އެމެރިކާގެ މިޑްޓާމް އިންތިހާބަށް ފަހު އީރާނާ ދެކޮޅަށް ކުރު ނަމަވެސް ވަރުގަދަ އަސްކަރީ ކެމްޕޭނެއް ހިންގަން ތައްޔާރުވަމުންދާ ކަމުގެ އިންޒާރު ޑިޕްލޮމެޓިކް އަދި އަސްކަރީ ވަސީލަތްތައް މެދުވެރިކޮށް އެމެރިކާއިން ގަލްފުގެ އަރަބި ގައުމުތަކަށް ދީފި ކަމަށް ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއުއެސްޖޭ) އިން ރިޕޯޓުކޮށްފިއެވެ.

މި އޮޕަރޭޝަނާ ގުޅޭ ފަހުގެ ނިންމުން ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ނުނިންމެވި ނަމަވެސް، އިންތިހާބަށް ފަހު ފުޅާ ދާއިރާއެއްގައި އަސްކަރީ ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނު ބުރަވެވަޑައިގަންނަވާ ކަމަށް އެ ނޫހުން ބުނެއެވެ.

Ad
d

ރިޕޯޓުގައިވާ ގޮތުން އެމެރިކާއިން ރާވަމުންދާ އަސްކަރީ ހަމަލާތަކުގައި މައިގަނޑު ގޮތެއްގައި އަމާޒުކުރުމަށް ހަމަޖެހިފައިވަނީ އީރާނުގެ މުހިންމު އުމްރާނީ ވަސީލަތްތަކަށާއި، ނިއުކްލިއާ މަރުކަޒުތަކުގެ އިތުރުން މިސައިލާއި ޑްރޯން އުފައްދާ ކާރުހާނާތަކަށެވެ. މިއީ އީރާންގެ އަސްކަރީ ބާރު ކުޑަކުރުމުގެ މަގުސަދުގައި ކުރިއަށްގެންދަން އެކުލަވާލަމުން އަންނަ ޕްލޭނެކެވެ.

މި އޮޕަރޭޝަނަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާގެ އަސްކަރިއްޔާއިން ދަނީ މެދުއިރުމަތީގެ ވައިގެ ދިފާއީ ނިޒާމު އިތުރަށް ވަރުގަދަކުރަމުންނެވެ. އެގޮތުން ޓެކްސަސްއިން އިތުރު ޕެޓްރިއޮޓް މިސައިލް ސިސްޓަމެއް ސަރަހައްދަށް ގެންދިއުމާއި، ހަމަލާ އަމާޒުވެދާނެ ނާޒުކު ކުރީ ސަފުގެ އަސްކަރީ މަރުކަޒުތަކުގައި ތިބި ސިފައިން އެހެން ތަންތަނަށް ބަދަލުކުރުމުގެ އިތުރުން، ޕްރެސިޝަން ގައިޑެޑް ހަތިޔާރާއި ވަޒަން އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ އިތުރުން ބޮންއަޅާ ބޯޓުތަކާއި ހަނގުރާމަމަތީ މަތިންދާބޯޓުތައް ވެސް އޮޕަރޭޝަންތަކަށް ތައްޔާރުކުރަމުން އަންނައިރު، ކަނޑުގެ ސިފައިންގެ އިތުރު ވަސީލަތްތަކާއި މެރިން އެކްސްޕެޑިޝަނަރީ ޔުނިޓެއް ވެސް އެ ސަރަހައްދަށް ފޮނުވުމަށް ވަނީ ނިންމާފައެވެ.

އަސްކަރީ ތައްޔާރީތަކާ އެކު ވެސް ޑިޕްލޮމެޓިކް ފިޔަވަޅުތަކާއި މަޝްވަރާތައް ސަރަހައްދީ މެދުވެރިން މެދުވެރިކޮށް އަދިވެސް ކުރިއަށްދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ސަރަހައްދީ ގޮތުން ސުލްހަ ގާއިމުކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރާއި އޮމާން ފަދަ ގައުމުތަކުން މަސައްކަތް ކުރަމުންދިޔަ ނަމަވެސް، އަދި މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އެމެރިކާއިން މިގޮތަށް ދެ މަގެއް އިޚްތިޔާރުކޮށްފައިވަނީ ޑިޕްލޮމެޓިކް ފިއްތުންތައް ދަމަހައްޓަމުން، ހަމައެއާއެކު އަސްކަރީ ގޮތުން ފިޔަވަޅު އެޅުމުގެ ފުރުސަތު ވެސް ހުޅުވާލާފައި ބޭއްވުމުގެ ގޮތުންނެވެ.

Ad
df

އެމެރިކާގެ މި އިންޒާރާ ގުޅިގެން ސައޫދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ގަތަރު އިސްވެ އޮވެ ގަލްފު ގައުމުތަކުން ވަނީ އީރާނުގެ ބިމަށް ސީދާ ހަމަލާތަކެއް ނުދިނުމަށް ވޮޝިންގްޓަނަށް ބާރުއަޅައިފައެވެ. އެ ގައުމުތަކުން ފާހަގަކުރާ ގޮތުގައި މިފަދަ ހަމަލާއެއްގެ ސަބަބުން މުޅި ސަރަހައްދަށް ހަނގުރާމަ ފެތުރި، އެ ގައުމުތަކުގެ ސަލާމަތަށް ވެސް ނުރައްކާވެދާނެއެވެ. އަދި އީރާނަށް ހަމަލާދިނުމަށްޓަކައި އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ނުވަތަ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ނުދޭނެކަން ގަލްފުގެ ބައެއް ގައުމުތަކުން ވަނީ ސިއްރު ޑިޕްލޮމެޓިކް މަގުތަކުން އެމެރިކާއަށް އަންގައިފައެވެ.

ބޭރުގެ ހަމަލާތަކަށް މަގުފަހިކޮށްދޭ އެއްވެސް ގައުމެއްގެ ހަކަތައިގެ މަރުކަޒުތަކަށާއި، ފެން ސާފުކުރާ ޕްލާންޓްތަކަށާއި، ވިޔަފާރީގެ ވަސީލަތްތަކަށް ބަދަލުހިފުމުގެ ހަމަލާތައް ދޭނެކަމުގެ އިންޒާރު އީރާނުން ދީފައިވާތީ ގަލްފު ގައުމުތަކުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހަމައެއާއެކު، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރާއި ތެލާއި ގޭސް އެކްސްޕޯޓްކުރާ ވަސީލަތްތަކަށް ގެއްލުންވެއްޖެނަމަ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އިގުތިސާދީ ބޮޑު ލޮޅުމެއް އަތުވެދާނެ ކަމަށް ވެސް އެ ގައުމުތަކުން ދެކެއެވެ. އެހެންކަމުން ސުލްހައަށް ގޮވާލުމުގެ އިތުރުން، އެ ގައުމުތަކުން ދަނީ ޕެޓްރިއޮޓާއި ތާޑް (THAAD) ފަދަ ވައިގެ ދިފާއީ ނިޒާމުތައް ވަރުގަދަކޮށް، ކުރިމަތިވެދާނެ މިސައިލާއި ޑްރޯން ހަމަލާތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ވެސް އަޅަމުންނެވެ.