ހއ. އުތީމުން ޙާފިޡަކަށް ވާ ކޮންމެ ކުއްޖަކަށް ކައުންސިލްގެ ފަރާތުން 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު "ތިލަދުން" އަށް ވިދާޅުވީ، ކައުންސިލްގެ އަމާޒަކީ ޤުރްއާނަށް އަޙުލުވެރި މުޖުތަމަޢެއް ބިނާކުރުން ކަމަށާއި، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ރަށުގައި ޙާފިޡުން އުފެއްދުމަށް ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ގޮތުން ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އުތީމު އައުޓްރީޗް ސެންޓަރުގައި މިހާރު ޙިފްޡު ޕްރޮގްރާމެއް ފަށާފައިވާކަމަށް، އެ ކައުންސިލުން މައުލޫމާތު ދެއްވާފައިވެއެވެ.
މި ޕްރޮގްރާމް ރަސްމީކޮށް ފެށުމުގެ ގޮތުން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އަލްއުސްތާޛު ޢަބްދުލްޣަފޫރު ޕްރޮގްރާމްގެ ބައިވެރިންނާއި އެ ކުދިންގެ ބެލެނިވެރިންނާ ބައްދަލުކުރައްވާފައިވެއެވެ. މި ޕްރޮގްރާމްގައި 14 ކުދިންނާއި ބޮޑެތި ދެ މީހުން ހިމެނޭހެން ޖުމްލަ 16 ފަރާތަކުން ބައިވެރިވެއެވެ.
ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޝެޑިއުލާ އެއްގޮތަށް ކުރިއަށްގެންދާ މި ކުލާސްތަކުގައި، ކޮންމެ ދުވަހަކު ވެސް އެއް ގަޑިއިރުގެ ކިޔެވުން ކުރިއަށްދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!