ފާއިތުވި ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހއ. އުތީމަށް ނިސްބަތްވާ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ގައުމީ ޓީމުގެ ޒުވާން މިޑްފީލްޑަރު އަހުމަދު އައިހަމް ހޯދައި، އެންމެ މޮޅު ރީޖަނަލް ކްލަބުގެ ދެވަނަ މަގާމު ހއ. ދިއްދޫ ސްޕޯޓްސް ކްލަބުން ހާސިލުކޮށްފިއެވެ.
މި އެވޯޑުތައް ހަވާލުކޮށްފައި ވަނީ ހުޅުމާލޭގެ މެންހެޓަން ގްރޭންޑް ހޮޓަލުގައި ބޭއްވި އެފްއޭއެމް އެވޯޑްސް 2026 ގެ ހަފުލާގައެވެ.
އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ޝަރަފު ހޯދި އައިހަމް ވަނީ ވޭތުވެދިޔަ ސީޒަނުގައި މާޒިޔާގެ ޖާޒީގައި 17 މެޗު ކުޅެ، އަށް ލަނޑު ޖަހައިދީފައެވެ. އަދި އޭނާ ވަނީ އެ ކްލަބާއެކު ދިވެހި ލީގާއި ޗެރިޓީ ޝީލްޑް ކާމިޔާބުކުރުމުގެ އިތުރުން ގައުމީ ޓީމަށް ވެސް މެޗުތަކެއް ކުޅެދީފައެވެ. މި ކެޓަގަރީން ދެވަނަ ކުޅުންތެރިޔާއަށް ދޭ ސިލްވާ އެވޯޑް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އަލީ ފާސިރު (ސެންޓޭ) ހޯދިއިރު، ތިންވަނަ ނުވަތަ ބްރޯންޒް އެވޯޑް ހާސިލުކުރީ ވިކްޓަރީ ސްޕޯޓްސް ކްލަބަށް ކުޅޭ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.
އެފްއޭއެމުން އަލަށް ތައާރަފްކުރި ރީޖަނަލް ކްލަބުތަކުގެ އެވޯޑުގެ އެއްވަނަ ހޯދީ މާލެއަށް ނިސްބަތްވާ ބިސްބުރު ސްޕޯޓްސް ކްލަބެވެ. އަދި މި ބައިން ދެވަނަ މަގާމު އުތުރު ރީޖަނަށް ނިސްބަތްވާ ހއ. ދިއްދޫ ސްޕޯޓްސް ކްލަބް ހޯދިއިރު، ތިންވަނަ ލިބުނީ ދެކުނު ރީޖަންގެ ގދ. ގައްދޫ ސްޕޯޓްސް ކްލަބަށެވެ. މީގެ އިތުރުން، ސީޒަނުގެ އެންމެ މޮޅު ކްލަބަކަށް ހޮވިފައިވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ.
ސީޒަނުގައި ޖުމުލަ 22 ލަނޑު ޖަހައިގެން ރަން ބޫޓު އެވޯޑް ނިއު ރޭޑިއަންޓްގެ އަލީ ފާސިރު (ސެންޓޭ) ހާސިލުކުރިއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ މާޒިޔާއަށް ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ސްޕެއިންގެ ލުއިސްމާ ހެނާންޑޭޒެވެ. އެންމެ މޮޅު ކީޕަރުގެ އެވޯޑް ބުރު ސްޕޯޓްސް އަދި ނިއު ރޭޑިއަންޓަށް ކުޅުނު މުހައްމަދު ފައިސަލް ހޯދިއިރު، 21 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވުނީ މާޒިޔާގެ ފޯވާޑް މުހައްމަދު އިލާން އިމްރާނެވެ. އަދި އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް އޮޑި ސްޕޯޓްސް ކްލަބުގެ ކެޕްޓަން ފާތިމަތު ސާލިޔާ ހޯދިއިރު، ފުރަތަމަ ފަހަރަށް ދިން އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ މަގާމު ހާސިލުކުރީ ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އެވެ. ސަޕޯޓަރުންގެ ވޯޓުން ހޮވި ފޭންސް އެވޯޑް ހާސިލުކުރީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!