ވިލިމާލޭގައި ފުލުހުން ހިންގި އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި ރާއްޖޭގެ މަގުބޫލު ތިން ފިލްމީ ތަރިން ހިމެނޭހެން ހައްޔަރުކުރި މީހުންގެ ތެރެއިން، ތަހުގީގު ފުރިހަމަކުރުމަށްފަހު ތިން މީހަކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ، އެ މީހުންގެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި މީހުންގެ ތަހުގީގު ފުރިހަމަވެފައިވާތީ އެ މީހުން މިހާރު ވަނީ ދޫކޮށްލާފައެވެ.

Ad
rt

ފުލުހުން އިތުރަށް ބުނެފައިވަނީ ބަންދުގައި މިވަގުތު ހުރި އަނެއް މީހާ ވެސް މިއަދުގެ ވަގުތެއްގައި ދޫކޮށްލާނެ ކަމަށެވެ. އަދި ކޯޓު މަރުހަލާގެ ތެރެއިން މައްސަލަ ކުރިއަށްދާއިރު، އިތުރަށް އެ މީހުން ހައްޔަރުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިނަމަ އެގޮތަށް އަމަލުކުރަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން 9 އޮކްޓޯބަރު 2026 ގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ތިން ފިލްމީ ތަރިންނަކީ ލ. ގަން، މަތިމަރަދޫ، ކޮންކީލިޔާ، މުޙައްމަދު ވިޝާލް (ރޯމަން) (29އ) އާއި، މާލެ، ވ. ސިނާމާލެ 4 3-03، އަޙްމަދު ޢަޒްމީލް (އަޒޭ) (44އ) ގެ އިތުރުން މާލެ، ގ. ފްލައިންގޓައިގަރ، އިސްމާޢީލް ޖުމައިޙު (35އ) އެވެ.

މި ތިން ތަރިންގެ އިތުރުން ދެން މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އަޒްމީލުގެ ކޮއްކޮއެއް ކަމަށްވާ މާލެ، ވ. ސިނާމާލެ 4 3-03، ޝާހިލް މުޙައްމަދު (42އ) އެވެ.

ދޮރު ވައްޓާލައި ފުލުހުން ވަތްއިރު މަސްތުވާތަކެތި ހުރީ ހާމައަށް މޭޒުމަތީގައި

އެ މީހުންގެ ބަންދު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެ މީހުން ތިބި ކޮޓަރި ހުޅުވާފައިވަނީ ފުލުހުން ބާރުގެ ބޭނުންކޮށްގެންނެވެ. އަދި ފުލުހުން އެ ކޮޓަރިއަށް ވަތްއިރު މޭޒެއްގެ މަތީގައި މަސްތުވާތަކެތި ފެންނަން ހުންނާނޭހެން ހާމައަށް ހުރި ކަމަށް، ސީނަށް ދިޔަ ފުލުހުންނާ ހަވާލާދީ ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، އެ ކޮޓަރިން ފެނުނު ޖުމްލަ މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަށް ބަލާއިރު، އެއީ މަސްތުވާތަކެތި ޓްރެފިކިންގެ މިންގަނޑަށް އަރާ މިންވަރެއް ކަމަށް ފުލުހުން ވަނީ ބަންދު މަޖިލީހުގައި ފާހަގަކޮށްފައެވެ.