އިސްރާއީލަށް 2.8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމުގެ އާ އެއްބަސްވުމެއްގެ ދަށުން، ނުރައްކާތެރި ބަރު 40،000 ބޮން ފޮނުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ރާވަމުންދާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މީގެ ދެ އަހަރު ކުރިން ބައިޑަންގެ ސަރުކާރުން ފޮނުވުން ހުއްޓުވި 2،000 ޕައުންޑުގެ މި ބޮންތަކަކީ ޣައްޒާގައި ގިނަ އަދަދެއްގެ އާންމުން މަރުވެދާނެ ކަމުގެ ބިރު ބޮޑުވުމުން ހިފެހެއްޓި ހަތިޔާރުތަކެއްކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

Ad
d

އެއްބަސްވުން އަދި ނިމުމަކަށް ނާންނާތީ ނަން ހާމަނުކުރުމަށް ޝަރުތުކޮށް އެމެރިކާގެ ދެ އޮފިޝަލަކާއި މިކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން ރޮއިޓާސް، އެންބީސީ އަދި ޔޫރޯނިއުސްފަދަ ބޮޑެތު ނޫސްތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، 2.8 ބިލިއަން ޑޮލަރުގެ މި ޕެކޭޖުގައި ހިމެނެނީ 20،000 އެމްކޭ84 (Mk84) ބޮން އަދި 20،000 ބީއެލްޔޫ-117 (BLU-117) ބޮމެވެ. މި ޑީލާ ބެހޭ ގޮތުން އެމެރިކާގެ ކޮންގްރެސްއަށް މިހާރު ވަނީ ރަސްމީކޮށް އަންގައިފައެވެ. އަދި މި ޑީލަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ "ފޮރިން މިލިޓަރީ ފައިނޭންސިން" މެދުވެރިކޮށް، އެމެރިކާގެ ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން އިސްރާއީލަށް އެހީދީގެން އެމެރިކާގެ ކުންފުނިތަކުން ހަތިޔާރު ގަންނަ ގޮތަށެވެ.

2،000 ޕައުންޑުގެ މި ބޮންތަކުގެ ތަފާތު ވައްތަރުތައް ހުންނައިރު، ބައެއް ބޮންތަކަކީ ބިމުގެ އަޑިއަށް ފުންކޮށް ވަދެގެން ގޮވާ ގޮތަށް އުފައްދާފައިވާ ބޮންތަކެކެވެ. އަދި އަނެއްބައި ބޮންތަކަކީ ބިމުން މަތީގައި ގޮއްވާލައިގެން ބޮޑު ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ދޭ ބޮންތަކެކެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގައި ބޭނުންކުރި ހަތިޔާރުގެ ތަފްސީލު ހާމަނުކުރި ނަމަވެސް، ހަމަލާތަކުގެ ވީޑިއޯތަކާއި ސަރަހައްދުން ފެނުނު ބޮމުގެ އެތިކޮޅުތައް ދިރާސާކުރި މާހިރުން ބުނާ ގޮތުގައި އެމެރިކާއިން އުފައްދާފައިވާ މިފަދަ ބޮންތައް ޣައްޒާގައި ހަމާސްއިން ބޭނުންކުރާ ސަރަހައްދުތަކާއި އާންމުން ގިނައިން އުޅޭ ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ވަނީ ބޭނުންކޮށްފައެވެ.

މިއީ އިސްރާއީލުގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ޓްރަމްޕްގެ އިދާރާއިން އެޅި ފިޔަވަޅުތަކުގެ ތެރެއިން އެންމެ ފަހުގެ ފިޔަވަޅެވެ. 2024 ވަނަ އަހަރު ބައިޑަންގެ އިދާރާއިން މިފަދަ ބޮންތައް ފޮނުވުން ހުއްޓުވި ނަމަވެސް، ޓްރަމްޕް އަލުން ވެރިކަމަށް ވަޑައިގަތުމަށްފަހު ވަނީ އެ ހިފެހެއްޓުން އުވާލައްވައިފައެވެ. ވޭތުވެދިޔަ އަހަރުވެސް ޓްރަމްޕްގެ އިދާރާއިން ވަނީ ކޮންގްރެސްގެ އާންމު ރިވިއު މަރުހަލާ އުވާލައި، 35،500 އަށްވުރެ ގިނަ ބޮން ހިމެނޭ ގޮތަށް އިސްރާއީލަށް 3 ބިލިއަން ޑޮލަރާ ގާތްކުރާ އަދަދެއްގެ ހަތިޔާރު ވިއްކުމަށް ހުއްދަދީފައެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހު ވަނީ 6.67 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމުގެ އާ ސިލްސިލާއެއް ފަށައިފައެވެ.

މި ހަތިޔާރު ވިއްކުމުގެ ޑީލުން ދޭހަވަނީ، ފެބްރުއަރީ މަހު ދެ ގައުމު ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށްފަހު، ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެމެދު ކޮންމެވެސް ވަރެއްގެ ނުސާފު ގުޅުމެއް އުފެދުނު ނަމަވެސް، އެމެރިކާއާއި އިސްރާއީލުގެ ބަދަހި ގުޅުމަށް އެކަމުގެ އަސަރެއް ކޮށްފައި ނުވާކަމެވެ. މީގެ ކުރިންވެސް ނަތަންޔާހޫއާ އެކު ޓްރަމްޕްގެ ގުޅުން އެކި ދަނޑިވަޅުތަކުގައި ތަފާތު ގޮތްގޮތަށް ގޮސްފައިވާއިރު، ޖުލައި މަހު ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމުގެ ކުރިން އީރާން ހަނގުރާމައާ ގުޅިގެން ޓްރަމްޕް ވަނީ ނަތަންޔާހޫއާމެދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފައެވެ.

Ad
df

އޮކްޓޯބަރު މަހު ނާޒުކު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރެވުނު ނަމަވެސް، އިސްރާއީލުން އަންނަނީ ޣައްޒާއަށް ހަމަލާތައް ދެމުންނެވެ. ޓްރަމްޕްގެ ދަނބިދަރިކަލުން އަދި މެދުއިރުމަތީގެ މުއާމަލާތްތަކުގައި އިސްކޮށް އުޅުއްވާ ޖެރެޑް ކުޝްނަރު މިދިޔަ މަހު ނަތަންޔާހޫއާ ބައްދަލުކުރައްވައި ހަމަލާތައް މަދުކުރުމަށް އެދިވަޑައިގެންފައި ވަނިކޮށްވެސް، އިސްރާއީލުން ވަނީ އަންގާރަ ދުވަހާ ހަމައަށްވެސް ހަމަލާތައް ދީ އަދި އެތައްބަޔަކު ޝަހީދުކޮށްލާފައެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު 73،264 އަށްވުރެ މަތިވެފައިވާ ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.