ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑޮންގަކީ "ޑިކްޓޭޓަރެއް" ކަމަށް ބުނެ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ދެއްކި ވާހަކަތަކާ ގުޅިގެން އުފެދުނު މައްސަލައިގައި، އޭނާ މައާފަށް އެދިފައިވާތީ އެކަމާ ގުޅުވައިގެން އިތުރަށް އުނދަގޫ ނުކުރުމަށް ފްރެންޗް ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ފިލިޕް ޑިއާލޯ އެދިވަޑައިގެންފިއެވެ.
ޑިއާލޯ ވިދާޅުވީ އެމްބާޕޭ އެފަދަ ވާހަކައެއް ދެއްކީ އެއްވެސް ބަޔަކަށް ކުޑައިމީސްކުރުމުގެ ނިޔަތުގައި ނޫން ކަމަށާއި، މިހާރު މި މައްސަލަ ނިންމައި އޭނާއަށް ކުރިއަށް ދިއުމުގެ ފުރުސަތު ދޭންޖެހޭ ކަމަށެވެ.
ފްރާންސްގެ ނޫހެއް ކަމަށްވާ "އޮއެސްޓް-ފްރާންސް" އަށް ބުރާސްފަތި ދުވަހު ދެއްވި އިންޓަވިއުއެއްގައި ޑިއާލޯ ވިދާޅުވީ، އެ ވާހަކަތައް ދެކެވުނު ގޮތުގެ ތަފުސީލު އެމްބާޕޭ ވަރަށް ރަނގަޅަށް ސާފުކޮށްދީފައިވާ ކަމަށާއި، މި މައްސަލަ ދިގުދެމިގެން ނުދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. "އަޅުގަނޑު ގަބޫލުކުރަނީ އެންމެ ފުރިހަމަ ގޮތުގައި އޭނާގެ ސީޒަން ކުރިއަށް ގެންދެވޭނެ މާހައުލެއް ފަހިކޮށްދިނުމަށްޓަކައި މިހާރުން ފެށިގެން އެ މައްސަލަ އެ ހިސާބުން ދޫކޮށްލަންޖެހޭ ކަމަށް،" ޑިއާލޯ ވިދާޅުވިއެވެ.
މި މައްސަލަ ފެންމަތިވީ، ކްލަބް ފެންވަރުގައި އުމުރުން 27 އަހަރުގެ އެމްބާޕޭގެ ނުފޫޒު އޮންނަ މިންވަރާ ގުޅުވައިގެން ސަމާސާގެ ގޮތުގައި ދެކެވެމުން އައި ވާހަކަތަކެއްގެ ތެރެއިންނެވެ. ފްރާންސްގެ ޕޮޑްކާސްޓެއްގައި ވާހަކަދައްކަމުން އެމްބާޕޭ ވަނީ، މީހެއްގެ ފޮޓޯއަކަށް އޭނާގެ މޫނު ފޮޓޯޝޮޕްކޮށްގެން ހަދާފައިވާ މީމަކަށް އިޝާރާތްކޮށް، އެއީ "ޗައިނާގެ ޑިކްޓޭޓަރެއް" ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ. އެމްބާޕޭ ކުޅޭ ޓީމުތަކުގައި ނިންމާ ނިންމުންތަކަށް އޭނާ ނުފޫޒު ފޯރުވާކަން ދެއްކުމަށްޓަކައި، ސަޕޯޓަރުން ކުރިން ވެސް ސިޔާސީ އަދި އަސްކަރީ ލީޑަރުންގެ ފޮޓޯތަކަށް އޭނާގެ މޫނު އަޅުވައިގެން މީމްސް ހަދާފައިވާއިރު، ޔޫރަޕްގެ ނޫސްތަކުގައި އޭނާއަށް "ޑިކްޓޭޓަރު" ގެ ނަމުން ވެސް މުޚާތަބުކޮށްފައިވެއެވެ. ނަމަވެސް އެ ވާހަކަ ދެއްކި ވީޑިއޯ މިހާރު ވަނީ އިންޓަނެޓުން ނަގައިފައެވެ.
އެމްބާޕޭގެ މި ވާހަކަތަކާ ގުޅިގެން ޗައިނާގެ ހިތްހަމަނުޖެހުން އަމާޒުވުމުން، އޭނާ މިހާރު ކުޅެމުން އަންނަ ރެއާލް މެޑްރިޑާއި ސްޕެއިނުގެ ލަ ލީގާއިން ވެސް ވަނީ ރަސްމީކޮށް މައާފަށް އެދިފައެވެ. މި މައްސަލަ ހައްލުކޮށް، އޭގެ ސަބަބުން ކުޅިވަރުގެ ދާއިރާއަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ލަ ލީގާގެ ރައީސް ހާވިއޭ ޓެބަސް ވަނީ ޚާއްސަ ކްރައިސިސް ޔުނިޓެއް އުފައްދަވައި، ބުދަ ދުވަހު ސްޕެއިންގައި ހުންނަވާ ޗައިނާގެ ސަފީރު ޔާއޯ ޖިންގްއާ ބައްދަލުކުރައްވައި މަޝްވަރާ ވެސް ކުރައްވާފައެވެ.
މި މައްސަލައިގެ ސަބަބުން ޗައިނާގެ ވިޔަފާރީގެ މާކެޓުގައި އެމްބާޕޭއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ކުރިމަތިވާން ފަށައިފައެވެ. 1949 ވަނަ އަހަރުން ފެށިގެން 1976 ގައި އަވަހާރަވުމާ ހަމައަށް ވެރިކަން ކުރެއްވި ޒަމާނީ ޗައިނާގެ ބާނީ މާއޯއަށް ފުރައްސާރަކުރުމަކީ އެ ގައުމުގައި މަނާ ކަމަކަށް ވާއިރު، ޗައިނާގެ މަޝްހޫރު ކުންފުނިތައް ކަމަށްވާ މެންގްނިއު، ޝަންހާއީ މިލްކްގްރައުންޑް ފުޑް ޓެކް އަދި އީސްޓްރޮކް ބެވަރޭޖުން ވަނީ އެމްބާޕޭއާއެކު އޮތް ހުރިހާ ވިޔަފާރި ގުޅުމެއް ވަގުތުން ހުއްޓާލައިފައެވެ. މީގެއިތުރުން، އަންނަ އާދީއްތަ ދުވަހު ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅޭ މެޗު ދެއްކުން ޗައިނާގެ ދައުލަތުގެ ބްރޯޑްކާސްޓަރު 'މިގޫ' އިން ވަނީ ކެންސަލްކޮށްފައެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާ އެއް ކަމަށްވާ "ޗައިނާ ޑެއިލީ" އިން ބުނީ، އެމްބާޕޭގެ އެ ވާހަކަތަކުގެ ސަބަބުން ޗައިނާގައި ތިބި އޭނާގެ ސަޕޯޓަރުންގެ މެދުގައި ބޮޑު ނުރުހުމެއް އުފެދި، އޭނާއަށް ލިބެމުންދިޔަ ބޮޑެތި ވިޔަފާރީގެ ފުރުސަތުތަކަށް ނުރައްކާވެ، މަޝްހޫރު މީހުންގެ ނުފޫޒުގައި އިންތަކެއް ހުންނަންޖެހޭކަން ހަނދާންކޮށްދީފައިވާ ކަމަށެވެ. މި މައްސަލައިގައި ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ، އެމްބާޕޭ އެދުނު މައާފާ މެދު އެ ގައުމުގެ ސަރުކާރުން ވަރަށް "ސީރިއަސްކޮށް" ދެކޭ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!