ށ. ނަރުދޫ، ކެނެރީގެ ޢުމުރުން 37 އަހަރުގެ ފާޠިމަތު ޝަފީޤާގެ މަސައްކަތްތެރި ކަމާއި، އެ ރަށަށް ޝަފީޤާ ހިލޭ ސާބަހަށް ދެމުންދާ މާސްކު ފަހައި ދިނުމުގެ ޚިދުމަތަކީ މިވަގުތު އެރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންތެރި އެއް ޚިދުމަތްކަން ޔަގީީނެވެ.
ފެހުމުގެ މަސައްކަތުގައި 22 އަހަރު ހޭދަކޮށްފައިވާ ޝަފީޤާ، ދިރިއުޅުމުގެ ޚަރަދުތައް ފޫބެއްދުމަށް އިތުރު މަސައްކަތެއްގެ ގޮތުން މީގެ ދެ އަހަރެއްހާ ދުވަސްކުރިން އެރަށު ކެފޭއެއްގައި ކޭޝިޔަރެއްގެ ވަޒީފާ އަދާ ކުރަން ފެށިއެވެ.
ކެފޭގެ ވަޒީފާއަށް ދިޔަ ނަމަވެސް އެ ވަޒީފާގެ ވަގުތުގެ އިތުރަށް ލިބޭ ހުރިހާ ވަގުތެއްގައިވެސް ޝަފީޤާ ދިޔައީ ފެހުމުގެ މަސައްކަތް ކުރަމުންނެވެ. އިތުރު ވަޒީފާއަކަށް ދިޔަނަމަވެސް ރަށު މީހަކު ފެހުމަށް ގެންނަ އެންމެ ހެދުމެއްވެސް ދޫކޮށް ނުލައި، ޝަފީގާ ފަހާފޮށްޓަށް ދީފައިވާ ޝައުގު ދިޔައީ ދަމަހައްޓަމުންނެވެ.
ކޯވިޑް-19 ބައްޔަށް ރާއްޖެއިން ފުރަތަމަ ފަހަރަށް މީހަކު ޕޮޒިޓިވުމުން ރާއްޖޭގެ ކަންކޮޅުތަކުގައި އަޅަމުން ދިޔަ ރައްކާތެރި ކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ށ. ނަރުދޫގައި ޝަފީޤާ ވަޒީފާ އަދާކުރަމުން ދިޔަ ކެފޭވެސް ބަންދު ކުރިއެވެ. ނަތީޖާއެއްގެ ގޮތުން ޝަފީގާވެސް ގޭގައި މަޑުކުރަން ޖެހުނެވެ.
ޝަފީގާ ގޭގައި މަޑުކުރަން ޖެހުނު ދުވަސް ވަރަކީ އެހެން އަހަރު ތަކުގައި ގިނަ ޢަދަދަކަށް ހެދުން ފަހަން ލިބޭ ދުވަސްވަރެކެވެ. އެރަށުގައި ރޯދައަށް ހެދުން ފަހާ މީހުން ވަރަށް ގިނައެވެ. އަދި ރޯދަ ނިމި އަންނަ ޢީދަށް ހެދުން ފަހާ މީހުންވެސް އެހާމެ ގިނައެވެ. ނަމަވެސް ކޯވިޑް-19 ގެ ބިރުވެރި ހިޔަނީގެ ސަބަބުން މިފަހަރު ހެދުން ފަހާކަށް ނުލިބުނެވެ.
ކަން އެހެން ދިމާވި ނަމަވެސް ޝަފީޤާ ފަހާފޮށި ދޫކުރާކަށް ބޭނުމެއްނުވިއެވެ. އެހިސާބުން ޝަފީޤާ ނިންމީ ކޯވިޑް-19 ހާލަތުގައި ބޭނުން ކުރެވޭނެ މާސްކު ފެހުމުގެ މަސައްކަތް ކުރާށެވެ. ޝަފީޤާ މާސްކު ފަހަން ފެށީ ރާއްޖެއިން ކޯވިޑްގެ ފުރަތަމަ ކޭސް ފެނި ހަފުތާއެއްހާ ދުވަސް ފަހުންނެވެ.
