ފުރާވަރުގެ އުމުރުގެ ކުދިންނާއި ބެލެނިވެރިންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް އަމާޒުކޮށްގެން، ހއ. ދިއްދޫގެ ބެލެނިވެރިންނަށް ޚާއްޞަ ވޯކްޝޮޕެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ވޯކްޝޮޕަކީ ވައިބް ޖަމްޢިއްޔާ އަދި ރާއްޖެ ކުރިމަގު އެންޖީއޯ ގުޅިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޙަރަކާތެކެވެ. މި ވޯކްޝޮޕް އިންތިޒާމުކުރުމުގައި ހއ. ދިއްދޫ ކައުންސިލާއި، އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) ގެ އިތުރުން ހއ. އަތޮޅު ތަޢުލީމީ މަރުކަޒުން ވެސް ބައިވެރިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

Ad
d

ރާއްޖެ ކުރިމަގު ޖަމްޢިއްޔާއިން ހާމަކުރި ގޮތުގައި، މި ވޯކްޝޮޕް ޚާއްޞަކޮށް އަމާޒުކޮށްފައިވަނީ ގްރޭޑް 6 ން މަތީގެ ދަރިވަރުންގެ ބެލެނިވެރިންނަށެވެ. އެހެންކަމުން މި އުމުރުފުރާގެ ކުދިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންނަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް މި ސެޝަންގެ ތެރެއިން ޙިއްޞާކުރެވޭނެއެވެ.

މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ދަރިން ތަރުބިއްޔަތު ކުރުމުގައާއި ފުރާވަރުގެ އުމުރުގައި ދިމާވާ އެކި ކަހަލަ ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތްތަކުގެ މައްޗަށެވެ. އަދި ދަރިންނާ ދެމެދު ގާތް ގުޅުމެއް އުފައްދައި، ހަރުދަނާ މުޢާމަލާތްތަކެއް ބަހައްޓާނެ ގޮތްތަކާ ގުޅޭގޮތުން ވެސް ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ވޯކްޝޮޕްގައި މަޢުލޫމާތު ދެއްވާނީ ވައިބް ޖަމްޢިއްޔާގެ ފަރާތުން، ޕަބްލިކް ސްޕީކަރ ފާޠިމަތު ސަޢީދެވެ. އޭނާގެ ފަރާތުން ބެލެނިވެރިންނަށް ބޭނުންވާ މުހިންމު އިރުޝާދުތަކާއި ހުނަރުތައް ފޯރުކޮށްދެވިގެންދާނެއެވެ.

Ad
df

މި ވޯކްޝޮޕް ބޭއްވުމަށް ތާވަލުކޮށްފައިވަނީ 29 އޮކްޓޫބަރު 2026 ވާ ދުވަހުގެ ރޭގަނޑު 8:30 ގައެވެ. މި ސެޝަން ކުރިއަށްދާނީ ދިއްދޫ އިސްލާމިކް ސެންޓަރުގައެވެ.