ރަސްމާލެ މަޝްރޫޢާއި ބޭރުގެ އެފަދަ ބޮޑެތި މަޝްރޫޢުތައް އެކަށައެޅުމުގައި ކަށަވަރުކުރަންޖެހޭ މައިގަނޑު އަށް ކަމަކަށް ރިޢާޔަތްކުރުމަށް ޖަމްޢިއްޔަތުއްސަލަފުން ސަރުކާރަށް މިއަދު އިލްތިމާސްކޮށްފިއެވެ.
އެ ޖަމްޢިއްޔާއިން މިކަމަށް އެދުނީ މިފަދަ މަޝްރޫޢުތައް ކުރިއަށް ގެންދިއުމާ ގުޅޭ ޤާނޫނީ އޮނިގަނޑާއި އެއްބަސްވުންތައް އެކަށައެޅުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކެއް ބަޔާންކޮށް ނެރުނު އިލްތިމާސެއްގައެވެ.
ޖަމްޢިއްޔަތުއްސަލަފުން ސަރުކާރަށް މިފަދަ އިލްތިމާސެއް މި ކުރީ، ސަރުކާރުން އިޢުލާންކޮށްފައިވާ ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން އާންމުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިކަން ފާޅުކުރަމުންދަނިކޮށެވެ. އަދި އެ މަޝްރޫޢާ ގުޅޭގޮތުން އެ ޖަމްޢިއްޔާއިން ދިރާސާ ކުރަމުންދާކަން މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އިޢުލާންކުރިތާ އެއް މަސްދުވަސް ފަހުންނެވެ.
އެ ޖަމްޢިއްޔާއިން ނެރުނު އިލްތިމާސްގެ ލިޔުމުގައި ބުނެފައިވަނީ، ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއެކު ބޭއްވި ބައްދަލުވުންތަކުންނާއި އެހެނިހެން ގޮތްގޮތުން ހޯދި މަޢުލޫމާތުތަކަށް ބަލާއިރު، މިއީ ރަސްމާލޭގެ 500 ހެކްޓަރުގެ ބިން، ދިވެހި ދައުލަތުގެ މިލްކުވެރިކަން ދެމިއޮންނަ ގޮތަށް ރިއަލް އެސްޓޭޓް އުޞޫލުން ތަރައްޤީކޮށް އިންވެސްޓްކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރުގެ މުއްދަތަށް ދޫކުރުމަށް ރޭވިފައިވާ މަޝްރޫޢެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މަޝްރޫޢުތައް އެކަށައެޅުމުގައި ކަށަވަރުކުރުމަށް ސަލަފުން ފާހަގަކޮށްފައިވާ އަށް ނުކުތާގެ ތެރޭގައި ހިމެނެނީ، އިސްލާމީ ޝަޚްޞިއްޔަތާއި ޤައުމީ ސިޔާދަތު ޙިމާޔަތްކުރުމާއި، ދައުލަތުގެ ސިޔާދަތާއި އިސްތިރާޖީ މިނިވަންކަން ޙިމާޔަތްކުރުމުގެ އިތުރުން، އާބާދީގެ އޮނިގަނޑަށް އަންނާނެ ބަދަލުތަކާއި ސަލާމަތީ ނުރައްކާތައް ދިރާސާކުރުމެވެ. މީގެއިތުރުން ދިވެހި ރައްޔިތުންނަށް އެންމެ މަތީ މަންފާ ލިބޭނެ އިޤްތިޞާދީ ތަރައްޤީއަކަށް އަމާޒުހިފުމާއި، ދެފުށްފެންނަ ހާމަކަން ބޮޑު ސިޔާސަތެއް ޤާއިމުކުރުމާއި، ހުޅުވާލެވިފައިވާ އިޤްތިޞާދަކާއި ޤައުމީ އަސާސްތަކުގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުމާއި، ދާއިމީ މޮނިޓަރިންގ ނިޒާމެއް ޤާއިމުކުރުމުގެ އިތުރުން އިޖްތިމާޢީ އަސަރުތައް ވަޒަންކުރުން ވެސް ހިމެނެއެވެ.
ރާއްޖޭގައި ހިންގާ އިންވެސްޓްމަންޓްތަކުގައި ޤައުމުގެ އިސްލާމީ ވަންތަކަމާއި ސިޔާދަތު ރައްކާތެރިކުރުމުގެ މުހިންމުކަން ފާހަގަކޮށް ސަލަފުން ބުނީ، ފަލަސްޠީނުގެ މުޤައްދަސް ބިންތައް ފޭރިގަނެ، ޒަޔަނިސްޓް އިސްތިޢުމާރެއްގެ ދަށުން ޤާއިމުކޮށްފައިވާ "އިޒްރޭލު"ގެ އެއްވެސް ރައްޔިތަކަށް މިފަދަ މަޝްރޫޢަކުން ފުރުޞަތު ނުދިނުމަށެވެ. ހަމައެއާއެކު، މަޝްރޫޢުގެ އެއްބަސްވުންތައް ދެފުށް ފެންނަ ގޮތެއްގައި ހާމަކޮށް، ރައްޔިތުންގެ މަޝްވަރާއާއެކު ކުރިއަށް ގެންދިއުމަށް ވެސް ވަނީ ގޮވާލާފައެވެ.
މީގެއިތުރުން، އިސްލާމީ އަދި އިޖުތިމާޢީ މިންގަނޑުތަކަށް ފުރިހަމައަށް ބޯލަނބާކަން މޮނިޓަރކޮށް، ޤައުމީ މަޞްލަޙަތު އެންމެ އިސްކޮށް ރައްކާތެރި ކުރެވޭނެހެން އެއްބަސްވުންތަކާއި ޤާނޫނީ އޮނިގަނޑު ފަރުމާ ކުރުމަށް ސަރުކާރަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ރަސްމާލޭގެ މަޝްރޫޢުގެ ޙަޤީޤީ ތަޞައްވުރު ޔަޤީންވެގެންދާނީ މަޝްރޫޢުގެ އެއްބަސްވުން އެކުލަވާލެވި، ކަމާބެހޭ ޤާނޫނު ވުޖޫދުވުމުން ކަމަށް ވެސް ޖަމްޢިއްޔަތުއްސަލަފުން ވަނީ ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!