އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން، މުސްލިމުންނާ ދެކޮޅަށް ގެންގުޅޭ ތަޢައްޞުބު ކުށްވެރިކުރައްވައި، ކީރިތި ޤުރުއާނުގެ އާޔަތަކުން މިސާލު ނަންގަވައިގެން މުސްލިމުންގެ ދިފާޢުގައި ވަކާލާތު ކުރައްވައިފިއެވެ.
އެމެރިކާގެ ފްލޮރިޑާގައި ބޭއްވި އެކި ދީންތަކުގެ މީހުން ބައިވެރިވި އިވެންޓެއްގައި ވާހަކަދައްކަވަމުން ކްލިންޓަން ވަނީ، މީހުންގެ ދީނީ އަޤީދާގެ ސަބަބުން އެ މީހުންގެ އަގު ވައްޓާލަން މަސައްކަތްކުރާތީ އެކަމާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވައި، އެކި ދީނީ މުޖުތަމަޢުތަކުގެ މެދުގައި އެކަކު އަނެކަކު ދެނެގަތުން އިތުރުކުރުމަށް ގޮވާލައްވާފައެވެ.
މި ވާހަކަފުޅު ކްލިންޓަން ދެއްކެވީ 2026 ވަނަ އަހަރުގެ އޮކްޓޫބަރު 20 ވީ އަންގާރަ ދުވަހުގެ ރޭ، ފްލޮރިޑާގެ ބްރޮވާޑް ކައުންޓީގެ ހޮލީވުޑް-ޕެމްބްރޯކް ޕާކް ސަރަޙައްދުގައި ހުންނަ ކޮއިނޯނިއާ ވޯޝިޕް ސެންޓަރުގައި ބޭއްވި "މަލްޓިޕަލް ފެއިތްސް، ވަން ފްލޮރިޑާ" ކެމްޕޭން ހަރަކާތުގައެވެ. އެ ހަރަކާތުގައި ވާހަކަދައްކަވަމުން ކްލިންޓަން ވިދާޅުވީ، މުސްލިމުންނަކީ މުސްލިމުންނަށް ވީތީ އެ މީހުން ނިކަމެތިކޮށް، އަގު ވައްޓާލަން އުޅޭ މަންޒަރު ފެނިވަޑައިގަންނަވާތީ އެކަމާ މުޅިން ވަރުބަލިވެއްޖެ ކަމަށެވެ. މީގެއިތުރުން، އެއްބަޔަކު އަނެއްބަޔަކާ ޖައްސައި، ބައިބައިވުން އުފައްދާ ސިޔާސީ ވިސްނުމަށް ވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.
އެއްބައިވަންތަކަމާއި، އެކަކު އަނެކަކަށް ކުރާ އިޙްތިރާމާއި ހަމަހަމަކަމުގެ މުހިންމުކަން ހާމަކުރެއްވުމުގެ ގޮތުން ކްލިންޓަން ވަނީ ކީރިތި ޤުރުއާނުގެ ސޫރަތުލް ޙުޖުރާތުގެ 13 ވަނަ އާޔަތަށް އަލިއަޅުއްވާލައްވާފައެވެ. އިންސާނުން އެކި ޤައުމުތަކަށާއި އެކި ޤަބީލާތަކަށް ބެއްސެވީ އެއްބަޔަކު އަނެއްބަޔަކު ދަސްކޮށް ދެނެގަތުމަށްޓަކައި ކަމަށް ބަޔާންކުރައްވާފައިވާ މި އާޔަތުން މިސާލު ނަންގަވަމުން ކްލިންޓަން ވިދާޅުވީ، މާތްﷲ ތަފާތު މީސްތަކުން ދުނިޔެއަށް ފޮނުއްވީ އެއްބަޔަކު އަނެއްބަޔަކަށް ނަފްރަތު ކުރުމަށް ނޫން ކަމަށާއި، އެއީ އެކަކު އަނެކަކު ދަސްކޮށް، ދެނެގަތުމަށްޓަކައި ކަމަށެވެ. އަދި މުޖުތަމަޢުތަކުގެ މެދުގައި ދެކޮޅުވެރިކަން އުފެއްދުމުގެ ބަދަލުގައި، އެއްބަޔަކު އަނެއްބަޔަކު ދެނެގަތުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
Former US President Bill Clinton quoted the Quran during a speech in Koinonia Worship Centre in Florida condemning discrimination against Muslims.
