ހދ. ކުޅުދުއްފުށި ސިޓީގެ ވައިގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެ، ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވެފައިވާތީ ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ ރަށުގެ ރައްޔިތުންނަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

އެ ކައުންސިލުން މި ފަދައިން އަންގާފައިވަނީ، ކުޅުދުއްފުށީގެ ވައިގެ ފެންވަރު ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެން ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ތަޢައްޔަރުވެފައިވާ ވައިގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ ސިއްހީ އަސަރުތަކުން ރައްކާތެރިވުމުގެ ގޮތުންނެވެ.

Ad
d

މި ކަމުން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކުރަމުން ކައުންސިލުން ވަނީ، ވައި ނުސާފު ވަގުތުތަކުގައި ބޭރުތެރޭގައި އުޅުމާއި، ބޭރުގައި ކުރާ އެކި ކަންކަން ވީހާވެސް މަދުކުރުމަށް އަންގާފައެވެ.

މީގެއިތުރުން، ބޭރުގެ ވައި ތަޢައްޔަރުވެފައިވާ މިންވަރު މަތިނަމަ، ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ބަންދުކޮށްފައި ބެހެއްޓުމަށް ވެސް ކައުންސިލުން ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެހެން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މާސްކު އަޅައިގެން ނިކުތުމަށް ވެސް އެދިފައިވެއެވެ.

ހަމައެއާއެކު، ނޭވާލުމަށް އުނދަގޫވުން ފަދަ ކަމެއް ދިމާވުން ނުވަތަ ސިއްހީ އެހެން މައްސަލައެއް ކުރިމަތިވާނަމަ، އެއްވެސް ވަރަކަށް ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް ވެސް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ ހަނދާންކޮށްދީފައެވެ.

Ad
df

އެ ކައުންސިލުން އިތުރަށް ބުނެފައިވަނީ، ކުޅުދުއްފުށި ސިޓީގެ ވައިގެ ފެންވަރު މިހާރު ސިޓީ ކައުންސިލްގެ ވެބްސައިޓުން ފަސޭހަކަމާއެކު ބަލައިލެވޭނެ ކަމަށެވެ.