ދިވެހިރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހިވާނެހެން މައިގަނޑު ތިން ލުޔެއް ދިނުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ.

ރައީސް މިކަން އިޢުލާންކުރެއްވީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
d

ސަރުކާރުން ދޭން ނިންމި ލުއިތަކުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ، ދައުލަތުގެ މަސައްކަތެއް ކޮށްދީ ފައިސާ ނުލިބިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސް ދެއްކުމުގައި ލުއިތަކެއް ހަމަޖައްސައިދިނުމެވެ. މިގޮތުން އެފަދަ ފަރާތްތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާއިން ޓެކްސް އޮފްސެޓް ކުރެވޭ ގޮތަށް ނުވަތަ އަޅާކިޔައި ކެނޑޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ދެވަނަ ލުޔެއްގެ ގޮތުގައި، ޓެކްސްއަށް ރަޖިސްޓްރީ ކުރަންޖެހޭ ތްރެޝްހޯލްޑް 1.5 މިލިޔަން ރުފިޔާއަށް މަތިކުރުމަށް ނިންމަވާފައިވާކަން ވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި މި ބަދަލު ގެނައުމަށްޓަކައި ޤާނޫނުތަކާއި ޤަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ސަރުކާރުން ގެންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ތިންވަނަ ލުޔެއްގެ ގޮތުން ސަރުކާރުން ނިންމާފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް އުފެއްދުމަށް ބޭނުންވާ ސާމާނުން ފަސް އަހަރު ދުވަހުގެ މުއްދަތަށް އިމްޕޯޓް ޑިއުޓީ ކަނޑާލުމަށެވެ.

މި ނިންމެވުމުގެ ތަފްސީލު ހާމަކުރައްވަމުން ރައީސް ވިދާޅުވީ، އެމްއެސްއެމްއީ ސެކްޓަރގައި މަސައްކަތް ކުރާ ވިޔަފާރިތަކުން ރާއްޖެއަށް އިމްޕޯޓް ކުރާ ރޯމެޓީރިއަލްސްތަކަށް އައިޓަމްތަކަށް ލުއިދިނުމުގެ ގޮތުން، އައިޓަމްތަކުގެ ފުރިހަމަ ލިސްޓެއް ހަދާ، އެލިސްޓުގައިވާ ބާވަތްތަކަށް 0 އިންސައްތަ ރޭޓުގައި އިމްޕޯޓް ޑިއުޓީ ނަގާ ގޮތަށް 1 ޖަނަވަރީ 2027 އިން ފެށިގެން ފަސް އަހަރު ދުވަހަށް ކަނޑައަޅާ ގޮތަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މި ދާއިރާއަށް މީހުން ވެއްދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ބައްދަލުކުރައްވައި، އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް އޮޅުންފިލުވައި މިހާތަނަށް ބައެއް ހައްލުތައް ހޯދައިދެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ad
df

މި ދާއިރާގައި ގިނަ އަދަދެއްގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހަރަކާތްތެރިވަމުންދާތީ އެސްއެމްއީތައް ކުރިއެރުވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށާއި، އުފެއްދުންތެރިކަމުގައި މިފަދަ ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމަކީ މައިގަނޑު އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުން ފެނިގެންދިޔައީ ގިނަ ބައެއްގެ ޝައުޤުވެރި، ބުރަ ފަންނީ މަސައްކަތްތައްކަން ފާހަގަކުރައްވައި، މައުރަޒުގައި ބައިވެރިވެ ވަނަތައް ހާސިލްކުރި ފަރާތްތަކަށް އެމަނިކުފާނު ވަނީ މަރުޙަބާ ދަންނަވާފައެވެ.