އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޚަލީލް (ހެބްރޮން) ސިޓީގައި ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށައި، އެ ސިޓީން 3،000 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ގަދަކަމުން ގެދޮރުން ނެރެ ބޭރުކޮށްފިއެވެ.

އިންސާނީ ހައްގުތަކާ ބެހޭ މާހިރުން ސިފަކުރާ ގޮތުގައި މިއީ ފަލަސްތީނުގެ ރައްޔިތުން އެ ސަރަހައްދުން ދާއިމީކޮށް ބޭރުކޮށްލުމަށް ރޭވުންތެރިކަމާއެކު ހިންގަމުންދާ އުދުވާނެކެވެ. މުޅި ސިޓީ ބަންދުކޮށްގެން ހިންގާ މި އޮޕަރޭޝަނުގައި ވޭތުވެދިޔަ ހަތަރު ދުވަހުގެ ތެރޭގައި އެކަނިވެސް މަދުވެގެން 71 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފަލަސްތީނުގެ ޕްރިޒަނަރސް ސޮސައިޓީން ބުނެއެވެ.

Ad
rt

ޚަލީލްގެ ގަވަރުނަރު ޚާލިދު ދުދީން ވިދާޅުވި ގޮތުގައި، މުޅި ސަރަހައްދުން 488 އާއިލާއަކަށް ނިސްބަތްވާ ޖުމްލަ 3،171 މީހުން ވަނީ ގެދޮރު ގެއްލި މަގުމަތިވެފައެވެ. އަދި އެ ސިޓީގެ މޭޔަރު ޔޫސުފް އަލްޖަބަރީ އަލްޖަޒީރާއަށް ވިދާޅުވީ، ގެދޮރުން ނެރެލި މީހުންގެ ތެރެއިން 3،043 މީހުންނަކީ ސީދާ ޚަލީލް ސިޓީގެ އިމުގެ ތެރޭގައި ދިރިއުޅެމުންދިޔަ މީހުން ކަމަށެވެ. މުނިސިޕަލް އިދާރާތަކުން ބުނި ގޮތުގައި، މަޖުބޫރުކޮށްގެން ގެދޮރުން ބޭރުކޮށްލި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންގެ އިތުރުން ދޮށީ އުމުރުގެ މީހުންނެވެ.

މި އުދުވާން ވަރުގަދަކޮށްފައި މިވަނީ ހުކުރު ދުވަހު އެ ސިޓީ ކައިރީގައި ދިން ބަޑީގެ ހަމަލާއެއްގައި އިސްރާއީލުގެ ދެ ސިފައިން މަރުވުމާ ގުޅިގެންނެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ 1967 ވަނަ އަހަރުގެ ހަނގުރާމައަށް ފަހު ނުފެންނަ ފަދަ ވަރުގަދަ އޮޕަރޭޝަނެއް ހިންގާނެ ކަމަށް ބުނެ މި ފިޔަވަޅުތައް ދިފާއުކޮށްފައެވެ. އަންގާރަ ދުވަހު ބާއްވާ އިސްރާއީލުގެ އާންމު އިންތިޚާބުގައި ވާދަކުރައްވާ ނަތަންޔާހޫ މިފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައި މިވަނީ، ޔަހޫދީ ވަޒަންވެރިންނާއި އިސްރާއީލު ސިފައިން ގުޅިގެން ފަލަސްތީނުގެ ޒައިތޫނި ބިންނަ މީހުންނަށް ދެމުންދާ ހަމަލާތައް އިތުރުވެ، މަސްރަހު އިންތިހާއަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.

