ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެ މަޤާމަކަށް މިނިސްޓަރުންގެ ފެންވަރުގައި ދެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސްގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ ގ. ފިނިވިލު، މުޙައްމަދު ޠަލާލެވެ. އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ ގދ. ތިނަދޫ ޝިފާ، އަޙްމަދު ޙަބީބެވެ.

Ad
d

މުޙައްމަދު ޠަލާލްގެ ތަޖުރިބާ

ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސްގެ މަޤާމަށް ޢައްޔަންކުރެއްވި މުޙައްމަދު ޠަލާލް މީގެ ކުރިން ހުންނެވީ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޤާމުގައެވެ. މުޙައްމަދު ޠަލާލަކީ ސަރުކާރާއި ދައުލަތުގެ މުހިންމު އިސް މަޤާމުތަކެއް ކުރިންވެސް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން ޠަލާލް ވަނީ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރުގެ ސީނިއަރ ކަރިކިއުލަމް ޑިވެލޮޕަރުގެ މަޤާމާއި، އިލެކްޝަންސް ކޮމިޝަންގެ އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލް ކަމާއި ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމު އަދާކުރައްވާފައެވެ. މީގެއިތުރުން މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ޓެކްނިކަލް އެޑްވައިޒަރ ޓު ދަ މިނިސްޓަރ ކަމުގެ މަޤާމާއި، މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ޠަލާލް ވަނީ ކުރައްވާފައެވެ. އަދި އޭނާއަކީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ކުރިއެރުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވަމުންގެންދަވާ ބޭފުޅެކެވެ.

އަޙްމަދު ޙަބީބްގެ ތަޖުރިބާ އަދި ތަޢުލީމީ ފަސްމަންޒަރު

ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަޤާމަށް ޢައްޔަންކުރެއްވި އަޙްމަދު ޙަބީބް މީގެ ކުރިން ހުންނެވީ ވިލާ އެއަރގެ ޖެނެރަލް މެނޭޖަރެއްގެ މަޤާމުގައެވެ. ޙަބީބް ވަނީ މީގެ ކުރިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުވެސް ފުރުއްވާފައެވެ. މީގެއިތުރުން ވިލާ ހަކަތައިގެ މެނޭޖަރުގެ މަޤާމާއި، ވިލާ އެއަރގެ ކާޑެއްދޫ އެއަރޕޯޓްގެ ޑެޕިއުޓީ މެނޭޖަރުކަން ވެސް ޙަބީބް ވަނީ އަދާކުރައްވާފައެވެ.

Ad
df

އަޙްމަދު ޙަބީބަކީ އޮސްޓްރޭލިއާގެ ކަރޓިން ޔުނިވަރސިޓީން މާސްޓަރ އޮފް ސައިންސް އިން ޕްރޮޖެކްޓް މެނޭޖްމަންޓް ޑިގްރީ ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.