އިސްރާއީލުން ހިފާފައިވާ އިރުމަތީ ޤުދުސްގައި ހުންނަ މަސްޖިދުލްއަޤްޞާގައި ހުކުރު ޚުޠުބާ ދެއްވައި އިމާމުވެ ހުކުރު ނަމާދު ކުރެއްވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، އެ މިސްކިތުގެ ޚަޠީބު ޝައިޚް ޚާލިދު އަބޫ ޖުމުޢާ އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހު އަޤްޞާ މިސްކިތުގެ ގޯތިތެރޭގައެވެ.

ޖެރޫސަލަމް ގަވަރނަރޭޓްގެ މީޑިއާ އޮފީހާއި ރަސްމީ ނޫސް އިދާރާތަކުން ބުނި ގޮތުގައި، ހުކުރު ނަމާދު ނިމުނުތަނާހެން އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ވަނީ ޝައިޚް އަބޫ ޖުމުޢާ ވަށައިލުމަށްފަހު އޭނާ ހައްޔަރުކޮށްގެން ގެންގޮސްފައެވެ. އޭނާ ހައްޔަރުކުރި ސީދާ ސަބަބެއް ނުވަތަ އޭނާއަށް ކުރަނީ ކޮން ތުހުމަތުތަކެއް ކަމެއް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

Ad
rt

ހުކުރު ދުވަހުގެ ޚުޠުބާގައި ޝައިޚް އަބޫ ޖުމުޢާ މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ ފަލަސްޠީނުގެ ބިމުގައި ސާބިތުވެ ތިބުމުގެ (ރިބާޠު) މުހިންމުކަމުގެ މައްޗަށެވެ. މީގެއިތުރުން ފަލަސްޠީނުގައި މިހާރު ކުރިއަށްދާ ޒައިތޫނި ބިންނަ މޫސުމުގެ ވާހަކައަށާއި، ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ދާދިފަހުން ޢާންމުކޮށް ދައްކާފައިވާ ބަސްތަކަށްވެސް އޭނާގެ ޚުޠުބާގައި ރައްދު ދެއްވިއެވެ.

ހައްޔަރުކުރުމަށްފަހު ސުވާލުކުރުމަށް ގެންދިޔަ ނަމަވެސް، އެ ދުވަހުގެ ފަހުގެ ވަގުތެއްގައި ޝައިޚް އަބޫ ޖުމުޢާ ވަނީ ދޫކޮށްލާފައެވެ. އެހެންނަމަވެސް، މަސްޖިދުލްއަޤްޞާއަށް ވަނުން ވަގުތީ ގޮތުން މަނާކުރާ އަމުރަކާ އޭނާ ކުރިމަތިލާން ޖެހިދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އިސްރާއީލުގެ އިދާރާތަކުން އާންމުކޮށްވެސް ދީނީ އިސް ފަރާތްތަކާއި ޖަމާޢަތުގެ ލީޑަރުންނަށް އަޤްޞާއަށް ނުވަދެވޭ ގޮތަށް އެތައް ހަފުތާއަކަށް ނުވަތަ މަސްތަކަކަށް ދެމިގެންދާ ވަގުތީ އަމުރުތައް ނެރެއެވެ.

އަޤްޞާ މިސްކިތަށް އަޅުކަންކުރަންދާ ފަލަސްޠީނު ރައްޔިތުންނަށާއި ދީނީ ޢިލްމުވެރިންނަށް ހުރަސްއަޅައި ހައްޔަރުކުރުމަކީ ބައިނަލްއަޤްވާމީ ގޮތުން އަބަދުވެސް ކަންބޮޑުވުން އޮންނަ މައްސަލައެކެވެ. ސަލާމަތީ ސަބަބުތައް ދައްކައި، ހުކުރު ނަމާދަށް އަޤްޞާއަށް ވަނުމުގައި އިސްރާއީލުން އަންނަނީ އަސާސެއްނެތް ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ހުޅަނގު އައްސޭރިން އަންނަ މީހުންގެ ތެރެއިން ވަކި ޢުމުރެއްގެ މީހުންނަށް (ޢާންމުކޮށް 50 ނުވަތަ 55 އަހަރުން މަތީގެ ފިރިހެނުންނަށާއި ވަކި ޢުމުރުފުރައެއްގެ އަންހެނުންނަށް) މެނުވީ ހުއްދަ ނުދިނުމާއި، ހުއްދަ އޮންނަ މީހުންވެސް ޗެކްޕޮއިންޓްތަކުން އަނބުރާ ފޮނުވާލުން ހިމެނެއެވެ.

މީގެއިތުރުން، ހުކުރު ދުވަސްދުވަހު ޤުދުސްގެ އިހުގެ ސިޓީގެ މަގުތަކުގައްޔާއި އަޤްޞާ މިސްކިތުގެ ގޭޓުތައް ކައިރީގައި އިސްރާއީލުގެ އެތައް ހާސް ފުލުހުންނެއް ހަރަކާތްތެރިވެއެވެ. އަދި ޑްރޯނާއި ކެމެރާތައް ބޭނުންކޮށްގެން މުޅި ސަރަޙައްދު ބަލަހައްޓަމުން ގެންދާއިރު، ހުޅަނގު އައްސޭރީގެ މަސްރަޙު ނުތަނަވަސްވާ ދަނޑިވަޅުތަކުގައި އަޤްޞާ މިސްކިތް އެއްކޮށް ބަންދުކޮށް، އަޅުކަންކުރަންދާ މީހުން ވަނުން އެއްކޮށް މަނާކުރެއެވެ.