އަންނަ ހަފުތާގައި އެމެރިކާގެ ނިއުޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ.ގެ އާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އެދިވަޑައިގަތުމުން، އެމެރިކާއިން އެންޓްރީ ވިސާ ނުދޭން ނިންމާ ފަލަސްތީނުގެ އަޑު އުފުލުމަށް ހުރަސްއަޅައިފިއެވެ.

ބޭރުގެ މީޑިއާތަކަށް މައުލޫމާތުދީފައިވާ ފަލަސްތީނުގެ ދެ މަސްދަރަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މިއީ ވިދިވިދިގެން ދެވަނަ އަހަރު އައްބާސަށް އެމެރިކާއިން ވިސާ ނުދިން ފަހަރެވެ.

Ad
d

އެމެރިކާއިން ފަލަސްތީނުގެ މަސްއޫލުވެރިންނާ ދެކޮޅަށް އަޅާފައިވާ ވިސާ ސަންކްޝަންތައް އިތުރަށް ފުޅާކުރުމަށް ނިންމުމަށްފަހު، ރައީސް އައްބާސްގެ ނަން ސީދާ ބުނެފައި ނުވިނަމަވެސް، ފަލަސްތީނުގެ އޮތޯރިޓީ (ޕީއޭ) އާއި ފަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) އިން ސުލްހައިގެ އެއްބަސްވުންތަކަށް ހުރުމަތްތެރިކޮށް ހިތާފައިނުވާ ކަމަށް އެމެރިކާއިން ވަނީ ތުހުމަތުކޮށްފައެވެ. އަދި ފަލަސްތީނުގެ އިދާރާތަކުން "ޓެރަރިޒަމް އިޝްތިހާރުކޮށް" އިސްރާއީލާއި ފަލަސްތީނުގެ ހަނގުރާމަ "ބައިނަލްއަގުވާމީ ކުރުމަށް" މަސައްކަތްކުރާ ކަމަށް އެމެރިކާގެ ބަޔާނުގައި ބުނެފައިވެއެވެ. އޮސްލޯ ސުލްހައިގެ އެއްބަސްވުމުގެ ދަށުން އުފެއްދި ޕީއޭ އާއި، އިސްރާއީލު ގަބޫލުކޮށް އަނިޔާވެރިކަން ދޫކޮށްލުމުން ފަލަސްތީނު ރައްޔިތުންގެ ރަސްމީ މަންދޫބުގެ ގޮތުގައި ބަލައިގަތް ޕީއެލްއޯއާ ދެކޮޅަށް އެމެރިކާއިން ފުރަތަމަ ފިޔަވަޅު އަޅާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުއެވެ. އެ ފަހަރު ފަލަސްތީނުގެ 80 މަސްއޫލުވެރިއަކަށް އދ.ގެ ބައްދަލުވުމަށް ދިއުމަށް ވިސާ ނުދީ ހިފެހެއްޓިއެވެ.

އެމެރިކާގެ މި ނިންމުމާ ގުޅިގެން ފަލަސްތީނުގެ ސަރުކާރުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މިދިޔަ އަހަރު ވިސާ ނުދިނުމުން ރައީސް އައްބާސްގެ ތަރުޖަމާނު ވަނީ އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ.ގެ ހެޑްކުއާޓާސް އެއްބަސްވުމާ މުޅިން ހިލާފު ކަމެއް ކަމަށް ބުނެފައެވެ. އދ.ގެ ހެޑްކުއާޓާސް އެއްބަސްވުމުގެ ދަށުން ނިއުޔޯކުގައިވާ އދ.ގެ އިދާރާއަށް ހާޒިރުވުމަށް ބޭރު ގައުމުތަކުގެ ދިޕްލޮމޭޓުންނަށް އެމެރިކާއިން ފުރުސަތު ދޭންޖެހެއެވެ. ނަމަވެސް ރައްކާތެރިކަމާއި، ހައްދުފަހަނައެޅުމާއި، އަދި ހާރިޖީ ސިޔާސަތުގެ ސަބަބުތަކަށްޓަކައި ވިސާ ނުދީ ހިފެހެއްޓުމުގެ އިޚްތިޔާރު ލިބިގެންވާ ކަމަށް ވޮޝިންޓަނުން ބުނެއެވެ.

