުން އަމާޒުވެފައެވެ.

ދެން ދުނިޔެ މިނިމުނީކަމަށް ޤަބޫލުކޮށްގެން، އަޅުގަނޑުމެންގެ ދިރިއުޅުން ބަދަލުކުރާ ހިސާބަށް ދާކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން، އެއްވެސް ވަރަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން އަމިއްލައަށް ޖަލެއް ހަދައިގެން އޭގެ ތެރޭގައި ބަންދުވެގެން ތިބުމެއް، މިކަމަކީ އަޅުގަނޑު ދެކޭގޮތުގައި ސާސް ފަދަ އާދައިގެ ބަލިމަޑުކަމެއް، މިވެގެން މިއުޅޭ ގޮތަކީ އަޅުގަނޑުމެންގެ ތެރެއިން ދިވެހި ރާއްޖޭގެ ބަޔެއް މީޑިޔާތަކުން ދިވެހި ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދާ އުސޫލުން މިކަންތައް ކުރީމާ، މާބޮޑަށް ހިތް ބިރުގަންނަނީ

މަޖިލިސް ޖަލްސާގައި ރާއީ ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ރާއީ ހިއްސާ ކުރެއްވި ވީޑިއޯގައި މެންބަރުން ވިދާޅުވެފައި ވަނީ ކޮރޯނާވައިރަސް އަކީ އާދައިގެ ކަމެއްކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ތަކުރާތުކޮން އެކިއެކި ތަންތަނުގައި އެމޭރުމުން ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން އެ ބައްޔަކީ ވަރަށް އާދައިގެ ރޯގާއެއް ކަމަށާއި ވަރަށް ފަސޭހައިން ރަނގަޅު ކުރެވޭ ބަައްޔެއް ކަމަށް ރައީސް ނަޝީދުވެސް ވިދާޅުވިއެވެ.