އިސްރާއީލު ސިފައިން ދަނީ ފަލަސްތީނު މީހުންގެ ގެދޮރާއި ކާރުޚާނާތައް ތަޅާލައި، މަގުތައް ބަންދުކޮށް ހަލާކުކުރުމުގެ އިތުރުން، އާންމުންގެ ގެތަކަށް ވަދެގަނެ އަނިޔާކުރަމުންނެވެ. އަދި ގަދަކަމުން ނެރެލި އެތައް އާއިލާއެއްގެ ގެތައް ވަނީ އަސްކަރީ މަރުކަޒުތަކަށާއި ތަހުގީގުކުރާ ތަންތަނަށް ބަދަލުކޮށްފައެވެ. އަލްޤުދުސް އޯޕަން ޔުނިވަރސިޓީގެ ތާރީޚު ޕްރޮފެސަރެއް ކަމަށްވާ ނުޢުމާން އަމްރު ވިދާޅުވީ، ގެދޮރުން ނެރުމަކީ ބިރުވެރިކަން އުފެއްދުމަށް ހިންގާ ނަފްސާނީ ހަނގުރާމައެއް ކަމަށެވެ. އަދި ސިފައިން ފަލަސްތީނު މީހުން ގާތު "ތިޔަބައިމީހުން އެނބުރި ގެއަށް އަންނާނީ ގިޔާމަތް ދުވަހުން" ކަމަށް ބުނެފައިވާ ކަމަށާއި، މި ހުރިހާ ކަމެއްގެ އަސްލު މަގުސަދަކީ "ބިން އިތުރުކޮށް، އަރަބިން މަދުކުރުން" ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިސްރާއީލުގެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި ޚަލީލްގައި ތަންފީޒު ކުރަމުންދަނީ މީގެކުރިން ޖެނީންގައި ހިންގި އަސްކަރީ މޮޑެލްއެވެ. ނަތަންޔާހޫ އާއި ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް ވިދާޅުވީ، ރައްޔިތުން ގަދަކަމުން ނެރެ، ގެތައް ބަލައިފާސްކޮށް، މަގުތައް ބުލްޑޯޒަރުން ހަލާކުކުރުމުގެ އުކުޅުތައް ޚަލީލްގައި ބޭނުންކުރާނެ ކަމަށެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި މިއީ ޖެނީން، ނޫރު ޝަމްސް އަދި ތުލްކަރަމް ރެފިއުޖީ ކޭމްޕުތަކުގައި 102 އަށް ވުރެ ގިނަ މީހުން މަރާލައި، 33،000 މީހުން މަގުމަތިކޮށްލި "އަޔަން ވޯލް" އޮޕަރޭޝަނާ އެއްފަދަ އަމަލެކެވެ. އދ. ގެ އޮފީހުން ވަނީ މި އަމަލުތަކަކީ ނަސްލު ނައްތާލުމުގެ ބިރު އޮތް ޖަމާއީ އަދަބެއް ކަމަށް ބުނެ އިންޒާރު ދީފައެވެ.

އެނަލިސްޓުން ފާހަގަކުރާ ގޮތުގައި، އިސްރާއީލުން ޚަލީލްގެ ފެން ވަޅުތަކާއި އަސާސީ އިންފްރާސްޓްރަކްޗަރ ހަލާކުކުރަމުން ދަނީ އެމީހުންގެ ދިރިއުޅުން އެއްކޮށް ނައްތާލައި، އަލުން އެނބުރި ނާދެވޭނެ ގޮތް ހެދުމަށެވެ. މީގެއިތުރުން، ޒަމާނީ ހަތިޔާރާއެކު ހަރަކާތްތެރިވާ 150،000 އަށް ވުރެ ގިނަ ހައްދުފަހަނަޅާފައިވާ ވަޒަންވެރިން، ސިފައިންގެ ޔުނީފޯމުގައި އާންމުންނަށް ހަމަލާދެމުންދާ ކަމަށް ޕްރޮފެސަރު އަމްރު ވިދާޅުވިއެވެ. ކޮލޮނައިޒޭޝަން އެންޑް ވޯލް ރެސިސްޓެންސް ކޮމިޝަނުން ބުނި ގޮތުގައި، ފަލަސްތީނުގެ ބިންތައް އިތުރަށް ފޭރިގަތުމަށްޓަކައި އިސްރާއީލު ސިފައިން ވަނީ ޚަލީލްގެ އެކި ހިސާބުތަކުގައި 220 ހުރަސް ގާއިމުކޮށް، ފަލަސްތީނު ރައްޔިތުން އެކަހެރިކޮށް ހިސާރުކޮށްފައެވެ.