ސާބިޔާގައި ގިނަ ދުވަސްތަކެއް ވަންދެން ވެރިކަން ކުރެއްވި އެލެކްސެންޑަރ ވޫޗިޗްގެ މައްޗަށް، ކޮރަޕްޝަނާ ދެކޮޅަށް އުފެދުނު ދަރިވަރުންގެ ހަރަކާތުން ތާރީޚީ ކާމިޔާބީއެއް ހޯދައި، އެ ގައުމުގެ އަވަސް ބަރުލަމާނީ އިންތިޚާބުގައި އަޣުލަބިއްޔަތު ހޯދުމާ ގާތަށް ޖެހިލައިފިއެވެ.
ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ މުޒާހަރާތަކަށް ފަހު ބޭއްވި މި އިންތިޚާބުން ބަލިވެވަޑައިގެންނެވިކަން ރައީސް ވޫޗިޗް އަމިއްލަފުޅަށް މިހާރު ވަނީ އިއުލާނު ކުރައްވައިފައެވެ.
ވޯޓު ގުނުމުގެ ސާމްޕަލްތަކަށް ބަލާއިރު، 250 ގޮނޑި ހިމެނޭ ބަރުލަމާނުން އިދިކޮޅު "ސްޓޫޑެންޓް ލިސްޓް" އިން 135 އާއި 140 އާ ދެމެދުގެ އަދަދަކަށް ގޮނޑި ކާމިޔާބު ކުރާނެ ކަމަށް ލަފާކުރެވެއެވެ. ސަރުކާރު އެކުލަވާލުމަށް 126 ގޮނޑީގެ އަޣުލަބިއްޔަތެއް ބޭނުންވާއިރު، ވޫޗިޗްގެ ލިސްޓަށް ލިބޭނެ ކަމަށް ބެލެވެނީ 105 ގޮނޑިއެވެ. ފަހުގެ ރަސްމީ ނަތީޖާ އަދި އިއުލާނު ނުކުރި ނަމަވެސް، ވޫޗިޗް ވިދާޅުވީ "މި އިންތިޚާބުން އަޅުގަނޑުމެން ބަލިވެއްޖެކަން މިހާރު ސާފުވެއްޖެ،" ކަމަށެވެ.
ވޫޗިޗް ބަލި ގަބޫލުކުރެއްވި ޚަބަރާއެކު، ދަރިވަރުންގެ މައި މަރުކަޒަށް އެއްވެ ތިބި މީހުންގެ މެދުގައި ބޮޑު އުފާފާޅުކުރުމެއް ފެށި، ގިނަ ބައެއްގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފާއްދައިގެން ދިޔައެވެ. ދަރިވަރުންގެ ލިސްޓުގެ ކެންޑިޑޭޓެއް ކަމަށްވާ ރަދޮމީރް ސައިޗިޗް އެ މަރުކަޒުގައި ވާހަކަދައްކަވަމުން ވިދާޅުވީ، ދަރިވަރުން ހޯދި މި ކާމިޔާބީއާއެކު ސާބިޔާއަކީ އިންސާފާއި މިނިވަންކަމާއި ގަދަރުވެރިކަން ލިބިގެންވާ ގައުމަކަށް ހެދުމުގެ އުއްމީދު އާވެގެން ގޮސްފައިވާ ކަމަށެވެ. އަދި މި ރެޔަކީ ގައުމުގެ އައު ބާބެއްގެ ފެށުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ބަލި ގަބޫލުކުރިކަން އިއުލާނުކުރުމާއެކު މުޅި ސާބިޔާގައި އުފާފާޅުކުރުންތައް ވަގުތުން ފެށިގެން ދިޔައެވެ. އެތައް ހާސް ބަޔަކު ވެރިރަށް ބެލްގްރޭޑްގެ މަގުތަކަށް ނުކުމެ ކާރުތަކުގެ ބަހާރު އަޅައި، ދަރިވަރުންގެ ހަރަކާތުގެ ލަވަތައް ކިޔައި، "އެލެކްސެންޑަރ ހިނގައްޖެ" ކަމަށް ގޮވަމުން ދިޔައެވެ. އަދި ބެލްގްރޭޑްގެ މައި ޕާކެއްގައި ވޫޗިޗްގެ ސަޕޯޓަރުން އަހަރަކަށް ވުރެ ގިނަ ދުވަހު ޖަހާފައި ހުރި ޓެންޓުތައް ވެސް އާންމުން ވަނީ ރޫޅާލައިފައެވެ. ވޯޓުލީ އާންމު ރައްޔިތެއް ކަމަށްވާ ޖާނާ ވަސިޗް ބުނީ، މިއީ 12 އަހަރުވީ ޚުދުމުޚުތާރު ވެރިކަމުން ލިބުނު މިނިވަންކަމެއް ކަމަށާއި، މިރޭ އުފާފާޅުކުރުމަށް ފަހު މާދަމާއިން ފެށިގެން ގައުމު ބިނާކުރުމުގެ ބުރަ މަސައްކަތް ފަށާނެ ކަމަށެވެ.
