ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ބޭއްވުމަށް ތައްޔާރުވި "ކުޅުދުއްފުށީ ޤުރުއާން މުބާރާތް 1448" މިއަހަރު ނުބާއްވާ ގޮތަށް ނިންމައިފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިއަހަރުގެ މުބާރާތް ނުބާއްވަން ނިންމީ ސްކޫލްތަކުގެ ދަރިވަރުންނަށް އެ މުބާރާތުގައި ވާދަކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ހުއްދަ ލިބިފައި ނުވާތީ ކަމަށެވެ.
އަންނަ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ފެށުމަށް ތާވަލުކުރި މި މުބާރާތުގައި މައިގަނޑު ގޮތެއްގައި ވާދަކުރާނީ ސްކޫލްތައް ތަމްސީލުކުރާ ދަރިވަރުން ކަމަށްވާއިރު، އެ ދަރިވަރުންނާ ނުލައި މުބާރާތް ކުރިއަށް ގެންދިއުމަކީ އެ ކުދިންގެ ޙައްޤުތަކަށް އުނިކަން އަންނާނެ ކަމެއް ކަމަށް ކައުންސިލުން ބުނެއެވެ. އަދި އެއީ އެންމެ އިންސާފުވެރި ގޮތް ކަމުގައި ނުފެންނާތީ، ރޭވިފައިވާ ގޮތަށް މުބާރާތް ކުރިއަށް ގެންދެވެން ނެތުމުން މިއަހަރު މުބާރާތް ނުބާއްވަން ނިންމީ ކަމަށްވެސް ކައުންސިލުން ބުންޏެވެ.
މި މުބާރާތް ބޭއްވުމަށްޓަކައި ވާންޖެހޭ އެންމެހައި ތައްޔާރީތައްވެ، މަސައްކަތްތައް އައުޓްސޯސްކޮށްފައި ވަނިކޮށް އެޑިޔުކޭޝަން މިނިސްޓްރީގެ ހުއްދަ ނުލިބުމުގެ ސަބަބުން މުބާރާތް ކުރިއަށް ގެންދެވޭގޮތް ނުވުމަކީ، ކައުންސިލާއި ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިންތިހާއަށް ހިތާމަކުރާ ކަމެއް ކަމަށް ބަޔާނުގައި ވެއެވެ. އަދި ދަރިވަރުންގެ ކުރިއެރުމާއި ލާބައަށް ސްކޫލްތަކުން އެދޭ މިފަދަ ކަންކަމަށް މިނިސްޓްރީން ހުއްދަ ނުދިނުމަކީ ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށާއި، މިފަދަ ކަންކަމަކީ އެ ސްކޫލެއްގެ އިޚްތިޔާރުގެ ދަށުގައި އޮންނަންޖެހޭނެ ކަންކަން ކަމުގައި ދެކޭ ކަމަށްވެސް ބުނެފައިވެއެވެ.
މީގެއިތުރުން، ޤައުމީ ފެންވަރުގައި ހެދޭ އެކްޓިވިޓީ ކަލަންޑަރެއްގައި ނެތުމުން ކަމަށް ބުނެ، ސިޓީ ފެންވަރުގައި ކުރަމުންދާ މިފަދަ މަސައްކަތްތައް ހުއްޓުވުމަކީ ލާމަރުކަޒީ ނިޒާމާ ވަރަށް ބީރައްޓެހި ނިންމުމެއް ކަމަށް ކައުންސިލުން ބުންޏެވެ. އަދި މިކަމުގެ ސަބަބުން ސިޓީ ފެންވަރުގައި ދަރިވަރުންގެ ކުރިއެރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ހިޔަނި އެޅިގެންދާ ކަމަށާއި، މިފަދަ ސިޔާސަތުތަކަށް ބަދަލު ގެނެސް، ރަށު ފެންވަރުގަޔާއި ސިޓީ ފެންވަރުގައި ދަރިވަރުންގެ ކުރިއެރުމަށް ކައުންސިލްތަކާއެކު ސްކޫލްތަކަށް މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށްވެސް ކައުންސިލުން ބުނެފަވެއެވެ.
ކުޅުދުއްފުށީގެ ސްކޫލްތަކާއި ޤުރުއާން ކްލާސްތަކަށް އަމާޒުކޮށްގެން އަދި ޢާންމުކޮށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ، ރަށުގައި ކީރިތި ޤުރުއާނުގެ ހަމަތަކުގެ މަތިން އުނގެނުމާއި އުނގަންނައިދިނުމުގައި ތަރުތީލްކޮށް ކިޔެވުމުގެ ޤާބިލުކަން އުފެއްދޭނެ ފަދަ ވާދަވެރި މާޙައުލެއް ޤާއިމުކުރުމެވެ. ހަމައެއާއެކު ރައްޔިތުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބިޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމުގެ އިތުރުން، ޤައުމީ ފެންވަރުގައި ކިޔަވާނެ ރަނގަޅު ދަރިވަރުންތަކެއް އުފައްދައި، ކީރިތި ޤުރުއާނުގެ ގިއުގަނޑުގެ ތެރޭގައި ކުދިން ތަރުބިއްޔަތުކުރުމުގެ މުހިންމުކަން ހާމަކުރުމަކީވެސް މި މުބާރާތުގެ މަޤްޞަދެކެވެ.
މި މުބާރާތް ބޭއްވޭ ގޮތް ނުވުމުގެ ސަބަބުން ސްކޫލްތަކަށާއި، ޤުރުއާން ކްލާސްތަކަށާއި، މުބާރާތުގައި ބައިވެރިވުމަށް ތައްޔާރުވަމުން ދިޔަ ފަރާތްތަކަށާއި، ބެލެނިވެރިންގެ އިތުރުން ކަންކަން އިންތިޒާމުކުރުމުގައި ހަރަކާތްތެރިވި އެންމެހައި ފަރާތްތަކަށް ދިމާވި ދަތިތަކަށްޓަކައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ ނުހަނު އިޚްލާޞްތެރިކަމާއެކު މަޢާފަށް އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!