އީރާނާ ދެކޮޅަށް އެއްވެސް މިންވަރެއްގެ ކުޑަ އަސްކަރީ ހަރަކާތެއް ހިންގި ނަމަވެސް، އޭގެ ރައްދު އެތައް ގުނައެއް ވަރުގަދަކޮށް ދޭނެ ކަމަށް އެ ގައުމުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ހޮނިހިރު ދުވަހު އިންޒާރު ދީފިއެވެ.

ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ ހަތިޔާރު އެޅި ފައުޖުތައް އޮތީ ފިޔަވަޅު އަޅަން ފުރިހަމައަށް ތައްޔާރުވެގެންނެވެ.

Ad
rt

އައިއާރްޖީސީގެ ތަރުޖަމާނު ހުސައިން މުހައްބީ ވިދާޅުވީ، ދުޝްމަނުން ދައްކަމުންދާ އަދާވާތްތެރި ވާހަކަތަކަކީ މައިގަނޑު ގޮތެއްގައި މީޑިއާތަކަށް އަމާޒުކޮށްގެން ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި މިހާރުގެ ހާލަތަށް ބަލާއިރު އިންޒާރު ދޭ ފަރާތްތަކަށް ހަރުދަނާ އޮޕަރޭޝަނެއް ހިންގުމުގެ އެއްވެސް ގާބިލުކަމެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މުހައްބީ ފާހަގަކުރެއްވި ގޮތުގައި، މިހާރު އޮތް ހާލަތުގައި އެ ފަރާތްތަކަށް ކާމިޔާބު އޮޕަރޭޝަނެއް ނުހިންގޭނެ ކަމާއި، އެ މީހުންގެ މަގުސަދުތައް ހާސިލުނުވާނެކަން އެހެން އެންމެންނަށް ވުރެ ބޮޑަށް އެނގޭނީ ހުދު އެ ފަރާތްތަކަށެވެ. އަދި މީގެ ކުރިން ހިންގި ފަދަ އަސްކަރީ ހަރަކާތެއް ތަކުރާރުކޮށްފި ނަމަ، އެކަން ނިމިގެންދާނީ ބަލިވުމަކުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ދުޝްމަނުން ކުޑަ ފިޔަވަޅެއް އެޅި ނަމަވެސް، އަސްކަރީ ފައުޖުތަކުގެ މިހާރުގެ ތައްޔާރީތަކާއި އޮޕަރޭޝަނަލް ޕްލޭންތަކަށް ބަލާއިރު، އީރާނުގެ ރައްދު އެތައް ގުނައެއް ވަރުގަދަވާނެ،" އޭނާ ވިދާޅުވިއެވެ.

އީރާނުން މިފަދަ އިންޒާރެއް ދީފައި މިވަނީ، މި ހަފުތާ ބަންދުގައި އެމެރިކާއިން އީރާނަށް ހަމަލާދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ތުރުކީގައި ހުންނަވާ އެމެރިކާގެ ސަފީރު ޓޮމް ބަރަކް ވިދާޅުވެފައި ވަނިކޮށެވެ. ސީރިއާ އަދި އިރާގަށް އެމެރިކާގެ ރައީސް ކަނޑައަޅުއްވާފައި ހުންނަވާ ހާއްސަ މަންދޫބުގެ މަގާމުވެސް ފުރުއްވާ ބަރަކް ދެއްވި އިންޓަވިއުއެއްގެ ވީޑިއޯ ކްލިޕްތައް ހުކުރު ދުވަހު އިންޓަނެޓުގައި ދައުރުވެފައިވާއިރު، މި ހަފުތާ ބަންދުގައި ހަމަލާއެއް ދީފާނެތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ "ޔަގީނުންވެސް" އެކަން އެހެން ވެދާނެ ކަމަށެވެ.

ނަމަވެސް، އަންނަ ނޮވެމްބަރު 3 ގައި ބާއްވާ މިޑްޓާމް އިންތިހާބުގެ ފަހަށް އީރާނަށް ދޭ ހަމަލާތައް ފަސްކުރުމަށް ގެންގުޅުއްވި ވިސްނުން ބަދަލުކުރެއްވީތޯ ނޫސްވެރިން ސުވާލުކުރުމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހައިރާންކަން ފާޅުކުރައްވައިފައެވެ. ސަފީރުގެ ވާހަކަތަކާ ގުޅިގެން ޓްރަމްޕް ވިދާޅުވީ، "އެއީ އަހަރެންގެ ސަފީރު ހެއްޔެވެ؟ އޭނާއަކީ ވަރަށް ބާރުގަދަ މީހެއް ކަންނޭނގެއެވެ. ކަން އޮތީ އެހެން ކަމަށްވާނަމަ، އަހަންނަކަށް ތިޔަ ކަމަކާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނޭނގެއެވެ."

މީގެ އިތުރުން، އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިޑްޓާމް އިންތިހާބަށް ފަހު އީރާނަށް ހަމަލާ ދިނުމުގެ ޕްލޭންތަކެއް ވޮޝިންޓަނާއި އިސްރާއީލުން ވަނީ އެކުލަވާލައިފައެވެ.

ފެބްރުއަރީ މަހު ދިން ހަމަލާތަކަށް ފަހު އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ އަދިވެސް ހައްލުވެފައެއް ނުވެއެވެ. އެ ހަނގުރާމައިގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާއި ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލުމުގެ ފަހުމުނާމާއެއް އޮތް ނަމަވެސް، މައްސަލަ ހައްލުނުވެ ދިގުލައިގެން ގޮސްފައިވަނީ މައިގަނޑު ގޮތެއްގައި ހޮރުމުޒް ކަނޑުއޮޅީގައި ދަތުރުފަތުރު ކުރުމާ ގުޅޭގޮތުން އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ސަބަބުންނެވެ.