ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުގައި (އީއީޒެޑް) ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި ބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 16 ސެޕްޓެމްބަރު 2026 ގައި، ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓުގާޑުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.

Ad
d

އެމްއެންޑީއެފް ކޯސްޓުގާޑުން ބުނި ގޮތުގައި، މި ބޯޓު ހަރަކާތްތެރިވަމުން ދިޔައީ ކ. ދިއްފުށީގެ އިރުން 123 ނޯޓިކަލް މޭލު ބޭރުގައެވެ. ޖުމްލަ 6 މީހުންނާއެކު ފެނުނު މި މަސްބޯޓު، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މިހާރު މާލެއަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބޭރު ގައުމުތަކުގެ މަސްބޯޓުތައް ވަދެ، ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް ކޯސްޓްގާޑުން މީގެ ކުރިންވެސް އެކި ފަހަރު މަތިން ވަނީ ހިފަހައްޓާފައެވެ.

އާންމުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުމުގެ ސަބަބުން ނުވަތަ ހުއްދައެއް ނެތި ވަނުމުގެ ސަބަބުން އަތުލައިގަނެވެނީ ސްރީލަންކާ އަދި އިންޑިއާގެ މަސްބޯޓުތަކެވެ. މިފަދަ އުޅަންދުފަހަރު ރާއްޖޭގެ ސަރަހައްދަށް ވަންނަ މައްސަލަތައް ކޯސްޓުގާޑުން އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ.

Image

ޤާނޫނާ ޚިލާފަށް އުޅޭ މިފަދަ ބޯޓުތަކާމެދު ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމުގެ ފިޔަވަޅު އަޅައެވެ. އަދި ބައެއް ޙާލަތްތަކުގައި ކޯޓު މެދުވެރިކޮށް ބޯޓާއި އޭގެ ސާމާނު ދައުލަތަށް ބަދަލުކުރާއިރު، ތަޙުޤީޤަށްފަހު ބޯޓުގެ ފަޅުވެރިން އާންމުކޮށް އެނބުރާ އެމީހުންގެ ޤައުމަށް ފޮނުވާލެވެއެވެ.

Ad
df

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ މަސްބޯޓެއް ފެނިއްޖެނަމަ، ލަސްނުކޮށް އެކަން އެމްއެންޑީއެފް ކޯސްޓްގާޑަށް ނުވަތަ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް (އެމްއާރުސީސީ) ރިޕޯޓްކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.