މިދިޔަ އަހަރުގެ އާންމު މަޖިލީހުގައި ރައީސް އައްބާސް ތަގުރީރު ކުރެއްވީ ވީޑިއޯ މެދުވެރިކޮށެވެ. މިއަހަރުގެ ބައްދަލުވުމުގައިވެސް ވީޑިއޯ މެދުވެރިކޮށް އައްބާސަށް ތަގުރީރު ކުރެއްވުމުގެ ފުރުސަތު ދިނުމާމެދު އދ.ގެ އާންމު މަޖިލީހުގައި ހިމެނޭ 193 ގައުމުން ބުރާސްފަތި ދުވަހު ވޯޓު ނެގުމަށް ވަނީ ހަމަޖެހިފައެވެ. އދ.ގެ މެންބަރު ގައުމުތަކުގެ ތެރެއިން 75 އިންސައްތަ ގައުމުން ޔޫކޭ، ފްރާންސް، ކެނެޑާ އަދި އޮސްޓްރޭލިއާ ހިމެނޭގޮތަށް ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ވަނީ ބަލައިގެންފައެވެ. އދ.ގެ ސެކިއުރިޓީ ކައުންސިލްގެ ދާއިމީ ފަސް މެންބަރުންގެ ތެރެއިން ފަލަސްތީނު ދައުލަތް ބަލައިނުގަންނަ ހަމައެކަނި ގައުމަކީ އެމެރިކާއެވެ.

އެމެރިކާއިން މި ނިންމުން ނިންމާފައިވަނީ މިދިޔަ އޮކްޓޯބަރު މަހު ސުލްހައިގެ އެއްބަސްވުމަކަށް އައިސްފައިވީ ނަމަވެސް، އިސްރާއީލުން ދެމުންދާ ވައިގެ ހަމަލާތަކާއި އެހެނިހެން ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، މީހުން ނިޔާވެ، ގެދޮރުގެއްލެމުންދާތީ ހާލަތު އިންތިހާއަށް ގޯސްވެފައިވާ ކަމަށް އދ.އިން އިންޒާރު ދީފައިވާ ދަނޑިވަޅެއްގައެވެ.

އަންގާރަ ދުވަހު އިސްރާއީލުން ދިން ވައިގެ ހަމަލާތަކެއްގައި ފަލަސްތީނުގެ މަދުވެގެން ފަސް މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ދެ ކުޑަކުދިންނާއި ހަމާސްގެ ކޮމާންޑަރަކު ހިމެނޭ ކަމަށް ސިއްހީ މަސްއޫލުވެރިންނާއި ހަމާސްގެ މައުލޫމާތުތަކުން އެނގެއެވެ.

އިސްރާއީލު ސިފައިން ބުނީ ޣައްޒާގެ ދެކުނުން ހަމާސްގެ ކޮމާންޑަރަކާއި އުތުރުން އެހެން ހަނގުރާމަވެރިއަކު މަރާލާފައިވާ ކަމަށެވެ. އަދި މި ދެ ހަމަލާގައިވެސް ކުޑަކުއްޖަކު މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މީގެއިތުރުން، އިނގިރޭސިވިލާތުގެ ޗެރިޓީއެއް ކަމަށްވާ "މެޑިކަލް އެއިޑް ފޯ ޕެލެސްޓީނިއަންސް" އިން ބުނި ގޮތުގައި ޣައްޒާގެ އުތުރުގައިވާ ޖަބާލިއާގައި އެ ޖަމިއްޔާއިން އެހީތެރިކަން ފޯރުކޮށްދޭ ސިއްހީ މަރުކަޒަކަށް އިސްރާއީލުގެ ޑްރޯން ހަމަލާއެއް ދީ ބަލިމީހަކު ވަނީ މަރުވެފައެވެ. ނަމަވެސް އިސްރާއީލު ސިފައިންގެ ތަރުޖަމާނަކު ބުނީ އެފަދަ ހާދިސާއެއް ހިންގިކަން އެނގިފައިނުވާ ކަމަށެވެ.

Ad
df

ޣައްޒާގެ ހަނގުރާމަ ފެށިގެން ދިޔައީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސްއިން އިސްރާއީލުގެ ދެކުނަށް ދިން ހަމަލާއަށްފަހުއެވެ. އެ ހަމަލާގައި 1,200 އެއްހާ މީހުން މަރުވެ، 251 މީހުން ރަހީނުކުރިއެވެ. އޭގެ ފަހުން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ޣައްޒާއިން 73,790 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ހަމާސްއިން ހިންގާ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ. އދ.އިން ގަބޫލުކުރާ ގޮތުގައި މި އަދަދުތަކަކީ ސައްހަ އަދަދުތަކެކެވެ.