ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރުގެ ބޮންޑު ދެއްކުމުން، މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޔޫސަބަލް ރިޒާވް ވަރަށް ބޮޑަށް ދަށަށް ގޮސް، އަސާސީ ތަކެއްޗަށް ދައްކާނެ ފައިސާ ނެތް ހާލަތަކަށް ދާނެ ކަމަށް ކުރީގެ ރައީސް، އަދި އެމްޑީޕީގެ ޗެއަރޕާޝަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މީސްމީޑިއާގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރުގެ ބޮންޑު މިއަދުގެ ނިޔަލަށް ދައްކައި ނިންމަން ޖެހޭ ކަމަށެވެ. މާދަމާއިން ފެށިގެން އެމްއެމްއޭގެ ޔޫސަބަލް ރިޒާވް ވަރަށް ބޮޑުތަނުން ދަށްވާނެ ކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ކާޑުގެ ބާވަތްތަކާއި ތެލުގެ އިތުރުން ބޭހަށް ދައްކާނެ ފައިސާ ދެން ސަރުކާރުގައި ނުހުންނާނެ ކަމަށެވެ.
އިންޑިއާގެ 50 މިލިއަން ޑޮލަރުގެ ބޮންޑު މިއަދުގެ ނިޔަލަށް ދައްކަން ޖެހިފައިވާއިރު، މި ސަރުކާރުން ވަނީ ރެކޯޑް އަދަދަކަށް ދަރަނި ދައްކާފައެވެ. އެގޮތުން 2026 ވަނަ އަހަރުގެ ތެރޭގައި ބޭރުގެ ދަރަނި ދެއްކުމަށް 1.7 ބިލިއަން އެމެރިކާ ޑޮލަރު ދައްކަން ޖެހޭއިރު، މީގެ ތެރެއިން 500 މިލިއަން ޑޮލަރުގެ ސުކޫކާއި އިންޑިއާއާއެކު ހެދި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ސަރުކާރުން ވަނީ ކާމިޔާބުކަމާއެކު އަނބުރާ ދައްކާފައެވެ.
ދިވެހިރާއްޖޭގެ ޖުމްލަ ދަރަނި މިހާރު އުޅެނީ 148.9 ބިލިއަން ރުފިޔާގައެވެ. މިއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީގެ 124 އިންސައްތައާއި 129 އިންސައްތައާ ދެމެދުގެ އަދަދެކެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތައް ކަމަށްވާ ވޯލްޑް ބޭންކާއި އައިއެމްއެފުން ހާމަކުރާ ގޮތުގައި، ރާއްޖެ ހިމެނެނީ ދުނިޔޭގެ ނިސްބަތުންވެސް ދަރަނި އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައެވެ.
ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ބޭރުގެ ދަރަނި ދެއްކުމަށް ޑޮލަރުން ހޭދަކުރަން ޖެހުމުގެ ސަބަބުން، ރަސްމީ ރިޒާވް ދަށަށް ގޮސް ބާޒާރުގައި ޑޮލަރު ލިބުން ވަނީ ދަތިވެފައެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީގެ ގާތްގަނޑަކަށް 70 އިންސައްތަ ދަރަންޏާއި އޭގެ އިންޓްރެސްޓް ދެއްކުމަށް ހޭދަވާތީ ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ހޭދަ މަދުކުރަން ޖެހެއެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ރޭޓިން އެޖެންސީއެއް ކަމަށްވާ ފިޗް ރޭޓިންގްސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން 'CC' (ޖަންކް ސްޓޭޓަސް) އަށް ދަށްކޮށްފައިވާތީ، ބޭރުގެ މާލީ ބާޒާރުތަކުން ހެޔޮ އަގުގައި ލޯނު ހޯދުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.
މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި ސަރުކާރުން ދަނީ "ހޯމްގްރޯން ފިސްކަލް ރިފޯމް" އެޖެންޑާއެއްގެ ދަށުން ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ ޓީޖީއެސްޓީ 17 އިންސައްތައަށް ބަދަލުކުރުމާއި، ރިސޯޓުތަކުން ލިބޭ ޑޮލަރު ބޭންކިން ނިޒާމުގެ ތެރޭގައި މާރުކުރަންޖެހޭ ގޮތް ހެދުން ހިމެނެއެވެ. މީގެ އިތުރުން، ސަބްސިޑީތައް ހަމައެކަނި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދޭ ގޮތަށް ބަދަލުކުރުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް ރީސްޓްރަކްޗާ ކުރުމުގެ އިތުރުން ކާޑުގެ ބާވަތްތަކާއި ތެލަށް ކުރާ ހޭދަ ކުޑަކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!