މިމަހުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު، ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 16.1 އިންސައްތަ އިތުރުވެފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވަމުން ދިޔުމަށްފަހު، މިހާރު މިވަނީ ކުރިއެރުމެއް ފެންނަން ފަށާފައެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިމަހުގެ މިހާތަނަށް ރާއްޖެއަށް 147,201 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކުރި 126,830 ފަތުރުވެރިންނާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ. މިއީ ސަރުކާރާއި ފަތުރުވެރިކަމުގެ ދާއިރާގެ ހިއްސާދާރުން ގުޅިގެން ކުރި މަސައްކަތްތަކުން އައި ބަދަލެއް ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މިމަހުގެ ތެރޭގައި ފަތުރުވެރިން ޒިޔާރާތްކުރި އަދަދު ބޮޑުތަނުން މައްޗަށް ގޮސްފައިވީނަމަވެސް، މުޅި އަހަރުގެ މިހާތަނަށް ބަލާއިރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އުޅެނީ 1.8 އިންސައްތަ ދަށުގައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 1,750,222 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި 1,782,523 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރި ފަސް ގައުމުގެ ލިސްޓުގެ އެއްވަނައިގައި އަދިވެސް އޮތީ ޗައިނާއެވެ. އެ ގައުމުން މިހާތަނަށް 326,741 ފަތުރުވެރިން އައިސްފައިވެއެވެ. ދެވަނައިގައި 248,739 ފަތުރުވެރިންނާއެކު ރަޝިއާ އޮތްއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން ރާއްޖެއަށް 131,996 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މީގެއިތުރުން ޖަރުމަނުވިލާތުން 115,814 ފަތުރުވެރިން އަދި އިޓަލީވިލާތުން 103,504 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
މިއަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ މައިގަނޑު އަމާޒަކީ 2.5 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ. ނަމަވެސް މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މުޅި ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ބޮޑެތި ލޮޅުންތަކެއް އަރައި، އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށްވެސް ވަނީ ކުރިމަތިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!