މި އިންތިޚާބަކީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ނޮވީ ސާޑްގެ ރޭލްވޭ ސްޓޭޝަނެއްގެ ފުރާޅު ވެއްޓި 16 މީހުން މަރުވި ހާދިސާއާ ގުޅިގެން ޒިންމާދާރުކުރުވުމަށް ގޮވާލައި ދަރިވަރުން ފެށި މުޒާހަރާތަކަށް ފަހު ބޭއްވުނު އިންތިޚާބެކެވެ. އެ ހާދިސާއަށް ފަހު ސަރުކާރުގެ ކޮރަޕްޝަނާއި އަނިޔާވެރިކަމާ ދެކޮޅަށް އުފެދުނު މި ހަރަކާތުން ނެރުނު ކެންޑިޑޭޓުންގެ ތެރޭގައި ޑޮކްޓަރުންނާއި ތައުލީމީ ދާއިރާގެ ބޭފުޅުން ހިމެނެއެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ސިޔާސީ އެއްވެސް ތަޖުރިބާއެއް ނެތް މީހުންނެވެ. އިދިކޮޅު ބައެއް ޕާޓީތަކުން ވެސް އަމިއްލަ ކެންޑިޑޭޓުން ނުނެރެ ތާއީދުކުރީ މި ދަރިވަރުންގެ ލިސްޓަށެވެ.
ޔޫގޯސްލާވިއާ 1992 ގައި ރޫޅުނު ފަހުން މިހާތަނަށް އެންމެ ގިނަ މީހުން ވޯޓުލާން ނުކުތް މި އިންތިޚާބުގައި ވޯޓުލީ މީހުންގެ ނިސްބަތް 64.9 އިންސައްތައަށް އަރާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ. ނަމަވެސް މި އިންތިޚާބުގައި ބިރުދެއްކުމާއި މައްސަލަތައް ހުރި ކަމަށް އިންތިޚާބު މޮނީޓަރުން ފާހަގަކުރިއެވެ. މިނިވަން މޮނީޓަރިން ޖަމާއަތެއް ކަމަށްވާ ސީއާރްޓީއޭއިން ބުނީ އެ ޖަމާއަތުން ބެލި 500 މަރުކަޒުގެ ތެރެއިން ތިންބައިކުޅަ އެއްބައި މަރުކަޒުތަކުގައި ވޯޓުލާ މީހުންނަށާއި އޮފިޝަލުންނަށް ނުފޫޒު ފޯރުވި ކަމަށެވެ. އަދި ސެސިޑް ޖަމާއަތަށް ވެސް ވޯޓު ކަރުދާސް ފޮޓޯ ނެގުމާއި، ގްރޫޕް ހަދައިގެން ވޯޓުލުން ފަދަ 260 އަށް ވުރެ ގިނަ ޝަކުވާ ވަނީ ހުށަހެޅިފައެވެ.
އިންތިޚާބާ ދިމާކޮށް ހަމަނުޖެހުން ހިނގިޔަނުދިނުމަށް އިލެކްޝަން ކޮމިޝަން ކައިރީގައި ފުލުހުން ބެރިކޭޑު ޖަހައި ފޯރިމަރަމުން ދިޔައިރު، 2012 އިން ފެށިގެން ވެރިކަން ކުރަމުން އަންނަ ވޫޗިޗްގެ ޕާޓީން ވަނީ ކޮރަޕްޝަންގެ ތުހުމަތުތައް ދޮގުކޮށްފައެވެ. ވޫޗިޗް ރައީސްކަމުން އިސްތިއުފާ ދެއްވައި ބޮޑުވަޒީރުކަމަށް ވާދަކުރެއްވީ ޕެންޝަނާއި މުސާރަ ބޮޑުކުރުމުގެ ވައުދާ އެކުގައެވެ. ދަރިވަރުން ހޯދި މި ކާމިޔާބީއާ ގުޅިގެން ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރުސުލާ ވޮން ޑެއަރ ލަޔަން ވަނީ މަރުހަބާ ވިދާޅުވެ، ގާނޫނުގެ ވެރިކަމާއި، މީޑިއާގެ މިނިވަންކަމާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގައި ސާބިޔާއަށް އެއްބާރުލުން ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!