ވަރލްޑް ބޭންކުން ދެކުނު އޭޝިއާ ސަރަޙައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް ޔޮހާނަސް ޒުޓް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު ހެނދުނު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައި ކުރިއަށް ގެންދެވި މިބައްދަލުކުރެއްވުމުގައި ވަރލްޑް ބޭންކުގެ ސަރަޙައްދީ ނައިބު ރައީސް ޒުޓް ވަނީ، އެ ބޭންކަށް އެހީތެރިކަން ފޯރުކޮށްދެވެން ހުރި ދާއިރާތަކުން ރާއްޖެއަށް އެއްބާރުލުން ދިނުމަށް އަބަދުވެސް ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ބޭރުން ތެޔޮ އެތެރެކުރުމަށް ބަރޯސާވާ މިންވަރާއި، އެކަމާ ގުޅިގެން ކުރިމަތިވާ ނާޒުކު ޙާލަތްތައް ކުޑަކުރުމަށްޓަކައި، އިއާދަކުރަނިވި ހަކަތައިގެ ބޭނުން ހިފުމުގެ ފުރުޞަތު ފުޅާދާއިރާއެއްގައި އޮތްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ad
d

ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރލްޑް ބޭންކުން ރާއްޖެއަށް މެދުކެނޑުމެއްނެތި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމާއި ހަކަތައިގެ ދާއިރާ ހަރުދަނާކުރުން ހިމެނޭހެން، ސަރުކާރުން އިސްކަންދެއްވާ މުހިންމު ތަރައްޤީގެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

ޚާއްޞަ ގޮތެއްގައި، ބޭރުން އެތެރެކުރާ ފޮސިލް ފިއުލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި، ތެޔޮ އެތެރެކުރުމަށް ހިނގާ ޚަރަދު ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް މި ބައްދަލުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ. އެގޮތުން، އަތްފޯރާ އަގެއްގައި އިތުބާރު ހިފޭ އަދި ދެމެހެއްޓެނިވި ހަކަތައިގެ ޙައްލުތަކެއް ހޯދުމުގެ މުހިންމުކަމާއި، މި ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.

މީގެއިތުރުން، ޞިއްޙީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމާ ގުޅޭގޮތުންވެސް މިއަދުގެ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނެވެ. އަދި ދައުލަތުގެ ޚަރަދުތައް ކުޑަކުރަމުންދާއިރު، ތަރައްޤީގެ މަސައްކަތްތަކަކީ ދެމެހެއްޓެނިވި އަދި ޤައުމުގެ ދުރު ރާސްތާގެ ބޭނުންތަކަށް ރިޢާޔަތްކުރެވިގެން ހިންގޭ މަޝްރޫޢުތަކަކަށް ހެދުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

Ad
df

ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި ކުރިއަށް ރޭވިފައިވާ ތަރައްޤީގެ މަސައްކަތްތަކަށް ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ރާއްޖޭގެ ތަރައްޤީގެ ފުޅާ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި ދެފަރާތުގެ ދެމެހެއްޓެނިވި ގުޅުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، މިފަދަ ތަރައްޤީގެ މަސައްކަތްތައް ފުރިހަމަކުރުމުގައި އަމިއްލަ ވިޔަފާރިތަކުން އަދާކުރާ ދައުރުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.