ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ޢަމަލުކުރަން ފެށި މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ގެ ދަށުން މިހާތަނަށް 124 މިލިއަން އެމެރިކާ ޑޮލަރުގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މޯލްޑިވްސް އެކްސްޕޯ 2026 އާ ގުޅުވައިގެން މިއަދު ހެނދުނު ބޭއްވި ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖެ އޮތީ ޒިންމާދާރު ވުނަކުރުންތަކަށް މަރުޙަބާ ކިޔަން ތައްޔާރަށް ކަމަށާއި، އެފަދަ އިންވެސްޓްމަންޓްތައް ކާމިޔާބު ކުރުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި މި ފޯރަމަކީ ހަމައެކަނި މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއް ނޫން ކަމަށާއި، މިއީ ދެ ޤައުމުގެ ރައްޔިތުންނަށް ފެންނަން ހުރި ފައިދާތަކެއް ހޯދައިދީފައިވާ އެކުވެރިކަމުގެ އައު ބާބެއްގެ ފެށުން ކަމުގައިވެސް ފާހަގަކުރެއްވިއެވެ.

Ad
rt

މިދިޔަ 2025 ވަނަ އަހަރުގެ ޖެނުއަރީ 1 ގައި ޢަމަލުކުރަން ފެށި ޗައިނާ-މޯލްޑިވްސް އެފްޓީއޭއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު އެއް ބާޒާރާ ގުޅި، ވިޔަފާރީގައި ވާދަކުރުމުގެ ފަހި ފުރުޞަތުތަކެއް ދިވެހި ވިޔަފާރިތަކަށް ލިބިގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން 2025 ޖެނުއަރީން ފެށިގެން 2026 އޯގަސްޓްގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް ގާތްގަނޑަކަށް 440 މިލިއަން އެމެރިކާ ޑޮލަރުގެ މުދާ އެތެރެކޮށްފައިވާއިރު، އޭގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައެއް ކަމަށްވާ ގާތްގަނޑަކަށް 124 މިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފައިވަނީ މި އެއްބަސްވުމުގެ ދަށުންނެވެ.

އަމާޒަކަށް ވާންވާނީ ހަމައެކަނި ވިޔަފާރިކުރެވޭ މިންވަރު އިތުރުކުރުން ނޫން ކަމަށާއި، މި ގުޅުމުގެ ނަފާ މުޅި ރާއްޖޭގެ މުޖުތަމަޢުތަކަށް ފޯރާނެހެން އިޤްތިޞާދީ ގުޅުންތައް ވަރުގަދަކުރުން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގައި އުފައްދާ ފެންވަރު ރަނގަޅު މަހުގެ ބާވަތްތަކާއި، އަތްތެރި މަސައްކަތުގެ އުފެއްދުންތަކުގެ އިތުރުން ރާއްޖެއިން ލިބެންހުރި ޚިދުމަތްތައް ޗައިނާގެ ބާޒާރުގައި ވިއްކުމުގެ ފުރުޞަތު އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ޒަމާނީ އުފެއްދުންތަކާއި، ސަޕްލައި ޗޭނާއި، މުދާ ވިއްކުމުގެ ނިޒާމުގެ ތެރެއިން ދިވެހި ވިޔަފާރިތަކާ ގުޅިގެން ކުރިއަށްދިއުމަށް ޗައިނާގެ ކުންފުނިތަކަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރާއްޖޭގެ ތަރައްޤީގެ ދުރުރާސްތާ ޕްލޭނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ މިޞްރާބު ހުރީ "ވިޝަން 2040" ގެ ދަށުން 2040 ވަނަ އަހަރުގެ ނިޔަލަށް ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ވުމަށް ކަމަށެވެ. އެ އަމާޒު ޙާޞިލުކުރުމަށްޓަކައި އިޤްތިޞާދު ސިންދަފާތުކޮށް، އައު އީޖާދުތަކާއެކު ރާއްޖެއަށް އިންވެސްޓްކުރަން ތައްޔާރަށް ތިބި ފަރާތްތަކާ ގުޅުން ޤާއިމުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، އިންވެސްޓަރުންގެ އިތުބާރު ބޮޑުކުރުމަށާއި، ދެފުށް ފެންނަ މިންވަރު އިތުރުކޮށް ސިޔާސަތުތަކުގެ ޔަޤީންކަން ކަށަވަރުކުރުމަށްޓަކައި، 40 އަހަރަށްވުރެ ގިނަ ދުވަސްވީ ބިދޭސީ އިންވެސްޓްމަންޓް ޤާނޫނު އުވާލައި، އައު ޤާނޫނެއް ވުޖޫދުކޮށްފައިވާ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުޞަތު ހުޅުވިފައިވާ ދާއިރާތަކުގެ ތެރޭގައި އިޢާދަކުރަނިވި ހަކަތައާއި، ކާބޯތަކެތީގެ ރައްކާތެރިކަމާއި، މުދާ އުފުލުމާއި، މަސްވެރިކަމުގެ ޒަމާނީ އުފެއްދުންތަކާއި، ޑިޖިޓަލް ޓެކްނޮލޮޖީއާއި، އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާ ހިމެނެއެވެ. އަދި ޞިއްޙީ ދާއިރާއާއި، މާލީ ޚިދުމަތްތަކާއި، ޒަމާނީ ކުރިއެރުންތައް ބޭނުންކޮށްގެން ޢިމާރާތްކުރުމާއި ދެމެހެއްޓެނިވި ގޮތުގައި ރަށްވެހި ތަރައްޤީ ކުރިއަށްގެންދިއުމުގެ ދާއިރާތައްވެސް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖެއިން ވުނަކުރުންތަކަށް ފުރުޞަތު ހުޅުވާލަނީ ހަމައެކަނި ރައުސްމާލު ހޯދުމަށް ނޫން ކަމަށާއި، އައު ޞިނާޢަތްތައް އުފައްދައި، ހުނަރު ތަރައްޤީކޮށް، ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީވެސް މައިގަނޑު މަޤްޞަދެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.