ބ. އޭދަފުށީގެ އިރުދެކުނުން ކަނޑަށް އެޅުނު ލަކުޑިފަތިތަކެއް އޮޔާދާކަމުގެ މައުލޫމާތު ލިބިފައިވާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
މިއީ އޭދަފުށީގެ އިރުދެކުނުން ހަތަރު ނޯޓިކަލް މޭލު ބޭރުން ދޯންޏެއް އަރިއަޅައިލުމުގެ ސަބަބުން ކަނޑަށް އެޅިގެން އޮޔާދާ ތަކެއްޗެވެ.
މި ތަކެތި އޮޔާދާނެ ކަމަށް ލަފާކުރެވެނީ އިރުމައްޗަށެވެ. އެހެންކަމުން، މި ސަރަޙައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޚާއްޞަކޮށް، ރޭގަނޑުގެ ވަގުތުތަކުގައި މި ސަރަޙައްދުން ދަތުރުކުރައްވާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް ވަނީ ދަންނަވައިފައެވެ.
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެލެއްވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މިގޮތުން ކަނޑުދަތުރު ކުރައްވާ ނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގެވުމަށް ފަހުގައި ނޫނީ ދަތުރު ނުކުރެއްވުމަށާއި، ދަތުރުކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރެއްވުމަށް ވަނީ އެދިފައެވެ.
މީގެއިތުރުން މުދާ އުފުލާ އުޅަނދުފަހަރުން، މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރެއްވުމަށާއި، މުދާތައް ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ދަތުރުކުރައްވާ ފަރާތްތަކުން ލައިފްޖެކްޓް އަޅައި، އިތުރަށް ސަމާލުވެލެއްވުމަށްވެސް ވަނީ އަންގައިފައެވެ.
ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުގެ އިތުރުން، ޑައިވިންގ އަދި ވޯޓަރ ސްޕޯޓްސް އިންތިޒާމުކުރައްވާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރެއްވުމަށްވެސް ވަނީ އަންގައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!