ހއ. ފިއްލަދޫގެ ކުޑަކުދިންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "އަންމާފޮތް ހިތުދަސްކުރުމުގެ ޕްރޮގްރާމް 1448" ޕްރޮގްރާމްގައި ބައިވެރިވުމަށް، ނަންނޯޓު ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިއީ ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ)އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

Ad
rt

ފިއްލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން މައުލޫމާތުދޭ ގޮތުގައި، މި ޕްރޮގްރާމަކީ 18 އަހަރުން ދަށުގެ ފިއްލަދޫގެ ރަށްވެހިންނަށާއި، އެ ރަށުގައި ދިރިއުޅޭ ކުދިންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ޢަންމަފޮތް އެއްކޮށް ހިތުދަސްކޮށް ކިޔައިދޭ ކޮންމެ ކުއްޖަކަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާކަމަށް ވެސް އެ ކޮމިޓީން ބުނެއެވެ.

މީގެއިތުރުން މި ޕްރޮގްރާމްގައި ބައިވެރިވާ ކުދިންނަށް ހިތުދަސްކުރުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދެވޭނެކަމަށާއި، ޓެސްޓް ކުރުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ ރަމަޟާން މަހުގެ ތެރޭގައިކަމަށް ވެސް އެ ކޮމިޓީން މައުލޫމާތުދެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން ނަންނޯޓު ކުރުމުގެ އެންމެ ފަހު ތާރީޚަކީ 29 އޮކްޓޯބަރ 2026 އެވެ. ނަންނޯޓު ކުރުމަށްޓަކައި ފިއްލަދޫ ކައުންސިލްގެ އިދާރާގެ ނަންބަރު 92111533 ނުވަތަ އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ޙައްވާ ޒަހީރާގެ ނަންބަރު 7882488 އަށް މެސެޖު ކުރުމަށް އެ ކޮމިޓީން އެދިފައިވެއެވެ.