ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ސްޕެޝަލް ކޮންސްޓަބިއުލަރީ އަސާސީ ތަމްރީނު ކޯހުގެ 11 ވަނަ ބުރު ކުޅުދުއްފުށި ސިޓީގައި ފަށައިފިއެވެ.
މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ މި ތަމްރީނު ކޯހަކީ ހަތަރު ހަފުތާގެ މުއްދަތަށް ރޭވިގެން ކުރިއަށްދާ ކޯހެކެވެ.
މި ކޯހަކީ ސްޕެޝަލް ކޮންސްޓަބިއުލަރީ ފުލުހުންނަށް ބޭނުންވާ އަސާސީ ތަމްރީނާއި ތަފާތު މުހިންމު ހުނަރުތައް ދަސްކޮށްދިނުމުގެ މަގުސަދުގައި ހިންގާ ހާއްސަ ޕްރޮގްރާމެކެވެ.
މި ފަހަރުގެ ބުރުގައި ސްޕެޝަލް ކޮންސްޓަބިއުލަރީގެ ޖުމްލަ 19 ފުލުހުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 16 ފިރިހެން ފުލުހުންނާއި 3 އަންހެން ފުލުހުންނެވެ.
މިއީ ސްޕެޝަލް ކޮންސްޓަބިއުލަރީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ބޭނުންވާ އިލްމާއި އަމަލީ ހުނަރުތައް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ކޯހެކެވެ. މީގެ އިތުރުން ފުލުހުންގެ ސުލޫކީ މިންގަނޑުތަކާއި ޕްރޮފެޝަނަލް މިންގަނޑުތަކަށް ބައިވެރިން އަހުލުވެރިކުރުވުންވެސް މި ތަމްރީނުގެ މުހިންމު ބޭނުންތަކުގެ ތެރޭގައި ހިމެނެއެވެ.
މި ކޯހުގެ ތެރެއިން ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ފިޒިކަލް ޓްރެއިނިންގ އަދި ލައިފް ސްޓައިލް ފިޓްނެސް، ޑްރިލް، ޔޫސް އޮފް ފޯސް އެންޑް ޑިފެންސިވް ޓެކްނިކްސް، އަދި ސެކިއުރިޓީ ސްކިލްސް ހިމެނެއެވެ.
އޭގެ އިތުރުން ގާނޫނުތަކާއި، ކޮމިއުނިކޭޝަން އެންޑް ޕޮލިސިންގ، ލައިފް ސޭވިންގ ސްކިލްސް، ބޭސިކް ފަސްޓްއެއިޑް އަދި ބޭސިކް ފަޔަރ ކޮންޓްރޯލް ފަދަ ބައިތައް ވެސް މި ކޯހުގެ މުގައްރަރުގައި ހިމަނައިގެން އަންނަނީ ކިޔަވައިދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!