އަންނަ ޑިސެމްބަރުމަހު ބޭއްވުމަށް ހަމަޖެހިފައިވާ ތިންވަނަ އެމްއެމްއޭ ރިސާޗް ކޮންފަރެންސަށް ހުށަހެޅޭ ދިރާސާ ކަރުދާސްތައް ބަލައި އެސެސްކުރުމަށްޓަކައި "ޕިއާ ރިވިއު ޕޫލް"ގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުވާލައިފިއެވެ.
މިއީ އެ ކޮންފަރެންސަށް ހުށަހެޅޭ އިލްމީ މަސައްކަތްތަކުގެ ފެންވަރު ވަޒަންކޮށް، ދިރާސާތަކުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި އެމްއެމްއޭއިން ކުރިއަށްދާ ކަމެކެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި މި ޕިއާ ރިވިއު ޕޫލްގައި ހިމެނޭނީ ތައުލީމީ ދާއިރާގެ ބޭފުޅުންނާއި، ދާރިސުންގެ އިތުރުން ތަފާތު އެކި ފަންނުތަކުގެ މާހިރުންނެވެ. މި ޕޫލަށް ހޮވޭ ފަރާތްތަކުގެ މައިގަނޑު މަސްއޫލިއްޔަތަކީ ކޮންފަރެންސަށް ހުށަހެޅޭ ދިރާސީ ކަރުދާސްތަކުގެ ފަންނީ ފެންވަރު ވަޒަންކުރުމާއި، މައުލޫމާތުގެ ސައްހަކަމާއި ދިރާސާގެ މައުޟޫގެ މުހިންމުކަމުގެ މައްޗަށް ބިނާކޮށް މިނިވަން އަދި އިލްމީ ޚިޔާލު ފޯރުކޮށްދިނުމެވެ.
މި ޕޫލްގައި ބައިވެރިވެވޭނީ އެކި ދާއިރާތަކުން ފަންނީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ. އެގޮތުން މެކްރޯ އިކޮނޮމިކްސް، މަނިޓަރީ އިކޮނޮމިކްސް، އިސްލާމިކް ފައިނޭންސް، ޕަބްލިކް ފައިނޭންސް، ފަތުރުވެރިކަން، ބައިނަލްއަގްވާމީ ވިޔަފާރި އަދި ޑިޖިޓަލް ފައިނޭންސްގެ ދާއިރާގެ އިތުރުން، ކޮންފަރެންސާ ގުޅުންހުރި އެހެނިހެން ދާއިރާތަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށްވެސް ކުރިމަތިލެވޭނެއެވެ.
އެމްއެމްއޭގެ ރިސާޗް ކޮންފަރެންސަށް ހުށަހެޅޭ ކަރުދާސްތައް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްދާނީ "ޑަބަލް ބްލައިންޑް ޕިއާ ރިވިއު" އުސޫލުން ކަމަށް އެ އޮތޯރިޓީން ބުނެއެވެ. މިއީ އިވެލުއޭޓްކުރާ ނުވަތަ ރިވިއު ކުރާ ފަރާތަށާއި ދިރާސާ ހުށަހަޅާ ދާރިސަށްވެސް، އެކަކު އަނެކަކީ ކާކުކަން ނޭނގޭނޭހެން މިނިވަންކަމާއެކު މުރާޖާއާ ކުރުމުގެ އުސޫލެކެވެ.
މި ޕިއާ ރިވިއު ޕޫލްގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް މަސައްކަތް ނިންމާ ފަރާތްތަކަށް ޚާއްސަ އިނާޔަތްތަކެއް ލިބިގެންދާނެއެވެ. އެގޮތުން، އެ ފަރާތްތަކަށް ސެޓްފިކެޓާއި، މަސައްކަތުގެ އުޖޫރައިގެ އިތުރުން އެ ނޫންވެސް އިތުރު ފުރުސަތުތައް ލިބިގެންދާނެ ކަމަށް އެމްއެމްއޭއިން މައުލޫމާތު ދެއެވެ.
ޕިއާ ރިވިއުއާއަކަށް ވުމަށް އެދި އެޕްލިކޭޝަން ހުށަހަޅަންޖެހެނީ ރިސާޗް ކޮންފަރެންސްގެ ވެބްސައިޓުގައިވާ ޕިއާ ރިވިއުއާ ފޯމު ފުރައިގެންނެވެ. މި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 27 ސެޕްޓެންބަރު 2026 އެވެ. ތިންވަނަ އެމްއެމްއޭ ރިސާޗް ކޮންފަރެންސް 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ 5 އިން 7 ޑިސެންބަރު 2026 އަށެވެ.
އެޕްލިކޭޝަން ލިންކް: https://researchconference.mma.gov.mv/peer-reviewers/apply
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!