ހުޅުމާލެ ފޭސް 2 ގައި ޕާކުކޮށްފައި އޮތް ކާރެއްގައި ޖެހި މަޑުނުކޮށް ދިޔަ އުޅަނދެއް ދުއްވަން އިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ، ސެޕްޓެމްބަރު 14 ވަނަ ދުވަހުގެ ރޭ 19:10 އެހައިކަންހާއިރު ހުޅުމާލެ ފޭސް 2، ބެރެބެދިމާ ހިނގުމުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އުޅަނދަކުން ޖެހުމަށްފަހު މަޑުނުކޮށް ގޮސްފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން އެ އުޅަނދު ދުއްވި މީހާ ވަނީ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

Ad
d

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނެސްޓް / ލ. ކަލައިދޫ، ޣުފްރާން ޚާލިދު (26އ) އެވެ.

އޭނާ ހައްޔަރުކުރިއިރު މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތު ކުރެވުމާ ގުޅިގެން، އޭނާ ދުއްވި އުޅަނދު ބަލައި ފާސްކުރިއިރު ބަނގުރާ ހުރި ދަޅަކާއި ބަނގުރާ ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ޣުފްރާން ޚާލިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

Ad
df

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.