އަޕަރ ސައުތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު ހަތަރު މީހެއްގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފިއެވެ.
މި މައްސަލައާ ގުޅިގެން ޖުމްލަ ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، އެ މީހުންގެ މައްސަލައިގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ފުލުހުންގެ އިދާރާއިން ހާމަކުރީ ރޭގައެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ބައެއް މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި، ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ އަޙްމަދު ނޫޙު ނިޔާޒެވެ.
މީގެ އިތުރުން، މި މައްސަލައިގައި ހިމެނޭ އުމުރުން 35 އަހަރުގެ ނަޖުމުﷲ ޙަސަންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 45 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ހަމައެއާއެކު، ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އުމުރުން 20 އަހަރުގެ މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރު އިތުރު 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ދެން ހިމެނޭ އުމުރުން 26 އަހަރުގެ މުޙައްމަދު ޞާލިޙު އަޙްމަދާއި، 32 އަހަރުގެ އަޙްމަދު ޞާނިޖު ޞާދިޤުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެ ދެ މީހުންގެ ބަންދަށް ކޯޓުން އިތުރުކޮށްދީފައިވަނީ ފަސް ދުވަހެވެ.
މި ސީރިއަސް މައްސަލައިގެ ތަހުގީގަށް ޚާއްސަކޮށްގެން ފުލުހުންގެ ޚާއްސަ ޓީމެއް ވެސް ވަނީ ފޮނުވާފައެވެ.
ލުހުން ހާމަކުރި ގޮތުގައި، މި މައްސަލަ އެންމެ ފުރަތަމަ ފުލުހުންނަށް ހުށަހަޅާފައިވަނީ އަޕަރ ސައުތު ޕޮލިސްގައި ހިމެނޭ އެ ރަށުގައި ބަޔަކު ވެގެން 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ގޮތުގައެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު ކަމަށާއި، އެ މައްސަލަ ބަލަމުން އަންނަކަން އެންމެ ފުރަތަމަ ހާމަކުރީ އޮކްޓޫބަރު 21 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަމަވެސް، އެ އަންހެން މީހާއަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔަ ވަރަކަށް، މި މައްސަލައިގެ ތެރެއިން އިތުރު ސީރިއަސް ކަންތައްތަކެއް ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން، ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވެސް ތަހުގީގުގެ ތެރެއިން ފާހަގަވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިހާތަަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު މިހާދިސާ ހިނގާފައި ވަނީ ގދ. ތިނަދޫ ސިޓީގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!