Clinton recalled his daughter Chelsea introducing him to the verse. https://t.co/purV00quAq
— Al Jazeera English (@AJEnglish) October 22, 2026
ކްލިންޓަންގެ ވާހަކަފުޅުގައި، އޭނާގެ ދަރިކަނބަލުން ޗެލްސީ ކްލިންޓަން އިސްލާމްދީނުގެ މާތް ފޮތާމެދު ޝައުޤުވެރިކަން ފާޅުކުރެއްވި ހަނދާންތައް ވެސް ހިއްސާކުރެއްވިއެވެ. އެގޮތުން ޗެލްސީގެ އުމުރުން އެންމެ 15 އަހަރުގައި ކީރިތި ޤުރުއާން ފެށުނީއްސުރެ ނިޔަލަށް އެއްކޮށް ކިޔެވި ކަމަށާއި، އެއަށްފަހު އެ ފޮތް ކްލިންޓަންގެ އަތްޕުޅަށް އަރުވައި "ބައްޕާ، މީތި ކިޔައިބަލަ" ބުނެ، އެ ފޮތް ކިޔުމަށް ބާރުއެޅި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދީންތަކުގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެކަކު އަނެކަކު ދެނެގަތުމާ ގުޅޭ މި ޚާއްޞަ އާޔަތް އޭނާއަށް އެންމެ ފުރަތަމަ އެނގިވަޑައިގަތީ އެ ހިސާބުން ކަމަށް ވެސް ކްލިންޓަން ވިދާޅުވިއެވެ.
ކޮންމެ ދީނެއްގައި ވެސް ގޯސްކޮށް ޢަމަލުކުރާ މީހުން ތިބޭނެކަން ފާހަގަކުރައްވަމުން ކްލިންޓަން ވިދާޅުވީ، އެއީ އިންސާނުންނަކީ އުނި ބަޔަކަށް ވާތީ ދިމާވާ ކަމެއް ކަމަށެވެ. އަދި ދުނިޔޭގައި ހިނގަމުންދާ ދީނީ ހަނގުރާމަތަކާއި ސަގާފީ ކުރިމަތިލުންތަކުގެ ސަބަބުން އޭނާ މިހާރު މުޅިން ވަރުބަލިވެފައިވާ ކަމަށް ވެސް ކްލިންޓަން ވިދާޅުވިއެވެ.
ކްލިންޓަން މި މޭރުމުން ވާހަކަދެއްކެވީ 2026 ވަނަ އަހަރުގެ މިޑްޓާމް އިންތިޚާބަށް ޑިމޮކްރެޓިކް ޕާޓީއަށް ކެމްޕޭނު ކުރެއްވުމަށް ފްލޮރިޑާއަށް ކުރެއްވި ދަތުރުފުޅުގައެވެ. އޭނާގެ މި ވާހަކަފުޅު އައިސްފައި މިވަނީ، އެމެރިކާގެ މިޝިގަންގެ ސެނެޓް ގޮނޑިއަށް ވާދަކުރައްވާ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަދި މުސްލިމެއް ކަމަށްވާ ޢަބްދުލް އަލް-ސައްޔިދަށް އަމާޒުކުރައްވައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީނީ ގޮތުން ފާޑުވިދާޅުވެ ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ހޫނު ބަހުސްތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ. ކްލިންޓަން ދެއްކެވި މި ވާހަކަފުޅުގެ ވީޑިއޯ ސީ-ސްޕޭން އާއި އަލްޖަޒީރާ، ސައޫދީ ގެޒެޓް އަދި ދަ ޓައިމްސް އޮފް އިންޑިއާ ފަދަ ބައިނަލްއަޤްވާމީ މީޑިއާތަކުގައި ވަނީ ފުޅާ ދާއިރާއެއްގައި ގެނެސްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!