ކޮމަންވެލްތު އިސްވެރިންގެ 28 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް މިއަދު އެންޓީގާ އެންޑް ބާބިޔުޑާއަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

Ad
d

އެންޓީގާގައި ކުރިއަށްދާ މި ބައްދަލުވުމުގެ ތެރެއިން، ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ގިނަ ދަންފަޅިތަކުގައި ނައިބު ރައީސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދަންފަޅިތަކުގައި އެމަނިކުފާނު މުހިންމު ބަޔާންތައް އިއްވެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން މި އަހަރު ކުރިއަށްގެންދިއުމަށް ތާވަލުކޮށްފައިވަނީ އަންނަ ނޮވެންބަރު މަހުގެ 1 އިން 4 ގެ ނިޔަލަށެވެ.

މި އަހަރުގެ ބައްދަލުވުން ކުރިއަށްދާނީ "އެކްސެލެރޭޓިންގ ޕާޓްނަރޝިޕްސް އެންޑް އިންވެސްޓްމަންޓް ފޯރ އަ ޕްރޮސްޕަރަސް ކޮމަންވެލްތު" މި ޝިޢާރުގެ ދަށުންނެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާނީ މެންބަރު ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަށް ފުރުޞަތު ފަހިކުރުމުގެ އިތުރުން، އެންމެންގެ ބައިވެރިވުން ހިމެނޭ އިޤްތިޞާދީ ކުރިއެރުމެއް ހޯދުމުގެ މައްޗަށެވެ.

Ad
df

ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަކީ، ދުނިޔޭގެ އިޤްތިޞާދީ، ތިމާވެށީގެ އަދި ސަލާމަތީ ގޮންޖެހުންތަކާ ގުޅޭގޮތުން މެންބަރު ޤައުމުތަކުގެ އިސްވެރިން މަޝްވަރާކުރައްވާ މުހިންމު މަންސައެކެވެ. މީގެ އިތުރުން، މިއީ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށާއި، ވިލުންތެރިކަން ބިނާކުރުމަށާއި، ވިޔަފާރި ފުޅާކުރުމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް މަޝްވަރާކޮށް ގޮތް ނިންމުމަށް މެންބަރު ޤައުމުތަކަށް ލިބޭ އަގުހުރި ފުރުޞަތެކެވެ.