މާތްވެގެންވާ މައްކާއަށް އަމާޒުކޮށް ހޫޘީން ދޭން އުޅުނު ޑްރޯން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކުރައްވައި މިއަދު ޙިއްޞާކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، އިސްލާމްދީނުގެ އެންމެ މާތް ބިމުގެ އަމާންކަމާއި ޙުރުމަތަށް ނުރައްކާވާ ފަދަ ކޮންމެ ޢަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ މުޅި އިސްލާމީ އުންމަތަށް ކުރިމަތިކުރެވޭ ފުރައްސާރައެއް ކަމުގައެވެ.

Ad
d

މީގެ އިތުރުން، ދިވެހިރާއްޖެއިން އަބަދުވެސް އޮންނާނީ ސަޢޫދީ ޢަރަބިއްޔާއާ އެކު ފުރިހަމަ އެއްބައިވަންތަކަންމަތީގައިކަން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އަދި، މާތްވެގެންވާ މައްކާއާއި އެ ސިޓީގެ ރައްޔިތުންނާއި އަޅުކަމަށް ގޮސްއުޅޭ ޢުމްރާވެރިން އަދި ޙައްޖާޖީން ރައްކާތެރިކުރުމުގައި ރޯޔަލް ސަޢޫދީ އެއަރ ޑިފެންސް ފޯސަސްއިން އަޅުއްވާ އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކަށް އެމަނިކުފާނު ވަނީ ތަޢުރީފުކުރައްވާފައެވެ. އަދި މިފަދަ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވަމުން، މިމައްސަލައިގައި އިތުރަށް މަސްރަޙު ގޯސްވިޔަނުދީ، ސުލްޙައާއި މަޝްވަރާގެ މަގު އިޚުތިޔާރުކުރުމަށް ގުޅުންހުރި އެންމެހައި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ޔަމަނުގެ ގާނޫނީ ސަރުކާރަށް އެހީތެރިވާ ކޯލިޝަނާ ހަވާލާދީ ސައޫދީ ދައުލަތުގެ މީޑިއާއިން ބުނިގޮތުގައި، މައްކާގެ މާތް ބިމުގެ މަތިން ދަތުރުކުރުން މަނާކޮށްފައިވާ ސަރަހައްދަށް ވަނުމުގެ ކުރިން، މައްކާގެ ދެކުނުން ހޫތީން ފޮނުވާލި ޑްރޯނެއް ސައޫދީ އެއާ ޑިފެންސުން ވަނީ އަންގާރަ ދުވަހުގެ ހަވީރު ވައްޓާލައި، އެ ހަމަލާ ނާކާމިޔާބުކޮށްލާފައެވެ.

ކޯލިޝަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލްމާލިކީ ވިދާޅުވީ، ސައޫދީ ރޯޔަލް އެއާ ޑިފެންސް ފޯސަސްއިން މި ޑްރޯން ވައްޓާލާފައިވަނީ ސެޕްޓެމްބަރު 15 ވީ އަންގާރަ ދުވަހުގެ ހަވީރު 6:50 ހާއިރު ކަމަށެވެ. އަދި އެ ޑްރޯން ވައްޓާލީ މައްކާގެ އުޑުމަތިން ދަތުރުކުރުން މަނާކޮށްފައިވާ ސަރަހައްދުގެ ތެރެއަށް އޭތި ވަނުމުގެ ކުރިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިއީ ހޫތީން މައްކާއަށް އަމާޒުކޮށް ހަމަލާއެއް ދޭން އުޅުނު ދެވަނަ ފަހަރުކަން ފާހަގަކުރައްވަމުން، މީގެ ކުރިން 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުވެސް ހޫތީން މައްކާއަށް އަމާޒުކޮށް ބެލިސްޓިކް މިސައިލެއް ފޮނުވާލާފައިވާ ކަމަށް އަލްމާލިކީ ވިދާޅުވިއެވެ.

އަލްމާލިކީ އިތުރަށް ވިދާޅުވި ގޮތުގައި، ހޫތީންގެ މި އަމަލަކީ މުޅި ދުނިޔޭގެ މުސްލިމުންގެ ގާތުގައި ނުހަނު ބޮޑު ދީނީ އަހަންމިއްޔަތެއް އޮތް މާތް ރަށަކަށް އަމާޒުކޮށް ދީފައިވާ ހަމަލާއެކެވެ. އަދި މިއީ އެ ރަށުގައި ތިބި އަޅުކަންކުރާ މީހުންނާއި، ސައޫދީ ރައްޔިތުންގެ އިތުރުން އެ ގައުމުގައި ދިރިއުޅޭ އެހެނިހެން ވަޒަންވެރިންގެ ނުރައްކަލުގެ ތެރެއަށް ވައްޓާލައި ބިރުވެރިކަން އުފެއްދުމަށް ދިން ހަމަލާއެއް ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ.

Ad
df

މީގެއިތުރުން، ދެ ހަރަމްފުޅާއި އަޅުކަންކުރަން އަންނަ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަކީ ފަހަނައަޅައި ދެވިގެންނުވާނެ "ރަތް ރޮނގެއް" ކަމަށް އަލްމާލިކީ ވިދާޅުވިއެވެ. އަދި ހޫތީންގެ މިފަދަ ހަމަލާތައް ހުއްޓުވައި، އެފަރާތްތަކުގެ ނުރައްކަލުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅުމަށް ކޯލިޝަނުން ފަސްނުޖެހޭނެ ކަމަށްވެސް ކޯލިޝަންގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.