ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ ބަޖެޓު ތައްޔާރުކޮށްފައިވަނީ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ކަމަށްވާ ހޮސްޕިޓަލްތަކާއި ސްކޫލްތައް ނިންމުމަށް އިސްކަންދީގެން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ "ނޭޝަން ޗެޓް" ސިލްސިލާ ޕޮޑްކާސްޓުގެ 6 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
d

މިގޮތުން، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިހިނގާ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވެފައިވާކަންވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ. އަދި މި ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ފެށިފައިވާ މަޝްރޫޢުތަކުގެ ތެރެއިން މަދުވެގެން 70 އިންސައްތަ މަޝްރޫޢު އެއްކޮށް ނިންމައި ޙަވާލުކުރުން ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދުގެ ސަރުކާރުން ވެރިކަމާ ޙަވާލުވިއިރު ޤައުމުގެ އިޤްތިޞާދު އޮތީ ދަރަނި ނުދެއްކި ޑިފޯލްޓްވުން ނުވަތަ ބަނގުރޫޓުވުމުގެ ތުންފަތްމަތީގައި ކަމަށާއި، އެންމެ ފުރަތަމަ އިސްކަން ދެއްވީ އެ ހާލަތުން ޤައުމު ސަލާމަތްކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މިއަހަރު ފެށިގެން އައިއިރު ރެކޯޑް މިންވަރަކަށް ގްރޮސް ރިޒާވް އަދި ޔޫސަބަލް ރިޒާވް އިތުރުކުރެވިފައިވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ބަޖެޓުގެ ޑެފިސިޓް ނުވަތަ ދަރަނި ކުޑަކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ދައުލަތަށް އާމްދަނީ އިތުރުކުރެވޭނެ އައު ގޮތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ފިސްކަލް ޒިންމާދާރުކަން އިތުރުކުރުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ކުރިއަށްގެންދަވާ އެއްވެސް މަޝްރޫޢެއްގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ދަރަނި ބޮޑުވެގެން ނުދާނެކަން ކަށަވަރުކޮށްދެއްވަމުން، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައްވެސް ކުރިއަށްގެންދަނީ އެފަދަ އުސޫލަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ރަސްމާލެ މަޝްރޫޢަށް ގެންނަ އިންވެސްޓްމަންޓަކީ ސަރުކާރުގެ ބޮލުގައި އިތުރު ދަރަންޏެއް ނުވަތަ ލޯނެއް އެޅޭނެ ކަމެއް ނޫން ކަމަށާއި، އެ މަސައްކަތް ކުރިއަށްދަނީ މުސްތަޤުބަލުގައި ލިބޭނެ އާމްދަނީ (ފިއުޗަރ ރެވެނިއު) އިން ކެނޑޭ ގޮތަށް ކަމަށްވާތީ، ދައުލަތުގެ ބަޖެޓަށް އޭގެ ސަބަބުން ބުރައެއް އުފުލަން ނުޖެހޭނެ ކަމަށް އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

Ad
df

ބޭރު ދުނިޔޭގެ މަސްރަޙުގައި ހިނގާ ކަންކަމުން ރާއްޖޭގެ އިޤްތިޞާދަށް ކުރާ އަސަރުތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި ޓެކްސް އާމްދަނީއަށް ނޭދެވޭ އަސަރުތަކެއް ކުރި ކަމަށެވެ. ނަމަވެސް އެ ކަންކަން ރަނގަޅަށް މެނޭޖްކޮށްގެން ބަޖެޓުގެ ތެރެއިން މަޝްރޫޢުތައް ކުރިއަށްގެންދަވާ ކަމަށާއި، ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމުގެ އައު މަގުތައް ހޯދައި، ބަޖެޓު ޑެފިސިޓް ކުޑަކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.