ދުވަސްތައް ދައުރުވަމުން ގޮސް ޝަފީޤާއާއި، ޝަފީޤާގެ ލޯބިވާ ނަރުދޫއާއި ބައްދަލު ކުރީ ހިތާމަވެރި ދުވަހެކެވެ. " ރަށު މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވީ ވާހަކަ އަޑު އިވިފައި ފައި ދަށުން ބިންގަނޑު ދެމިގެން ދިޔަހެން ހީވީ، ހާސްވެ ރޮވުނު، ހިތަކަށްވެސް ނާރާ މިކުޑަ ރަށަށް މިހާއަވަހަށް މިބަލި އައިސްދާނެ ކަމަކަށް" ޝަފީޤާ ބުންޏެވެ.

ޝަފީޤާ މާސްކު ފަހަމުން ދިޔައީ މިދުވަސް އެރަށަށް އަންނާނެ ކަމަށް ދެކިގެންނެއް ނޫނެނެވެ. " ސަތޭކައަށްވުރެ ގިނަ މާސްކު ފެހިއްޖެ، މާސްކު ބޭނުން މީހުންނަށް ހަދިޔާ ކުރަނީ، ރަށު މީހުން ތިބީ މާސްކު ބޭނުންވެފައި، މި ދަތި ވަގުތު އެކަކަށްވެސް މާސްކު ވިއްކާކަށް ބޭނުމެއްނޫން، މިވެސް ރަށަށް ވެވޭ އެހީއެއް ކަމަށް ދެކެނީ" ޝަފީޤާ ބުންޏެވެ.
ޝަފީޤާ އެބުނީ ވަރަށް ބޮޑު ތެދެކެވެ. ރަށަށް ޝަފީޤާގެ އެހީ ބޭނުންވި ވަގުތު ޝަފީޤާ އެދަނީ ފަހާފައި ހުރި މާސްކުތައް ހިލޭ ސާބަހަށް މީހުންނަށް ދެމުންނެވެ. އަދި އޭނާ ގެންދަނީ އިތުރު މާސްކު ފަހަމުންނެވެ. އެ ރަށުން މާސްކު ބޭނުންވާ މީހުންނަށް ޓާސްކް ފޯސް މެދުވެރިކޮށް ޝަފީޤާގެއިން މާސްކު ދަނީ ފޯރުކޮށް ދެމުންނެވެ.

ޝަފީޤާގެ މިޚިދުމަތަކީ ނަރުދޫ ރައްޔިތުން ޝުކުރުވެރި ކަމާއި އެކު ބަލައިގަންނާނެ ޚިދުމަތެއްކަން ކަށަވަރެވެ. އެ ރަށު އަމާޒު ބޯޓުގެ ކެޕްޓަން ކޯވިޑް-19 އަށް ޕޮޒިޓިވްވެ އޭނާގެ އަންހެނުންނާއި، 3 ދަރިންގެ އިތުރުން ކެޕްޓަން މާބަނޑު ޅީ ދަރިފުޅާއި، އަމާޒު ބޯޓުގެ ދެ ފަޅު ވެރިންވަނީ އެ ބަލީގެ ޝިކާރައަކަށްވެފައެވެ. މިހާލަތުގައި ރަށުގެ ރައްޔިތުން ތިބީ ހާސްކަންމަތީ ނަމަވެސް ކެތްތެރިކަމާއި، އެކުވެރިކަން މަތީގައެވެ.
ދުނިޔޭގެ މަސައްކަތްތެރީންގެ ދުވަހު ދުނިޔޭގައި ތިބި އެތައް މިލިއަން މަސައްކަތްތެރީންގެ ތެރެއިން އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގެ އުތުރުގެ ށ. އަތޮޅަށް ނިސްބަތްވާ ފިސާރި ކަނބަލެއްގެ ވާހަކަ ގެނެސް ދިނުމުގެ މަގު ފަހިވެގެން ދިޔުމީ ލިބުނު ނުހަނު ބޮޑު އުފަލެކެވެ.
މަސައްކަތްތެރީންގެ މިދުވަހު އެންމެހާ މަސައްކަތްތެރީންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރަމުން، ޝަފީޤާއަށް ސާބަސް ދެމުން ވަކިވެލަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!