ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ފަރާތުން ހއ. ދިއްދޫގައި ތެޔޮ ގުދަންކޮށް ތެލުގެ ވިޔަފާރި ހިންގުމަށްޓަކައި، ބިން ހަމަޖެއްސުމާ ގުޅޭގޮތުން ދިއްދޫ ކައުންސިލާއެކު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
ދިއްދޫ ކައުންސިލުން ބުނިގޮތުގައި މި ބައްދަލުވުމުގައި އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ފާތިމަތު އަޝަން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އެ ރަށުގައި ތެލުގެ ޚިދުމަތް ފުޅާދާއިރާއެއްގައި ފޯރުކޮށްދިނުމަށް ބޭނުންވާ ބިން ހަމަޖެއްސުމާ ގުޅޭގޮތުންކަމަށް ވެސް ދިއްދޫ ކައުންސިލުން ބުންޏެވެ.
ދިއްދޫ ކައުންސިލުން މަޢުލޫމާތު ހާމަކޮށްފައިވާ ގޮތުގައި، އެފްއެސްއެމް އިން ފިއުލް ޝެޑެއް ނުވަތަ ފިއުލް ސްކިޑެއް ޤާއިމުކުރުމަށްޓަކައި ދިއްދޫ ބަނދަރުގެ އުތުރު ސަރަހައްދުން 7000 އަކަފޫޓަށްވުރެ ބޮޑު ބިމެއް ހަމަޖައްސައިދެވެން އޮތްކަން ވަނީ ހާމަކޮށްފައެވެ. އަދި މި ބައްދަލުވުމުގައި އެ ބިމުގެ މެޕް ވަނީ އެކުންފުންޏާ ހިއްސާކޮށްފައެވެ.
މީގެއިތުރުން، އެ ބިމުގައި ޤާއިމުކުރެވެން އޮތް އެންމެ ބޮޑު ފިއުލް ސްޓޯރޭޖް ފެސިލިޓީއެއް ޤާއިމުކޮށްދެއްވުމަށް ކައުންސިލްގެ ފަރާތުން ވަނީ އެފްއެސްއެމްގައި އެދިފައެވެ.
ދިއްދޫ އާއި ކުޅުދުއްފުށީ ސިޓީގައި އެފްއެސްއެމްގެ ފިއުލް ޝެޑު ގާއިމުކުރަނީ
އެފްއެސްއެމްގެ އެމްޑީ ފާތިމަތު އަޝަން ވަނީ ކުޅުދުއްފުށީ ސިޓީއަށް ވަޑައިގެން އެ ސިޓީގައި ވެސް އެ ކުންފުނީގެ ޚިދުމަތް ފެށުމަށް މަޝްވަރާކޮށްފައެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި، އެފްއެސްއެމްގެ ފަރާތުން ފިއުލް ޝެޑެއް ނުވަތަ ފިއުލް ސްކިޑެއް ގާއިމުކުރުމަށްޓަކައި ބޮޑުމުހައްމަދު ކަލޭފާނު ބަނދަރު ސަރަހައްދުން ޖުމްލަ 10،000 އަކަފޫޓަށްވުރެ ބޮޑު ބިމެއް ހަމަޖެއްސައިދެވެން އޮތްކަން އެފްއެސްއެމްގެ އެމްޑީ އަށް ވަނީ ދަންނަވާފައެވެ.
އެފްއެސްއެމް އިން ހއ. ދިއްދޫގެ އިތުރުން ހދ. ކުޅުދުއްފުށީ ސިޓީގައި ތެޔޮ ޝެޑުތަކެއް ގާއިމުކުރުމުގެ މަސައްކަތް ފެށިކަން އިއުލާންކޮށްފައިވަނީ މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.
މިއީ ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ. މި މަޝްރޫއުގެ ދަށުން މިހާރުވެސް ހއ. އިހަވަންދޫ އާއި ހދ. ހަނިމާދޫގައި އެފްއެސްއެމްގެ ފިއުލް ޝެޑުތަކުން ދަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!